ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އުފެއްދި ކޮވިޝީލްޑް ވެކްސިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖައްސަވައިފިއެވެ.
ރާއްޖޭގެ ވެކްސިން ޕްރޮގްރާމް މިއަދު ފަށާފައިވާއިރު، ރައީސް ސޯލިހު ވެސް ވެކްސިން ޖައްސަވާފައިވަނީ މި ޕްރޮގްރާމް ގެ ދަށުންނެވެ.
ރައީސް ސޯލިހުއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މުހައްމަދު ނަޝީދު ވެސް ވަނީ ކޮވިޑް-19 ވެކްސިން ޖައްސަވާފައެވެ.
ކޮވިޑް-19 ގެ ވެކްސިން ޕްރޮގުރާމު ފެއްޓެވުމަށް މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިވެކްސިނަކީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ފެށޭ ފުރަތަމަ މަސައްކަތް ކަމުގައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައިވަނީ އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރ ޑރ. ޝިރާނީ އަބްދުއްރަހީމް އެވެ.

