ފުލުހުން ބުނީ އެމްބަސީ ގޮއްވާލާނެކަމަށް ބުނެ ޓްވިޓަރގައި އިންޒާރު ދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އިންޑިއާ ހައިކޮމިޝަންގެ ޑިޕްލޮމެޓުންނަށް އަމާޒުކޮށް ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި، ސޯޝަލް މީޑިއާގައި ދޮގު ހަބަރު ފަތުރާކަމަށް ބުނެ އެ މައްސަލަ ބަލައިދޭން އިންޑިއާ ހައި ކޮމިޝަނުން މި ހަފްތާގެ ތެރޭގަި ވަނީ ފޮރިން މިނިސްޓްރީގައި އެދިފަ އެވެ. އެ މައްސަލައިގައި ކަންބޮޑުވުންފާޅުކޮށް ފޮރިން މިނިސްޓްރީން ވެސް ބަޔާނެއް އާއްމުކުރި އިރު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގައި އެމްބަސީން ފާހަގަކުރި ކަންކަން ބަލައިދޭން އެދިފަ އެވެ.
ސޯޝަލް މީޑިއާގައި މިކަން ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށް، ކާކުކަން ނޭނގޭ މީހެއްގެ އެކައުންޓަކުން، ވަނީ އިންޑިއާ ހައި ކޮމިޝަން ގޮއްވައިލާނެ ކަމުގެ އިންޒާރު ޓުވިޓާގައި ދީފަ އެވެ. އޭނާގެ އެ ޓްވީޓުގައި ޗައިނާ އެމްބަސީ ކައިރީ މުޒާހަރާ ކުރާނެކަމަށް ވެސް ބުނެފައި ވެއެވެ. ފޭކު އެކައުންޓެއްކަމަށް ބެލެވޭ އެ އެކައުންޓުން، ޓުވީޓު ކުރިތާ ގިނައިރުތަކެއް ނުވަނީސް އެކައުޓް ޓުވިޓާއިން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
މައްސަލަ ސީރިއަސް ސިފައެއްގައި ތަހުގީގު ކުރަމުން އަންނަކަން ފާހަގަކޮށް އާއްމު ކުރި ބަޔާނެއްގައި ފުލުހުން ބުނީ، އިންޒާރާއި ގުޅިގެން އިންޑިއަން ހައި ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުޓީ ވަރުގަދަކޮށްފައި ވާ ކަމަށެވެ.
”ސޯޝަލް މީޑިއާ އާއި، އަދި އެނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެކުރަނީ ޖިނާއީ ކުށެއްކަން ހަނދާންކޮށްދެމެވެ. އަދި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދަންނަވަމެވެ.“ ފުލުހުން
ސޯޝަލް މީޑިއާ ނުވަތަ އެ ނޫން ވެސް ވަސީލަތެއްގައި މީހުންނަށް އަނިޔާވެރިވުމަށް ހިތްވަރުދޭ މޭރުމަކުން ވާހަކަ ދައްކާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅައި ގާނޫނީ އަދަބުދޭނެކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އެ ބަޔާނުގައި ފުލުހުން ބުނެފައިވަނީ ރާއްޖެއާއި އަވައްޓެރި ގައުމުތަކާއި ދެމެދު އޮންނަ ގުޅުންތަކަށް އަމާޒުކޮށް ބައެއް މީޑިއާތަކުން ފަތުރާ ހަބަރާއި ރިޕޯޓުތައް ހުންނަނީ ބޭރު ގައުމުތަކާއި، އެ ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް ހިންގާ އަމަލުތަކަށް ހިތްވަރުދޭ މޭރުމަކުން ކަމަށެވެ. އަދި ބައެއް މީހުން ހިންގާ އަމަލުތަކުގެ ދިފައަށް އެ މީޑިއާތަކުން ހަބަރު ފަތުރައި، މަސައްކަތް ކުރުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ބުންޏެވެ.
މިއީ ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބޭރު މިޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ނުރައްކަލަށް ހުށަހެޅި، ހާރިޖީ ގުޅުންތަކަށް ބުރޫ އަރާފާނެ ފަދަ ނާޒުކު މައްސަލައެއްކަމަށް ވުމުން، ނޫސްވެރިން މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ފުލުހުން ވަނީ މީޑިއާތަކަށް ގޮވާލާފަ އެވެ.


ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރުދީ ޓްވީޓު ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.