ރައްޔިތުން ބޭނުންވެއްޖެ ނަމަ އިރު އިރުކޮޅުންވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނެ ކަމަށް މެެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކޮށް ބޮޑުވަޒީރެއްގެ ގޮތުގައި ގައުމު ހިންގަން ބޭނުންފުޅުވާކަން ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިއްޔެ ވަނީ ދަންނަވާފައެވެ. މިކަމާ ގުޅިގެން ރައީސް ވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
މި ބަހުސް އަނެއްކާވެސް ފެންމަތިވުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު އިރުއިރުކޮޅުން ބަދަލު ނުކުރެވޭނެ ކަމަށާއި ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއްކަމަށެވެ.
މައުމޫނަށް ރައްދުދެއްވައި އާޒިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން ބޭނުންވެއްޖެނަމަ އިރުއިރު ކޮޅުންވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނެ ކަމަށެވެ.
ރައީސް ސޯލިހަށް ނަޝީދު އިއްޔެ ފޮނުއްވި މެސެޖުގައި ވަނީ އަންނަ އަހަރު ފެބްރުއަރީ މަސް ތެރޭގައި ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެދިވަޑައިގެންފައެވެ. އަދި 2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ނުބޭއްވުމަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން 2024 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު ގާނޫނުގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅާފައެވެ.

