ކޮވިޑާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންތަކާއި ހިލާފުވެގެން އިއްޔެ އެކަނި 742 މީހަކު ޖޫރިމަނާކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މާސްކު ނާޅާ އުޅުނު 175 މީހަކާއި ކާފިއު ވަގުތު ބޭރުގައި އުޅެގެން 507 މީހެއްގެ އިތުރުން ކެފޭ ސެލޫން ޖިމްފަދަ ތަންތަނުން ގަވާއިދާ ހިލާފަށް ހިދުމަތް ދިން 60 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހަވީރު ހަތަރަކުން ހެނދުނުގެ އަށަކަށް ކާފިއު އިއުލާންކޮށްފައިވާ އިރު ކާފިއު ނޫން ވަގުތު ތަކުގައިވެސް ބޭރުގައި އުޅެވެނީ ފުލުހުންގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ.
އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު މިކަން ތަންފީޒުކުރުމަށް ފުލުހުންނާއި ސިފައިން ދަނީ މާލެ ސަރަހައްދު ޕެޓްރޯލް ކުރަމުންނެވެ.

