ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަމަލާދީފައި ވަނީ ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލައިގެންކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާ ދިން ރޭ އެ ސަރަހައްދުގައި ވެހިކަލްތައް ގިނަވުމުގެ ސަބަބުން އެ ވެހިކަލްތައް ދުރައް ޖެއްސުމަށް އަންގާފައިވާނެ ކަމަށެވެ. އަދި އެތަނުގައި ވެހިކަލްތައް ހުރުމުގެ ސަބަބުން، ސެކިއުރިޓީ ބެލެހެއްޓުމުގައި އުނދަގޫތަކެއް ދިމާވިކަމަށް ޝަމާލް ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ، ސެކިއުރިޓީ ހައިލެވެލްގެ ބޭފުޅެއްކަން ފާހަގަކުރައްވާ ޝަމާލް ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީ ފުޅާވާނެކަމަށެވެ. އަދި ރައީސް ނަޝީދަކީ ބޮޑެތި އިންޒާރުތަކެއް ލިބެމުންދާ ބޭފުޅެއްކަމުން އެމަނިކުފާނުގެ ސެކިއުރިޓީ އެހެން އިސް ބޭފުޅުންނަށް އަރުވާ ސެކިއުރިޓީއަށް ވުރެ އެތައް ގުނައެއް މަތިވާނެކަމަށް ޝަމާލް ވިދާޅުވިއެވެ. އެ މަސައްކަތްތަކުގެ ދަށުން ރައީސް ނަޝީދު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ފާލަން ކައިރީ، އެޑްވާންސް ޓީމުގެ އޮފިސަރުން ވެސް ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އޭގެ އިތުރުން އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވާ ރިސޯޓުގައި، ސިފައިންގެ ޓީމެއް ހަރަކާތްތެރިވިކަމަށް ޝަމާލް ވިދާޅުވި އެވެ.
ޝަމާލް ވިދާޅުވީ ހަމަލާ ދިނުމަށް ބޭނުންކޮށްފައިވާ ޑިވައިސްއަށް ގިނަ އަދަދެއްގެ ރޭޒާ ފުށް އަޅާފައިވާ ކަމަށެވެ. އަދި މިއީ 2007 ގައި ސަލްޓަންޕާކުގައި ގޮއްވާލި ޑިވައިސްއަށް ވުރެ އެތައް ގުނައެއް ބާރު ގަދަ ޑިވައިސްއެއްކަމަށް އޭނާ ވިދާޅުވިއެވެ.
ހަމަލާ ދީފައިވާ ގޮތާއި ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް ޝަމާލް ވިދާޅުވީ، މީހުންގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާތައް ދޭން ކެރޭ ވަރުގެ ބަޔަކު މުޖްތަމައުގެ ތެރޭގައި ތިބުމަކީ ލަދުގަންނަން ޖެހޭ ވަރުގެކަމެއް ކަމަށެވެ. މިއީ ގައުމުގެ އިގްތިސޯދަށް ވެސް ލިބިގެން ދިޔަ ބޮޑު ގެއްލުމެއްގެ ގޮތުގައި ޝަމާލް ފާހަގަ ކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއްދޭން ބަޔަކު މަސައްކަތް ކުރާނަމަ އެންމެ ފުރަތަމަ ވެސް ކުރިމަތިލާން ޖެހޭނީ ދިވެހި ސިފައިންނާއި ކަމަށެވެ. އަދި މި ފަސްގަނޑުގައި ޓެރަރިސްޓުންނަށް އެއްވެސް ފުރުސަތެއް ނޯންނާނެކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ، އިންޓެލިޖެންސް މައުލޫމާތުތައް އަބަދުވެސް ލިބޭ ކަމަށެވެ. ނަމަވެސް މި ހާދިސާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާއިރު ރައީސް ނަޝީދަކީ ހައި ރިސްކު ބޭފުޅެއްކަން އެނގިވަޑައިގަންނަވާކަމަށް މާރިޔާ ވިދާޅުވިއެވެ.
މިފަދަ ހަމަލާތަކުން ވެސް އެނގިގެންދަނީ، ޓަރަރިޒަމްގެ ނުރައްކާ އޮތް މިންވަރުކަމަށާއި، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތްތައް ވަރުގަދަ ކުރަންޖެހޭކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ. އަދި މި ސަބަބަށްޓަކައި މިފަދަކަމެއް ކުރާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެކަން ސަލާމަތީ ފަރާތްތަކަށް ނުވަތަ ކައުންޓާރ ޓެރަރިޒަމް ޔުނިޓްގެ ނަންމަބަރު 1615 އަށް މައުލޫމާތު ދިނުމަށް އެދޭކަމަށް މާރިޔާ ވިދާޅުވި އެވެ.

