މި ސަރުކާރު ބުރެކި ޖެހި ސަރުކާރުގެ މުއައްސަސާތައް ފެއިލްވެއްޖެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްއިން ބޭއްވި ”ފެހިސިގްނަލް“ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެންމެ ގިނައިން ޑޮލަރު ވަދެފައިވަނީ މި ސަރުކާރުގައި، މި ހިނގަމުންދާ 3 އަހަރުގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް ބިއްލޫރި ޓަނަލާއި އެފަދަ ކަންކަން ކުރާނަމަ އެ ފައިސާ ބޭކަރު ވާނެ ކަމަށް ވިދާޅުވެ އެއީ ޒަރޫރީ ކަމެއްތޯ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. ޔާމީން ވިދާޅުވީ މީގެ ކުރިން ވެސް ރާއްޖޭގައި އޮތީ ރިސޯސް މިސްމެނޭޖްމެންޓް ކަމަށާއި، މިހާރުވެސް ހަމަ އޮތީ އެ ހާލަތު ކަމަށެވެ.
ޔާމީން ވިދާޅުވީ ލިބޭ ލާރި މަދުވެގެން ނޫޅޭ ކަމަށާއި އެހެންނަމަވެސް ރައީސް ކުރައްވާ ބޭކާރު ހަރަދުތަކަށް ވިޔަފާރިވެރިންވެސް ނޫނެކޭ ބުނީ ކަމަށެވެ. އަދި އިގްތިސޯދު ފުޅާ ކުރަން ކުރެއްވި އެއްވެސް މަސައްކަތެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.
”އެހެންވީމާ އެހިސާބުން ރައްޔިތުން މި ބުނަނީ ރަސްގެފާނުގެ ބާރުތައް މަޑުޖައްސަން ޖެހެއޭ. ރަސްގެފާނަކަށް ހިތުހުރި ގޮތަކަށް ކަންކަމެއް ނުކުރެވޭނެއޭ“
ހަަމައެކަނި ޓޫރިޒަމްގެ ދާއިރާއިން 23 ޓެކުހެއް ނަގާކަމަށް ފާހަގަކުރައްވާ ޔާމީން ވިދާޅުވީ މި ސަރުކާރުން ނަގަނީ ހުސް ޓެކްސް ކަމަށެވެ. އަދި މި ހުރިހާ ޓެކްސްއެއްވެސް ދައްކަނީ ރައްޔިތުން ކަން ފާހަގަކުރެއްވިއެވެ. ޔާމީން ވިދާޅުވީ މިހާ ހިސާބުން ސަރުކާރު ބުރެކި ޖައްސަން ޖެހުނީމާ ސަރުކާރުގެ މުއައްސަސާތައް ފެއިލްވީ ކަމަށް ބުނެވިދާނެ ކަމަށެވެ.
ސިޔާސީ މީހުން ދެކެ ރައްޔިތުން ރުޅި އަޔަސް މިކަން ރަނގަޅު ކުރަން ނިކުންނަން ޖެހޭނީ އެމީހުން ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވަނީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ކަން ހިނގަމުން އަންނަ ގޮތްތަކައި ގުޅޭ ގޮތިުންވެސް ވާހަކަ ދައްކަވާފައެވެ. އަދި އެގައުމުތަކުގެ ގަނޫނުއަސާސީގައިވެސް ހިމެނޭ ކަންކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައިވެއެވެ.
ޔާމީން ވިދާޅުވީ ރާއްޖޭގެ ސުޕްރީމް ކޯޓަށް ބެލި ނަމަވެސް، އެއް ކަހަލަ މައްސަލައެއް ނިންމުމުގައިވެސް ބޭނުން ކުރަނީ އެކި ގޮތްތައް ކަމަށެވެ. ރާއްޖޭގެ ސުޕްރީމް ކޯޓުންވެސް އެފަދައިން ކަންކަން ނިންމާއިރު، ދެރަ ކަމަކީ ސުޕްރީމް ކޯޓުންވެސް ފަހު ބަސް ބުނާއިރު، އެ ކޯޓުން ހަވާލުވެފައިވާ އަމާނާތާއި ހިފާލާފުވުން ކަމަށް ޔާމީން ވދާޅުވިއެވެ.
މީގެއިތުރުން ޔާމީން ވިދާޅުވީ ފާހަގަކުރެއްވި ހުރިހާ ކަމެއްވެސް ގޯސްކޮށް ހިނގަނީ ސަރުކާރުން ކަންކަމަށް އަތް ބާނާތީ ކަމަށާއި ސަރުކާރުން އަތް ނުބާނާނަމަ އެކަން އެހެން ނުވާނެ ކަމަށެވެ.

