ކޮވިޑު-19 ގެ ސަބަބުން، އެއް އަހަރު ދުވަހަށް ފަސް ކުރަން ޖެހުނު ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް މަހުގެ ދިހައެއްގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އިންތިހާބުގެ ތައްޔާރީތަކައި ގުޅޭގޮތުން މައުލޫމާތުތައް ހިއްސާކޮށް އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކޮމިޝަނުން އިންތިހާބަސް ވާންޖެހޭ ތައްޔަރީތައް މި މަހުގެ 29 ވަނަ ދުވަހު ފަށާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ، އެ ތާރީހުގައި އިންތިހާބު ބޭއްވުމަށް ކޮމިޝަނުން ނިންމީ، އިންތިހާބުގެ ގާނޫނާއި، ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ގެނައި އިސްލާހުތަކަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށެވެ.
އީސީން މި އަހަރުގެ ޖޫން މަހުގެ ތާރީހެއްގައި އިންތިހާބު ބޭއްވުމަށް މަޝްވަރާކުރި އެވެ. އޭރު އީސީން އެދުނީ ސިޔާސީ ޕާޓީތަކުން އެގޮތަށް އެއްބަސްވެ، މަސައްކަތް ކުރުމަށެވެ.
އިންތިހާބުގެ ވަގުތީ ގާނޫނުގައިވާ ގޮތުން މެއި 09 ގެ ފަހުން، އިންތިހާބު ބޭއްވުމުގެެ ބާރު އީސީއަށް ގެއްލިގެންދާނެ ކަމަށް އެ ކޮމިޝަންގެ ލީގަލް ޓީމުން ވަނީ ލަފާދީފަ އެވެ. އަދި އެޗްޕީއޭ ކަނޑައަޅާ އުސޫލާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް އީސީއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅިގެން ކަންބޮޑުވުން ހިއްސާކުރެއްވި އެވެ.
އިންތިހާބާބެހޭ ހާއްސަ ގާނޫނުން ބަޔާންކޮށްފައިވާ އެއް އަހަރު ދުވަހުގެ މުއްދަތު ހަމަވާނީ މޭއި މަހު އެވެ. އަދި އެ މަހުގެ 9 ގެ ކުރިން އިންތިހާބު ނުބޭއްވެނެ ހާލަތެއް އައިސްފިނަމަ، ސަބަބު ބަޔަންކޮށް މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އީސީން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަން ޖެހޭނެ އެވެ. ޝަރީފް ވިދާޅުވީ އިންތިހާބު ފަސް ކުރުމާއި މެދު ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކުރެވުނު ނަމަވެސް، އެކަމާއި މެދު ހިޔާލެއް ޕާޓީތަކުން ލިބިފައި ނުވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ކަނޑައެޅި ތާރީހަށް އިންތިހާބު ނުބޭއްވޭނެހެން އީސީއަށް ގަބޫލު ކުރެވިއްޖެނަމަ، ގާނޫނުގައި ބަޔާން ކުރާ މުއްދަތުގެ ކުރިން އެކަން މަޖިލީހަށް ސަބަބާއި އެކު ބަޔާން ކުރާނެ ކަމަށެވެ.

