ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލަ މިދިޔަ ނޮވެމްބަރު މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ރިޕޯޓު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމު ކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން މިއަދު އާންމުކުރި ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެ މިނިސްޓްރީ އަށް ހުށަހެޅި 184 މައްސަލައިގެ ތެރެއިން 84 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ.
އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 29 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
އެބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 221 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ހަތަރު މައްސަލަ، ނަފްސާނީ ހާނިއްކައިގެ ހަ މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ ނުވަތަ ފުރައްސާރައިގެ ޝިކާރަ އަކަށް ވުމުގެ ފަސް މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދެ މައްސަލަ ހިމެނެއެވެ.
ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 17 މައްސަލަ މިދިޔަ މަހު ހުށަހަޅާފައި ވާއިރު އެ ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ އަށް މައްސަލަ، ރުޅި އިސްކުރުން / ރުޅި ގަދަވެގެން އުޅުމުގެ ހަތް މައްސަލަ، ގެއިން ނުކުމެގެން ދިއުމުގެ ދެ މައްސަލަ ހިމެނެއެވެ.

