ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހަށް ހާޒިރުކުރަނީ ބަޔާނެއްގައި ސޮއިކުރުމަށް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ޔާމީން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރު 13:00 އަށެވެ.
ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ޔާމީން މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަނީ އެއްވެސް ހާލެއްގައި އާ މައްސަލައެއްގެ ތުހުމަތެއްގައި ނޫން ކަމަށެވެ. އެގޮތުން ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަނީ އެމަނިކުފާނާއި ސުވާލުކޮށްފައިވާ މައްސަލައެއްގެ ބަޔާނުގައި ސޮއިކުރުމަށް ކަމަށް ވަކީލުން ބުނެއެވެ.
ޔާމީން ފުލުހަށް ހާޒިރުކުރާއިރު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އެމަނިކުފާނު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް މިހާރުވެސް ތަންފީޒު ކުރައްވަމުންނެވެ. އަދި ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް މިހާރު ވެސް ކޯޓުގައި ދަނީ ކުރިއަށެވެ.

