ސަރުކާރާއި ހަވާލުވުމުގެ ކުރިން އެންމެ ފުޅާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވަމުން އައީ ދިވެހި ރާއްޖޭގައި ލާމަރުކަޒީ އުސޫލު ތަންފީޒްކޮށް، އެކި ދާއިރާތަށް ލާމަރުކަޒު ކުރުމުގެ ވާހަކައެވެ. ރާއްޖޭގައި އެކި ދާއިރާތައް ލާމަރުކަޒު ނުވެ އޮތުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކާއި އުނދަގޫތަކުގެ ވާހަކަ އެނގިވަޑައިގަންވާކަމަށް ރައީސް ސޯލިހު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ. ވެރިކަމާއި ހަވާލު ވުމަށްފަހުގައި. ރައީސް ސޯލިހު މަސައްކަތް ކުރަމުން އައީ ރައްޔިތުންނަށް ދިމާވާ މިފަދަ ތަކުލީފުތަކުން ފަސޭހަކޮށްދިނުމަށެވެ.
އެގޮތުން ވެރިކަމުގެ 3 އަހަރުގެ ތެރޭގައި، ރާއްޖެ ލާމަރުކަޒު ކުރުމުގެ ގޮތުން، ގައުމުގެ ސިއްހީ ދާއިރާއަށް ބޮޑު އިސްކަމެއްދީފައި ވެއެވެ. ރައްޔިތުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ރާއްޖޭގެ ރަށްތަކުން ލިބެންޖެހޭ ފަދަ ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ނުލިބުމުގެ މައްސަލައެވެ. މުޅި ރާއްޖޭގައި މިހާ ދުވަހު ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ހުރީ މާލޭގައި އެކަންޏެވެ. ގައުމުގެ ކޮންމެ ހިސާބަކުން ވެސް ބޭސް ފަރުވާއަށް އެދި އަންނަން ޖެހެނީ ވެރި ރަށް މާލެއަށެވެ. ދިރިއުޅެން ދަތި ވި ނަމަވެސް، ބޮޑު ހަރަދުކޮށް މަޖުުބޫރީ ހާލަތުގައި އަންނަން މިޖެހެނީ ފަރުވާގެ ބޭނުމުގަ އެވެ. ރަށްރަށުގައި ސިއްހީ މަރުކަޒުތައް ގާއިމުކުރެވިފައިވީ ނަމަވެސް، ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ހިދުމަތް ހާމިން ވެސް އެތަނުން ނުލިބެ އެވެ.
ރައީސް ގެ ވިސްނުން ބިނާވެފައި އޮތީ ރައްޔިތުންނަށް ދިމާވާ މި މައްސަލަ ހައްލު ކުރުމަށެވެ. ސިއްހީ ދާއިރާ ލާމަރުކަޒުކުރުމަށް ރާއްޖޭގެ ތަފާތު 5 ސަރަހައްދެއްގައި މިހާރު ވަނީ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް ގާއިމުކުރެވިފައެވެ. ކުޅުދުއްފުއްޓާއި، އުނގޫފާރާއި، ތިނަދޫ ގެ އިތުރުން ލ. ގަން އަދި ހިތަދޫ ގައި ގާއިމުކުރެވިފައިވާ ހޮސްޕިޓަލް ތަކަކީ މިއަދު ރައްޔިތުންނަށް ފަސޭހަ އާއި މަންފާ ހޯދައިދޭ ތަންތަނެވެ.
2021 ވަނަ އހަަރު ނިމުނު އިރު މި އިން ކޮންމެ ހޮސްޕިޓަލެއް ތަރައްގީކޮށް ދެވޭ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައެވެ. އެގޮތުން ބަލާލާއިތު ހޮސްޕިޓަލުގައި ފިޒިއޯތެރަޕީގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓުން ފިޒިއޮތެރަޕީގެ ހިދުމަތަށް ބޭނުންވާ ޒަމާނީ އިތުރު އިކުއިޕްމަންޓްތައް ގެނެވި ހިދުމަތް ފުޅާކޮށްފައިވެއެވެ. ހޮސްޕިޓަލުން އީއެންޓީ ހިދުމަތާއި ލޮލުގެ ފަރުވޭ ދެވެން ފަށާފައިވާއިރު މޭޖަރ ސަރޖަރީތައް ހެދުމަށް ބޭނުންވާ އާލަތްތައް ވެސް ވަނީ 2021 ވަނަ އަހަރުގެ ތެރޭގައި ހޮސްޕިޓަލަށް ފޮނުވާފައެވެ.
2021 އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހު ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ވަނީ އެމްއާރްއައި މެޝިން އިސްޓޯލްކޮށް ކޮމިޝަން ކުރެވި ހިދުމަތް ދޭން ފަށާފައެވެ. އެމްއަރުއައިގެ އިތުރުން ހޮސްޕިޓަލުން ސިޓީ ސްކޭނިންގްގެ ހިދުމަތް ދިނުންވެސް ވަނީ ފަށާފައެވެ. ހޮސްޕިޓަލަށް ގެނެވިފައިވާ ތަރައްގީ ތަކުގެ ތެރޭގައި ދެ ތިއޭޓަރުން އޮޕަރޭޝަން ކުރެވޭ ގޮތަށް ބަދަލުކޮށް ލެބޯޓަރީ ވަނީ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައެވެ. އަދި ހޮސްޕިޓަލުގައި ކުރަން ހުރި މަރާމާތުތައް އަހަރު ތެރޭގައި ވަނީ ނިންމާފައެވެ.
ހަމައެއާއި އެކު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ވެސް އަދި ފިޒިއޯތެރަޕީގެ ހިދުމަތް ދޭން ފަށައި، ބޮޑެތި ސާޖަރީތައް ހެދުމަށް ބޭނުންވާ އާލާތްތަކާއި އެކު ހިދުމަތް ދޭން ވަނީ ފަށާފައެވެ. ނިމުނު އަހަރު ތެރޭގައި ހޮސްޕިޓަލުގައި 6 ޕްރައިވެޓު ރޫމް އިމާރާތްކޮށް ހޮސްޕިޓަލުގައި ކުރަންހުރި މަރާމާތުތައް ވަނީ ކޮށްފައެވެ.
2021 ވަނަ އަހަރުތެރޭ އުނގޫފާރު ހޮސްޕިޓަލަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީ އަކީ ސައިކޭޓްރިސްޓް ޚިދުމަތް ތައާރަފް ލުރެވި ހިދުމަތް ދިނުން ފެށުމެވެ. އަދި މިހޮސްޕިޓަލްގައި މިވަނީ އީއެންޓީ ކުލިނިކެއް މުޅިން އައު އިކުއިޕްމަޓްތަކެއް އިންސްޓާލް ކުރުމަށްފަހު ހުޅުވިފައެވެ. އެހެންކަމުން އެތައް އައު ހިދުމަތްތަކެއްވެސް މިވަނީ ތައާރަފް ކުރެވިފަ އެވެ.
ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ވެސް ފިޒިއޯތެރަޕީގެ ހިދުމަތާއި، ސާޖަރީ އިކުއިޕްމަންޓް އަދި އީއެންޓީ ހިދުމަތް ދޭން ފެށުމުގެ އިތުރުން ވަނީ ސީޓީ އާއި މެމޯގްރަފީ ބެހެއްޓުމަށް ބޭނުންވާ އިމާރާތް ޒަމާނީ ފެންވަރަށް ބަދަލުކުރެވި ހިދުމަތް ދޭން ފަށާފައެވެ.
ފާއިތުވި އަހަރު ތެރޭ ލ. ގަން ރީޖަނަލް ހޮސްޕިޓަލް ވަނީ ފުޓުނި އަދި ރޫޓް ކެނަލްގެ ހިދުމަތް އަލަށް ދޭން ފަށާފައެވެ. އަދި މީގެ އިތުރުން ހޮސްޕިޓަލުގެ ޕަވަރ ހައުސް ވަނީ އިމާރާތްކުރެވިފައެވެ. ޕަވަރ ހައުސްއަށް ބޭނުންވާ 450 ކޭވީއޭގެ 2 ޖަނަރޭޓަރާއި ސިންކްރޮނައިޒް ޕެނަލް ބޯޑު ބަހައްޓާ ހޮސްޕިޓަލަށް ކަރެންޓު ދީފައިވެއެވެ.
މުޅި އަހަރު ތެރޭގައި ފާހަގަކޮށްލެވޭ ކުރިއެރުން ލިބިފައިވަނީ އައްޑޫގައި ހުންނަ އިކުއެޓޯރިއަލް ހޮސްޕިޓަލަށެވެ. އެގޮތުން އެހެން ހޮސްޕިޓަލްތަކުގައި ގާއިމުކުރެވިފައިވާ ފަދައިން ފިޒިއޯތެރަޕީ އާއި ސާޖަރީ އިކުއިޕްމެންޓް ހޮސްޕިޓަލާއި ވަނީ ހަވާލުކޮށްފަ އެވެ. އަދި ހޮސްޕިޓަލުން މި އަހަރުގެ ތެރޭގައި ކާޑިއޯލޮޖީގެ ހިދުމަތާއި ސްޕީޗް ތެރަޕީ ދިނުން ފަށާފައި، ސިޓީ ސްކޭނެ އަދި އެމްއާރުއައި ހެދުމުގެ ގާބިލުކަން ވެސް ލިބިފައިވެއެވެ.
އައްޑު އިކުއިޓޯރިއަލް ހޮސްޕިޓަލުން އަލަށް ދޭން ފެށި ހިދުމަތްތަކުގެ ތެރޭގައި އިންހައުސް ފާމަސީގެ ހިދުމަތް، ލެބޯޓްރީގައި ހިސްޓޯޕްތޯލޮޖީގެ ހިދުމަތާއި އެކޯ ކާޑޮއޯގްރަފީގެ ހިދުމަތް އަދި ޓްރެޑްމިލް ޓެސްޓުގެ ހިދުމަތް ވެސް ހިމެނެއެވެ. އަދި އީއެމްޖީ އަދި އީއީޖީގެ ހިދުމަތް ވެސް އާއްމުންނަށް ފޯރުކޮށްދޭން ފަށާފައިވެއެވެ.
އަހަރު ތެރޭގައި ކޮވިޑޫ މެނޭޖްކުރުމަށް 5 ހޮސްޕިޓަލުގައި ވެސް ވަނީ ފެސިލިޓީ ގާއިމުކެރެވި ކޮވިޑު އައިސީޔޫ ގާއިމުކުރެވިފައެވެ. އަދި މިއިން ކޮންމެ ފެސިލިޓީއަކަށް ބޭނުންވާ އިކުއިޕްމެންޓްވެސް ފޮނުވާފައިވެއެވެ.
އެސްޓީއޯއާ ހަވާލުކޮށްގެން ގެނައި މި އެމްބިއުލާންސްތަކުގެ ތެރެއިން މިއަދު ފޮނުވާފައިވަނީ 20 ރަށަކަށެވެ. އެގޮތުން އެމްބިއުލާންސް މިއަދު ފޮނުވާފައިވަނީ އއ. ތޮއްޑޫ، ފ. ބިލެއްދޫ، ތ. ގާދިއްފުށި، ތ. މަޑިފުށި، ގއ. ގެމަނަފުށި، ކ. މާމެންދޫ، އދ. ދަނގެތި، ކ. ހުރާ، ބ. ކުޑަރިކިލު، ބ. ތުޅާދޫ، ޅ. ކުރެންދޫ، ރ. އިނގުރައިދޫ، ނ. މިލަދޫ، ނ. ހެނބަދޫ، ށ. މަރޮށި، ށ. ފޯކައިދޫ، ހދ. ނޮޅިވަރަން، ހދ. މަކުނުދޫ، ހއ. އުލިގަމު އަދި ހއ. ފިއްލަދޫ އަށެވެ.
ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފައިވަނީ ހުސްވި އަހަރުގެ ޖޫން މަހު އެވެ.
މި ވޭތުވެދިޔަ އަހަރު ތެރޭގައި މިނިސްޓްރީއިން ވަނީ 12 ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލްތަކަށް ބަދަލުކޮށް ފެންވަރު މަތިކުރުމުގެ މަސައްކަތް ފަށާފައެވެ. މި އަލަށް ހޮސްޕިޓަލްތައް ތަރައްގީކުރުމަށް ނިންމާފައިވާ ރަށްތަކަކީ ހއ. އިހަވަންދޫ، ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ނ. ކެނދިކުޅުދޫ، ބ. ތުޅާދޫ، ޅ. ހިންނަވަރު، ފ. ނިލަންދޫ ގެ އިތުރުން ތ. ވިލިފުށި، އދ. މާމިގިލީ، އަދި ގދ. ގައްދޫގައެވެ.

