ރާއްޖެއިން އިތުރު 464 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 464 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 207 މީހުންނާއި އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 146 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވީ 14 މީހުންނާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވި 94 މީހެކެވެ.
މިއާއެކު މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަވަނީ 29،052 އަށް އަރާފައެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 76 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 24،575 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދާ މީހުންގެ ޢަދަދުވަނީ 4،396 އަރައެވެ. އަދި 122 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،298 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޮވިޑް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 72 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 8 ބިދޭސީންނެވެ.

