ބ. އޭދަފުށިން ކޮވިޑް-19 އަށް އިތުރު 28 މީހަކު ޕޮޒިޓިވްވެ، އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު 99 އަށް އަރައިފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރޭ މެންދަމު 12 ޖެހުމާހަމައަށް އެރަށުން 49 މީހަކު ކޮވިޑް-19އަށް ވަނީ ޕޮޒިޓިވްވެފައެވެ. އެހެންކަމުން އެރަށުން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވީ 99 މީހުންނެވެ.
ރަށުން ޖުމްލަ 825 ސާމްޕަލް ނެގިއިރު، އަދިވެސް ނަތީޖާ ނުލިބޭ 171 ސާމްޕަލްއެއް އެބައުޅެ އެވެ.
ޕޮޒިޓީވްވާ މީހުންނާ ކޮންޓެކްޓް ވި މީހުން ދެނެގަނެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، މިއަދުވެސް 200 ވުރެ ގިނަ ސާމްޕަލް ނަގާފައިވާކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ. ރޯގާގެ އެއްވެސް އަލާމާތެއް ހުރެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ބ.އަތޮޅު ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.
މިބަލި ފެތުރޭ މިންވަރު ކުޑަކުރުމަށް ގެއިން ބޭރަށް ނުނިކުތުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ފާއިތިވި ދުވަސްތައް ފާހަގަ ކުރެވެނީ ރާއްޖެއިން މިބައްޔަށް މީހުން ޕޮޒިޓިވްވާ މިންވަރު ވަރަށް އިތުރުވެގެން ގޮސްފާވާކަމެވެ. މާލެ ސަރަހައްދުގެ އިތުރަށް އަތޮޅުތެރޭގައިވެސް މިބަލި މިދަނީ ބާރު ސްޕީޑްގައި ފެތުރެމުންނެވެ.
ރާއްޖޭގެ ރަށްތަކުގެ ތެރެއިން މި ވަގުތު އެކްޓިވް ކޭސްތައް ގިނައީ އއ. މަތިވެރީގަ އެވެ. އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު 100 އާއި ގާތް ކުރެއެވެ. އެއް ދުވަސް ތެރޭ 67 މީހަކަށް ބަލި ޖެހި، ޖުމްލަ އަދަދު ވަނީ 86 އަށް އަރާފައެވެ. މަތިވެރިން ވާހަކަ ދެއްކި ބައެއް މީހުން ބުނީ، އެ ރަށުގެ ހާލަތު ވަރަށް ގޯސް ކަމަށެވެ.
މަތިވެރިން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެއީ ބަލީގެ އަލާމާތްތަކެއް ހުރެގެން ޓެސްޓުކޮށް ޕޮޒިޓިވްވި 10 މީހެކެވެ. އެއާއެކު އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެރަށް ބަލި ދިޔައީ ސީދާ ކިހިނެތްކަން އަދި ނޭނގެއެވެ.

