ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަ ދުއްވާލުމަށް ރޭ އެއްޗެއް ގޮއްވައިލި، ގެކޮޅު ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުން ހަނިކަމުން އެ މަނިކުފާނަށް ސެކިއުރިޓީ ދޭން އުނދަގޫވާ ކަމަށް ބުނެ އެމްއެންޑީއެފުން މާލެ ސިޓީ ކައުންސިލަށް އަންގާފައި އޮއްވައިކަން އެއިދާރާއިން އާއްމުކުރި ސިޓީއަކުން އެނގިއްޖެއެވެ.
ނީލޯފަރު މަގުގައި ޕާކްނުކުރެވޭ ގޮތް ހަދައި، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތަކަށް ހާއްސަ ޕާކިން ޒޯނެއް ބިއްލޫރިޖެހިގޭގައި ހެދުމުގެ ހުއްދަ އަށް އެދި ސިޓީ ކައުންސިލް މާޗު 23، 2021 ގައި ޕްލޭނިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވި އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ޕްލޭނިން މިނިސްޓްރީން އެކަމަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ އެ ސިޓީގައި ވާ ގޮތުން މާލޭ ސިޓީ ކައުންސިލުން އެދިފައި ވަނީ ނަޝީދުގެ ގެކޮޅު ހުންނަ ގޯޅީގައި ޕާކް ކޮށްފައިވާ އުޅަނދުތަކަށް ހާއްސަ ކޮށްގެން ކަމަށް ވާތީ، އެ ތަނުގައި ޕާކިން ޒޯނެއް ހެދުމުގެ ހުއްދަ ދިނުމަށެވެ.
ނަޝީދަށް ހަމަލާ ދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެ ކައިރީ ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ގޮވާ އެއްޗެއް ހަރު ކޮށްގެނެވެ. އަދި އެމަނިކުފާނު ކާރަށް އަރުއްވަން ވަޑައިގެންނެވި ވަގުތަށް އޭތި ގޮއްވާލުމުން، ނަޝީދުގެ އިތުރުން ހަތަރު މީހަކަށް ވަނީ އަނިޔާވެފަ އެވެ.
މިހާރު ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އެ ހޮސްޕިޓަލުން ބުނީ 16 ގަޑިއިރުގެ ތެރޭގައި ކުރި ކާމިޔާބު އޮޕަރޭޝަންތަކަކަށް ފަހު ނަޝީދު މިހާރު ބާއްވާފައި އޮތީ އައިސީޔޫގައި ކަމަށާއި އެ މަނިކުފާނުގެ ހާލަތު ކްރިޓިކަލް ކަމަށެވެ. ނަޝީދުގެ ބޮލާއި އަތާއި ފައިގެ މަސްގަނޑާއި ފުރަމެ އަދި ބަނޑުގެ ސާޖަރީއެއް ވަނީ ހަދައިފަ އެވެ.
ފުލުހުން މިއަދު މެންދުރު ބޭއްވި ނިއުސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އެ ހަމަލާއާ ގުޅުން ހުރި ކަމަށް ޝައްކުކުރެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އެ މީހުން އައިޑެންޓިފައި ކުރުމާއި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ދާ ކަމަށް ހަމީދު ވިދާޅުވި އެވެ.

