ރާއްޖެއިން 300 އަށް ވޗުރެ ގިނަ މީހުން ކޮވިޑު 19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލައިލާއިރު މުޅިން އަލަށް 337 މީހުންނަށް ވަނީ ބަލި ޖެހިފައެވެ. މީގެ ތެރެއިން 101 މީހުންނަކީ މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތަކުން 129 މީހުން ޕޮޒިޓިވްވިއިރު ރިޒޯޓްތަކުން 99 މީހުންނަށް ބަލި ޖެހިގެން ރިޕޯޓު ކުރި އެވެ.
ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ގޮތުގައި މިވަގުތު 3،300 މީހުން ތިބިއިރު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 15 މީހަކަށެވެ.
✳️ COVID-19 : Case Updates pic.twitter.com/JykOtiIaok
— Health Protection Agency (@HPA_MV) January 8, 2022
ކޮވިޑުގެ އިތުރުން ރާއްޖޭގައި މިވަގުތު ވައިރަލް ހުމެއް ވެސް އަންނަނީ ފެތުރެމުންނެވެ. އެގޮތުން ބަލީގެ އަލާމާތްތައް ފެނި، ފަރުވާ ހޯދުމަށް ހޮސްޕިޓަލްތަކަސް ދާ މީހުންގެ އަދަދު މިވަނީ އިތުރު ވެފައެވެ.
މިކަމާއި ގުޅިގެން އެޗްޕީއޭ އިން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން ވަނީ މަޖުބޫރު ކުރުވާފައެވެ. އަދި ހަމައެއާއި އެކު އާއްމު ސާފުތާހިރުކަން އިސްކުރުމަށާއި، ގައިދުރުކަން އިސްކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިރުޝާދުދެއްވާފައެވެ.
ރާއްޖޭގައި 27،308 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފަ އެވެ. އެގޮތުން ހުކުރު ދުވަހު އެކަނި ވެސް ރާއްޖޭގައި 245 މީހަކު ވަނީ ބޫސްޓަރ ޑޯޒް ޖަހާފައި ވެއެވެ.
ކޮވިޑު ގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ތެރެއިން ހުކުރު ދުވަހު ގްރޭޓަރ މާލެ އޭރިއާ އިން 185 މީހަކު ޖަހާފައިވާ އިރު، އަތޮޅުތަކުގެ ތެރެއިން 2 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފަ އެވެ. ކޮވިޑު 19 ގެ އައު ވޭރިއެންޓް ކަމަށްވާ ”އޮމިކްރޯން“ ދުނިޔޭގެ ހިސާބުތަކުގައި ފެތުރެމުން ދާތީ، އެކަމުން ރައްކާތެރިވުމަށް ރާއްޖޭގެ އާބާދީއަށް ބޫސްޓަރ ޑޮޒް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

