ރޭގެ ހަމަލާ ރައީސް މުހައްމަދު ނަޝީދަށް އަމާޒުވި ވަގުތު އެމްއެންޑީއެފްގެ ބޮޑީގާޑުން ކުރި މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިބރޭގެ ހާދިސާއާ ގުޅޭ ބައެއް ތަފްސީލު މައުލޫމާތު ޗީފް އޮފް ޑިފެންސް ވަނީ ހިއްސާ ކުރައްވާފައެވެ. ޗީފް ވަނީ ރޭގެ ހާދިސާ ހިނގުމާއެކު ސިފައިން ހަރަކާތްތެރިވި ގޮތުގެ ތަފްސީލް ދެއްވާފައެވެ. އަދި ސިފައިން އަމަލުކުރި ގޮތް ރަނގަޅު ގޮތް ކަމަށް ވިދާޅުވިއެވެ. ސިފައިންގެ މަސައްކަތަށް މިނިސްޓަރު މާރިޔާ އަދި ޗީފްވެސް ވަނީ ތައުރީފު ކުރައްވާފައެވެ.
ޝަމާލް ވިދާލުވީ ސެކިއުރިޓީ އޮފިޝަލުން މަސައްކަތްކުރެއްވީ ވަރަށް ޕްރޮފެޝަނަލްކޮށްކަމަށެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސިއްޙީ ފަރުވާއާއި ހަމައަށް ރައީސް ނަޝީދު ގެންދެވުނުކަމަށެވެ.
ޝަމާލް ވިދާޅުވީ މިހާތަނަށް އެނގިފައިވާ ގޮތުން އެ ޑިވައިސް ގޮއްވާލާފައިވަނީ ރިމޯޓަކުން ކޮންޓްރޯލްކޮށްގެން ކަމަށާއި އެގޮތުން 2006 ވަނަ އަހަރު ސަލްޓަން ޕާކުގައި ގޮއްވާލި ޑިވައިސް އާއި ރޭ ގޮއްވާލި ޑިވައިސް އާއި އަޅާކިޔާއިރު ރޭގެ ހަމަލާގައި ބޭނުންކުރި ޑިވައިސް އަކީ އެތައް ދަރަޖައެއް ބާރުގަދަ ނުރައްކާތެރި ޑިވައިސްއެއް ކަމަށެވެ.
އަދި ރޭ ގޮއްވާލި ޑިވައިސްގެ ތެރެއަށް ގިނަ އަދަދަކަށް ރޭޒާ ފުށް ވެސް ލާފައި ހުރި ކަމަށާއި އެއީ އެ ހަމަލާ ވަރުގަދަ ކުރުމަށްޓަކާ ކޮށްފައިވާ ކަމެއް ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.
ނަޝީދުގެ ކާރުކޮޅު ކައިރީގައި ރޭ ބާރުގަދަ އެއްޗެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން ރެއިން ފެށިގެން އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެގޮތުން އެ ހަމަލާއާ ގުޅިގެން ގިނަ ސާޖަރީތަކެއް ހަދާފައިވާއިރު ނަޝީދުގެ ހާލުކޮޅު ކްރިޓިކަލް ކަމަށް އެމަނިކުފާނަށް ފަރުވާ ދެމުން ގެންދަވާ އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.
ރޭގެ ހަމަލާ ދީފައިވަނީ ސީދާ ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ކަމަށާއި މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

