ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލު ކުރާ މީހުން ކުޑަކުދިންނަށް އަމާޒުކޮށް ޕްރޮގްރާމުތައް ހިންގައި، މައިންބަފައިންގެ ބަސް ކޮންމެހެން ގަބޫލު ކުރަން ނުޖެހޭކަމަށް އެ ކުދިންނަށް ވިސްނައިދޭން މަސައްކަތް ކުރިމަމަށް ފުލުހުން ހާމަކޮށްފިއެވެ.
ނިރުބަވެރި އަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި ތިމަރަފުށީގައި ފުލުހުން އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އަދި މާލެ ކައިރީން ”ނަސާހް 3“ ނަމަކަށް ކިޔާ ދޯންޏަކުން ބަޔަކު ހައްޔަރު ކުރި އެވެ. ފުލުހުން އެ އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ، އެ ދޯނީގައި އައިއީޑީއެއް ގޮއްވާލުމަށް ބަޔަކު ރާވަމުން ދާ ކަމުގެ މައުލޫމާތު ލިބުމުންނެވެ. ފުލުހުން ވަނީ އެ ދޯނިން، ބޮން ގޮއްވުމަށް ބޭނުން ކުރާ ބައެއް ސާމާނު ދޯނިން ހޯދާފަ އެވެ. ދޯނި އަޅާފައި އޮތް ސަރަޙައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭކަމަށް ބެލެވޭ ކާޓްރިޖްތަކެއް ވެސް ފުލުހުންނަށް ފެނިފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ތިމަރަފުށިންނާއި، ދޯނިން ހައްޔަރު ކުރި މީހުންނާއި ބެހޭ މައުލޫމާތުތައް މީޑިއާތަކާއި ހިއްސާކޮށް ފުލުހުން ބުނީ އެ މީހުންގެ އަތުން، ގޮވާތަކެތި ހަދާނެ ގޮތުގެ މެނުއަލްތައް ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނީ، ހައްޔަރު ކުރި މީހުން ދިޔައީ އައިސިސް ޖަމާއަތުގެ އިރުޝާދުގެ ދަށުން ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރާވަމުން ކަމަށެވެ.
އެ މީހުން ޓެރަރިޒަމްގެ ހަމަލާތައް ދޭނެ ގޮތާއި، ބެހޭ މައުލޫމާތުތައް އިންޓަނެޓުން ހޯދަމުން ދިޔަކަން، ބައިނަލްއަގުވާމީ އިންޓަލިޖެންސް އިދާރާތަކުން ފުލުހުންނަށް އަންގާފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.
ތިމަރަފުށީގައި ހިންގި އޮޕަރޭޝަނުން ހަރުކަށި ފިކުރަށް މީހުން ލެންބުވުމަށް ކުރާ ގިނަ ކަންތައްތަކެއް ތަހުގީގަށް ފުލުހުން ހޯދާފައި ވެއެވެ. އެގޮތުން ހަރުކަށި ފިކުރު ގަބޫލުކޮށް އެފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުޑަކުދިންނަށާއި، ދަތި ހާލުގައި އުޅޭ މީހުންނަށާއި، ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ މަރުހަލާގައި ދީނީ އަޅުކަންތައް އާއްމު އުސޫލުންކުރުމަށް ބާރު އަޅައި ވާހަކަ ދައްކައި ދީނީ ކަންކަމަށް ޝައުގުވެރިކުރުވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައި ވެއެވެ.
މީގެ އިތުރުން ނަމާދު ކުރަން ދިއުމަށް ބާރުއަޅައި، އެފަދައިން ނަމާދުކުރަން ދާންފެށުމުން މިސްކިތުގެ ޖަމާއަތަށް އަރަން ނުޖެހޭނެކަމާއި، ސަރުކާރުން ކަނޑައަޅާ އިމާމުންގެ ފަހަތުގައި ނަމާދުކުރުން ހުއްދަ ނުވާނެކަމަށް ބުނެ އެފަރާތްތައް ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުވުމަށް އެ މީހުން ބާރު އަޅަމުން ގެންގޮސްފައި ވެއެވެ. އަދި ދީނީގޮތުން ހިލާފު އުފެދޭ އެކި ބާވަތުގެ ވީޑިއޯތައް ދައްކައި، ހަރުކަށި ފިކުރާ ގުޅުންހުރި އެކި ފޮތްތައް ކިޔަން ބާރު އަޅަމުން ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކުޑަކުދިންނަށް އަމާޒުކޮށް ހިންގި ޕްރޮގްރާމުތަކުން، އެ ކުދިން ކޮންމެހެން ބެލެނިވެރިންގެ ބަސް ގަބޫލު ކުރަން ނުޖެހޭކަން ސިކުނޑިއަށް ވައްދަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ހަރުކަށި ފިކުރު ގަބޫލު ކުރާ މީހުންނަކީ އެ ކުދިންނަށް ހެޔޮ އެދޭ އަހުންކަމަށް ދައްކައި އެ ގޮތަށް ބާރު އަޅާފައިވާ ކަމަށެވެ. ހަރުކަށި ފިކުރުގެ މީހުން ދައްކާ ވާހަކަތައް ގަބޫލު ކުރާ ކުދިންނަށް، ފައިސާ އާއި، އަދި އެ ކުދިން ލޯބިކުރާ ތަކެތި ގަނެދީ ހިތް އަނބުރާލަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

