ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލުން އައްޔަން ކުރުމުގައި ސިވިލް ސާވިސް ކޮމިޝަނަށް ނުފޫޒު ނުފޯރުވުމަށް ސަރުކާރަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.
އެކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ ކަމަށްވާ ސެކެޓްރީ ޖެނެރަލުން އައްޔަން ކުރުމަށްޓަކައި ކުރި އިއުލާނުގެ މުއްދަތު މިދިޔަ ޖޫން މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު، ސަރުކާރުން ބޭނުންވާ ބައެއް ފަރާތްތަކަށް ގުޅާ އިތުރު ފުރުސަތު ދެމުންދާ ކަމުގެ ޝަކުވާތައް އެކޯލިޝަނަށް ލިބެމުން އަންނަ ކަމަށެވެ.
އަދި މިއީ ކަނޑައެޅިގެން ކޮރަޕްޝަންގެ އަމަލެއްކަން ފާހަގަކޮށް މިކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށް އެކޯލިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކައުންސިލްތަކުގެ ހިންގުމުގެ އިދާރީ ވެރިން އައްޔަންކުރަންވާނީ އިންސާފުވެރި ކަމާއެކު ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށާއި، ސަރުކާރުން ބޭނުންވާ ބަޔަކު އައްޔަންކުރުމަށާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ސެކެޓްރީ ޖެނެރަލުން އައްޔަން ކުރުމުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ގޮވާލާ ކަމަށެވެ.
އަދި ސުންގަޑި ހަމަވުމަށްފަހު އިތުރު ފަރާތްތަކަށް ހުޅުވާލާނަމަ އެކަންކުރަންވާނީ ހާމަކަންބޮޑުގޮތެއްގައި އެކަން އިއުލާން ކުރެވިގެން ކަމުގައިވެސް އިދިކޮޅު ކޯލިޝަނުން ދެކޭ ކަމަށް ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.

