ރާއްޖޭގެ ކޮވިޑުގެ ހާލަތު މެނޭޖު ކުރުމުގައި ސަރުކާރު ފެއިލްވެފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު ވަރަށް ބޮޑުތަނުން ގޯސްވެ، އެންމެ ފަހުން މާލެ މިވަނީ ފުރަބަންދުގެ ހާލަތަކަށް ގެނެސްފައެވެ. އަހަރު ފެށުނު ފަހުން، ކޮވިޑުގެ ކޭސްތައް ދުވަހުން ދުވަހަށް އިތުުރު ވަމުން އައި ނަމަވެސް، އޭޕްރިލް 10 އެއްގައި ލޯކަކަލް ކައުންސިލް އިންތިހާބަށް ދިން ލުއިތަކަށް ފަހު ގައުމުގެ ހާލަތު ގޯސްވެގެން ދިޔަ އެވެ. އަދި އޭގެ ފަހުން ކޮވިޑާއި ދެކޮޅަށް މާލޭގައި އަޅާފައި ހުރި ފިޔަވަޅުތަކަށް ލުއި ދިނެވެ.
މިހާރު ދުވާލެއްގެ މައްޗަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 1000 އިން މައްޗަށް އެރިނަމަވެސް، ޓެސްޓިން ކެޕޭސިޓީއަށް އެއްވެސް ބަދަލެއް އައިސްފައި ނުވެއެވެ. އަދި ރާއްޖޭގެ ރަށްތަކުގެ ހާލަތު އޮތީ ގޯސްވެފަ އެވެ.
މިދިޔަ އަހަރުން ފެށިގެން ސަރުކާރުން އެންމެ ބޮޑަށް ދައްކަމުން އައި ވާހަކައަކީ ވޯސްޓް ކޭސް ސިނާރިއޯއަކަށް ތައްޔާރު ކަމަށެވެ. ނަމަވެސް، ރާއްޖޭގައި އެކަށީގެންވާ ސިއްހީ ވަސީލަތެއް ނެތި އިތުރު ސިއްހީ ހިދުމަތްތެރިންނަށް ގައުމު ވަނީ ބޭނުންވެފައެވެ. އެކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ ކޮވިޑު މެނޭޖު ކުރުމަށް ކުރެވުނީ ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ. އެހެން ކަމުން، ސަރުކާރު އެ މަސައްކަތް ކުރުމުގައި ފެއިލްވިކަމަށް ގަބޫލެއް ނުކުރެވޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

