އޭޑީކޭ ހޮސްޕިޓަލުން ފޯރުކޮށްދޭ އެމްއާރްއައިގެ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް މިހާރަށްވުރެ ފެންވަރު ރަނގަޅު އެމްއާރްއައި މެޝިނެއް މިއަހަރުގެ ތެރޭގައި ގެންނާނެކަމަށް އޭޑީކޭގެ ޗެއަރމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވެއްޖެއެވެ.
އޭޑީކޭގެ ސިއްހީ ހިދުމަތަށް 35 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި އޭޑީކޭ ޗެރިޓީ ރަން ނިންމާލުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނާޝިދު ވަނީ މިއަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި 3 ޓެސްލާގެ އެމްއާރްއައި މެޝިނެއް އޭޑީކޭއަށް ގެންނާނެކަން އިއުލާންކުރައްވާފައެވެ. މިއާއެކު މިހާރު އެމްްއާރްއައި މެޝިން ނުވަތަ ގޭންޓްރީ ތެރޭގައި ހޭދަކުރަންޖެހޭ 30 މިނެޓުގެ ބަދަލުގައިކުޑަ ވަގުތުކޮޅެއް ތެރޭގައި އެމްއާރްއައި ހަދައި ނިންމާލެވޭނެކަމަށް ނާޝިދު ވިދާޅުވިއެވެ. ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓުގެ ތެރޭގައި އެމްއާރްއައި ހަދައި ނިންމާލެވޭނެކަމަސް ނާޝިދު ވިދާޅުވިއެވެ. އަދި 3 ޓެސްލާގެ އެމްއާރްއައި މެޝިނާއެކު މިހާރަށްވުރެވެސް ރަނގަޅު ފެންވަރެއްގައި އެމްއާރްއައިގެ ހިދުމަތް ފޯރުކޮށްދެވޭނެކަމަށް ނާޝިދު ވިދާޅުވިއެވެ.
”މީގެ އިތުރުން ކެންސަރު ބައްޔާއި ހިތުގެ ބަލިތައް ދެނެގަތުމަސް ހަދާ ޕެޓް ސީޓީގެ ހިދުމަތާއި، ޑައިވިންގައި އުޅޭއިރު ދިމާވާ އެކްސިޑެންޓްތަކުން ލިބޭ އަނިޔާތަކަށް ފަރުވާ ދިނުމަށް ޑައިވިން ކޮމްޕްރެސަރތައްވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައި“ އޭޑީކޭ ނާޝިދު
ނާޝިދު ވިދާޅުވީ އެންމެ އިސްކަން ދޭ އެއްކަމަކީ މީހުން ބިނާކުރުން ކަމަށެވެ. ހޮސްޕިޓަލަށް މިއަދު ލިބިފައިވާ ކާމިޔާބީގެ އަސްލަކީ ހޮސްޕިޓަލްގެ ގިނަ މުވައްޒަފުން ތަމްރީންކުރުމަށް އިންވެސްޓްކޮށްފައި އޮތުންކަމަށް ނާޝިދު ވިދާޅުވިއެވެ. ހޮސްޕިޓަލުގައި މިވަގުތު ތިބި ގިނަ މުވައްޒަފުންނަކީ ތަނަށް ވަރަށް ”ޑެޑިކޭޓެޑް“ މުވައްޒަފުންގެ ގޮތުގައި ނާޝިދު ސިފަކުރެއްވިއެވެ.
އެގޮތުން މިއަހަރުގެ ތެރޭގައިވެސް ރާއްޖެބަލި ނުވަތަ ރެމަޓޮލޮޖީގެ ދާއިރާއިން ތަމްރީންވުމަސް ސައުތު އެފްރިކާއަށް ކުއްޖަކު ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ނިޔުރޯސާޖަރީގެ ދާއިރާއިން ތަމްރީންކުރުމަސް ޖާގަ ހޯދުމަކީ ދަތިކަމެއްކަމަށް ވިޔަސް ނިޔުރޯސާޖަރީގެ ދާއިރާއިން ތައުލީމް ހާސިލްކުރުމަށް ކުއްޖަކު ފޮނުވާފައިވާ ކަމަށްވެސް ނާޝިދު ވިިދާޅުވިއެވެ. މިއީ މިއަހަރުގެ ތެރޭގައި މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ހާސިލްކުރެވިފައިވާ ވަރަށް ބޮޑު ކާމިޔާބީއެއްކަން ނާޝިދު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ހޮސްޕިޓަލްގެ ދަށުން ނަރސިން އިންސްޓިޓިއުޓްއެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މިއިންސްޓިޓިއުޓްވެސް މިއަހަރު ތެރޭ ހުޅުވޭނެކަމަށް ނާޝިދު ވިދާޅުވިއެވެ. މިވަގުތު އެކަމަށް ބޭނުންވާ ހުއްދަތަކާއި އެޕްރޫވަލްވެސް ލިބިފައިވާ ކަމަށާއި އަމާޒަކީ މިހާރު އޮތް ނަރސިން ސްކޫލް ޒަމާނީ ވަސީލަތްތަކާއެކު ނަރސިން އިންސްޓިޓިއުޓްއަކަށް ބަދަލުކުރުންކަމުގައި ނާޝިދު ވިދާޅުވިއެވެ.
ދުވުމުގެ ބައިވެރިންގެ ފަރާތުން ތިންލައްކަ ތިރީސް ނުވަހާހަށްވުރެ ގިނަ ރުފިޔާ އޭޑީކޭއިން ވަނީ ޓައިނީ ހާޓްސް ޖަމިއްޔާއާއި ހަވާލުކޮށްފައެވެ. އެއީ ދުވުމުގެ ބައިވެރިން ދުވެފައިވާ ކޮންމެ ކިލޯ މީޓަރަކަށް 35 ރުފިޔާ ހަދިޔާގެ މަގުންނެވެ. ދުވުމުގެ ބައިވެރިން ޖުމްލަ 9700 ކިލޯމީޓަރު ދުވެފައިވާކަން ފާހަގަކުރައްވާ ނާޝިދު ވިދާޅުވީ އެއީ ރާއްޖެއިން ފުރައިގެން ނޯތު ޕޯލްއަށް ދިޔުމަށްވުރެވެސް ބޮޑު ދުރުމިނެއް ކަމަށެވެ.
މިއިވެންޓަށް ރައީސްގެ ދެކަނބަލުން ދެއްވި އެއްބާރުލުމާއި ތަރުހީބަށް ނާޝިދު ވަނީ ޝުކުރު ދަންނަވާފައެވެ. އެގޮތުން ރައީސްގެ އަނބިކަނބަލުން ފަޒްނާ ވަނީ ފަސް ދުވަހު ވަޑައިގެން 25 ކިލޯމީޓަރަށް ދުވެ ހަރަކާތުގައި ބައިވެރިވެޑައިގެންފައިކަން ނާޝިދު ފާހަގަކުރެއްވިއެވެ.

