ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މިއަދު މެންދުރު ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.
އެ މުޒާހަރާގެ ތެރެއިން 24 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވެސް ހިމެނެއެވެ.
އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މިއަދު މެންދުރު ކުރި މުޒަހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިރޭ އިދިކޮޅުން ބޭއްވި އެއްވުމުގެ ތެރެއިން ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ލަތީފް ހައްޔަރުކޮށްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ގޮވާލާއި އިދިކޮޅުން މުޒާހަރާކޮށްފައިވާއިރު، އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކުރުމުން އިދިކޮޅުން ވަނީ ސީދާ ހަރަކާތަށް ނިކުންނަން ނިންމާފައެވެ.

