ސިންގަޕޫރަށް ދަތުރުކުރުމުގައި ގެންގުޅޭ ބައެއް އުސޫލުތަކަށް އޮމިކްރޮން ވޭރިއަންޓާއި ގުޅިގެން ބަދަލުތަކެއް ގެނެސްފިއެވެ.
ކޮވިޑް19 ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ސިންގަޕޫރަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ވެކްސިނޭޓެޑް ޓްރެވަލް ލޭން (ވީޓީއެލް)ގެ އިންތިޒާމުގެ ދަށުން ޓިކެޓް ވިއްކުން، ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އޮމިކްރޮން ވޭރިއެންޓާއި ގުޅިގެން، ވަގުތީ ގޮތުން މެދުކަނޑާލުމަށް އެ ގައުމުން ވަނީ ނިންމާފައެވެ. އަދި ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ އޮމިކްރޮންވޭރިއެންޓާއި ގުޅިގެން ސިންގަޕޫރުގެ ސަރުކާރުން ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަން ފޮރިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އަޅާފައިވާ ބައެއް ފިޔަވަޅުތަކާއި އެކަމުގެ ބައެއް ތަފްސީލްތަކަށް ބަލައިލާއިރު ސިންގަޕޫރު ގަޑިން 22 ޑިސެމްބަރު 2021 ވާ ބުދަ ދުވަހުގެރޭގެ 11:59 އިން ފެށިގެން 20 ޖެނުއަރީ 2020ގެ 11:59ގެ ނިޔަލަށް އެ މުއްދަތުގައި ދަތުރުކުރާގޮތަށް ވީޓީއެލް އަށް ޚާއްސަކުރެވިފައިވާ ފްލައިޓުތަކުން ޓިކެޓް ވިއްކުން ހުއްޓާލާނެކަމަށް އެގައުމުން ވަނީ އިއުލާންކޮށްފައެވެ. މި މުއްދަތުގައިވެސް، 21 ޖެނުއަރީ 2022 ގެ ފަހުން ދަތުރުކުރާ ގޮތަށް މި ފްލައިޓުތަކުން ޓިކެޓް ވިއްކުމަށާއި، އެހެންނަމަވެސް ވިއްކާ ޓިކެޓުގެ އަދަދު 50 އިންސައްތަ މަދުކުރާނެކަން އަންގާފައިވާކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.
މީގެ އިތުރުން 22 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ ސިންގަޕޫރު ގަޑިން 11:59ގެ ކުރިން ވީޓީއެލް ފްލައިޓުތަކުން ޓިކެޓް ނަންގަވާފައިވާ، ވީޓީއެލްގެ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ކަރަންޓީނުވުމަކާއި ނުލައި ދަތުރު ކުރެވޭނެކަމަށް ސިންގަޕޫރު ސަރުކާރާއި ހަވާލާދީ ފޮރިން މިނިސްޓްރީއިން ބުނެއެވެ. މިފިޔަވަޅު ތަކަކީ ވީޓީއެލް އިންތިޒާމު ހުއްޓާލުން ނޫންކަމަށްވެސް ފޮރިން މިނިސްޓްރީއިން ބުނެއެވެ. އަދި އޮމިކްރޮން ވޭރިއެންޓާއި ގުޅިގެން މިފިޔަވަޅުތައް މުރާޖައާކުރަމުން ގެންދާނެކަން ސިންގަޕޫރުގެ ސަރުކާރުން އަންގަވާފައިވާކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ. އެހެންކަމުން ދިވެހިރާއްޖެއިން ސިންގަޕޫރަށް ދަތުރުކުރަން ޓިކެޓް ނަގާފައިވާ ދިވެހިންނާއި އެ ގައުމަށް ފުރުމަށް ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އޮމިކްރޯން ވޭރިއަންޓްގެ ޖުމްލަ ފަސް ކޭސްއެއް މިވަގުތު ރާއްޖެއިންވެސް ވަނީ ފެނިފައެވެ. އަދި ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުންވެސް ވަނީ މަނާކޮށްފައެވެ.
ރާއްޖޭގެ އިތުރުންވެސް އެހެން ގައުމުތަކުންވެސް އޮމިކްރޮން ވޭރިއަންޓާއި ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަކުރަމުން އަންނައިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިންވެސް އަންނަނީ މިވޭރިއަންޓްގެ ހުރި ނުރައްކާތެރިކަން ބަޔާންކުރަމުންނެވެ. މިވޭރިއަންޓް، ކުރިން ފެނުނު ވޭރިއަންޓާއި އަޅާ ބަލާއިރު ނުރައްކާތެރިކަން އިތުރުވަނީ މިވައިރަހުގައި ހުންނަ ތަފާތު ސްޕައިކް ޕްރޮޓިންއަކުން ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. އޮމިކްރޮން ވޭރިއެންޓްގެ މިޕްރޮޓީންއަށް އިންސާނާގެ ސެލްގައި ހަރުލުމުގެ އިތުރު ކުޅަދާނަކަން ލިބިފައިވެއެވެ. އެގޮތުން މި ޕްރޮޓިންއަކީ ”’ލޮކް އެންޑް ކީ“ މަސައްކަތް ކުރާ ފަދަ ގޮތަކަށް ހެދިފައިވާ އެއްޗަކަށް ވުމާއި އެކު، އޮމިކްރޮންގެ ސްޕައިކް ޕްރޮޓީިން އުފެދިފައިވަނީ ކޮރޯނާ ވައިރަސް އަދި ކޮރޯނާ ގެ ވޭރިއެންޓެއްކަމަށްވާ ޑެލްޓާ ވޭރިއެންޓާއި ތަފާތު ބައްޓަމަކަށެވެ. އެހެންކަމުން ފަސޭހަކަމާއި އެކު އިންސާނާގެ ސެލްތަކަށް ނުވަތަ އިންސާނާގެ ހަށިގަނޑުގައިވާ ރިސެޕްޓާތަކަށް މި ވައިރަސް ވަނުމުގެ ފުރުސަތު ލިބިފައިވެއެވެ. އެހެންކަމުން މި ވޭރިއެންޓުގެ ނުރައްކާތެރިކަމާއި ވޭރިއެންޓްގެ އަސްލު ދެނެގަތުމަށް އުނދަގޫތަކާއި ކުރިމަތިވަމުންދާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

