ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ބާއްވަން ތާވަލުކޮށްފިއެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށް ދަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފީ މައްސަލަ އެވެ.
މި މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މި އަހަރުގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުގައެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ ފަސްވަނަ ދުވަހު ވަނީ ނިންމާލާފާއެވެ.
މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެފައިވަނީ މި މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި، ބަލަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ. ނަމަވެސް ރިސެސްއަށް ދިއުމުގެ ކުރިން މައްސަލައިގައި ގޮތެއް ނިންމުމަށް މަސައްކަތް ކުރައްވާނެކަމަށް މަހާޒު ވިދާޅުވިއެވެ.

