މިނިވަން މުއައްސަސާތަކާއި ކޮމިޝަންތައް މިނިވަންނުވާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ސިޔާސީ ނުފޫޒު މިތަންތަނަށް ފޯރާކަމުގެ ވާހަކަތައް އަބަދު އަޑު އިވެއެވެ.
ޚާއްސަކޮށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު މިނިވަން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާކަމުގެ ތުހުމަތުތައް ކުރެވުނެވެ. ކޮމިޝަންތަކަށް މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭ ކަމުގެ ތުހުމަތުތަކާއި، ކޮމިޝަންތަކަކީ ނިދާފައި ތިބޭ ތަންތަނުގެ ގޮތުގައި ވަނީ ސިފަކުރެވިފައެވެ. އެފަދަ ތަންތަނުގެ މާބޮޑު ބޭނުމެއް އޭރު ނެތްކަމަށް ގަބޫލުކުރެވުނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައިއިރު ދެއްކި ވާހަކަތަކާއި ވެފައިވާ ވައުދުތަކުގެ ތެރޭގައި މިފަދަ އެތައް ވާހަކައެއް ހިމެނެއެވެ. ކޮމިޝަންތައް ސިޔާސީ ނުފޫޒުން މިނިވަންކުރުމާއި ކޮމިޝަންތަކަކީ މަސައްކަތްކުރާ ކޮމިޝަންތަކަކަށް ހެދުމުގެ ވައުދެވެ.
ވެރިކަމަށް އައުމަށްފަހު މިނިވަން މުއައްސަސާތަކާއިއެކު މަސައްކަތް ކުރުމަށް ރިޔާސީ ކޮމިޝަންތައް އެކުލަވާލިއެވެ. ފާއިތުވެދިޔަ ތަނުގައި ހިނގާފައި ހުރި އެކި ކަންކަން ބެލުމަށް ޖޮއިންޓް އިންވެސްޓިގޭޝަންތައް ފެށިއެވެ. ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް އެސެޓް ރިކަވަރީ ކޮމިޝަން އެކުލަވާލައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނާއެކު ޖޮއިންޓް އިންވެސްޓިގޭޝަނެއް ފެށިއެވެ.
މިތަހުގީގު ކުރިއަށްދަނީ އާންމު ރައްޔިތުން އަދި ސަރުކާރު މެމްބަރުންވެސް ބޭނުންވާ ސްޕީޑުގައެއް ނޫނެވެ. އެކަމަށް ތަފާތު އެތައް ސަބަބުތަކެއް އެބަހުއްޓެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން މިވީހާ ދުވަހުވެސް ހިންގަމުން އައީ ފިނިހަކަ ސްޕީޑުގައެވެ. ފުނިޖެހިފައި ހުރި އެތައް މައްސަލައެއް އެބަހުއްޓެވެ. މައްސަލަ ބަލަމުން އަންނަތާ ތިން އަހަރުވެފައިވާ މައްސަލަތައްވެސް 300އަށްވުރެ މައްޗަށް އަރައެވެ. ފުނިޖެހިފައި ހުރި މައްސަލަތައް 1600އަށްވުރެ މައްޗަށް އަރައެވެ. މިއީ ހަމައެކަނި މިދައުރުގެ މެމްބަރުންގެ ބޮލުގައި އެޅުވޭނެ މައްސަލަތަކެއް ނޫނެވެ.
މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެމްބަރުން ބޭނުންވާ ސްޕީޑުގައި އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ނުބެލެނީކަމަށް ބުނެއެވެ. އޭސީސީ މެމްބަރުން ދެކެ އެމްޑީޕީ މެމްބަރުން ރުޅި އަންނަނީ ހަމައެކަނި މިސަބަބުތަކަށްޓަކައެއް ނޫނެވެ. ރުޅި އަންނަ މައިގަނޑު އެއް ސަބަބަކީ އޭސީސީގެ މަސައްކަތުގެ ސަބަބުން ސަރުކާރު ޑެމޭޖްވުމެވެ.
އޭސީސީގެ މެމްބަރުންނަށް އެންމެ ފުރަތަމަ ފާޑުކިޔުންތައް އަމާޒުވީ މާލެ ސިޓީގެ މޭޔަރުކަމުގައި ސިފާ ހުންނެވިއިރު، ސިފާގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަން ފެށުމުންނެވެ. ލޮނުޒިޔާރަތްކޮޅު ޕާކް ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ތިން ފާޚާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަންއާ އިން ކޮށް ނިންމާފައިވާއިރު، އިޢުލާނުކޮށްގެން ވާދަވެރި ބީލަމެއްގެ ތެރެއިން މި މަސައްކަތް ހަވާލުކުރެވެން އޮތް އިރު، އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
މިމައްސަލަ ބަލަން ފެށުމާއެކު އޭސީސީގެ މެމްބަރުންނަށް އަމާޒުކޮށް އެމްޑީޕީގެ މެމްބަރުން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އެއާއެކު ރައީސް ނަޝީދުގެ ދަތުރުފުޅަކާއި ގުޅުންހުރި 444 ރުފިޔާގެ މައްސަލައާއެކުވެސް އެމްޑީޕީ މެމްބަރުންގެ ނުރުހުން އަމާޒުވިއެވެ. އެމްޑީޕީ މެމްބަރުންގެ މައްސަލަތަކެއް އެމްޑީޕީގެ ވެރިކަމެއްގައި ބަލާކަށް އެމްޑީޕީ މެމްބަރުން ބޭނުމެއް ނުވާނެއެވެ. ހަމައެގޮތަށް މަހްލޫފްގެ މައްސަލަ ބެލުމަކީވެސް ސަރުކާރަށް ލިބުނު ބޮޑު ޑެމޭޖެކެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން އޭސީސީ މެމްބަރުން ވަކިކުރަން ބޭނުންވަނީ ކޮންމެހެން ކޮމިޝަނުން އެމްއެމްޕީއާރްސީގެ މައްސަލަ ބަލައި ނުނިންމައިގެނެއް ނޫނެވެ. ސަރުކާރަށް ލިބުނު ޑެމޭޖް މާ ބޮޑުވީއެވެ.
މެމްބަރުން ވަކިކުރާނެ ހުއްޖަތަކަށް ހެދީ ޕާފޮމަންސް އޮޑިޓެކެވެ. އޮޑިޓުގައި ހިމަނާފައި އޮތީ 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އޭސީސީއިން ކުރި މަސައްކަތެވެ. މިހާރު މިތިއްބެވި މެމްބަރުން އޭސީސީއަށް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެތެރޭގައެވެ. މިހާރު ތިއްބެވި މެމްބަރުން ކުރި އަހަރު ދުވަހުގެ މަސައްކަތްވެސް އޮޑިޓުގައި ނެތެވެ. އޮޑިޓުގައި ހުރި އެއްޗަކަށް ބަލައި މިހާރު ތިއްބެވި މެމްބަރުން ވަކިކުރެވޭނެ އެއްވެސް ހަމައެއް ނެތްކަން ބުއްދި ހުރި އެއްވެސް އިންސާނަކު ގަބޫލުނުކުރާނެއެވެ.
ސަރުކާރުން ދެއްކި ވާހަކަތަކާއި މިހާރު އަމަލުކުރަމުންމިދާ ގޮތާއި ދިމާކުރާނެ އެއްވެސް ގޮތެއް ނެތެވެ. ދޭން ބުނި މިނިވަންކަމެއްވެސް ނުދެވެއެވެ. އޭގެ ބަދަލުގައި މިފެންނަނީ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ގަދަކަމާއި ބާރު ދައްކައި އޭސީސީ މެމްބަރުން ދައްކޮށްލާ ތަނެވެ. އޭސީސީގެ މެމްބަރުންނަށް މެމްބަރުންގެ ދިފާއުގައި މިއަދު ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

