ޖުމްހޫރީ މައިދާނުގެ ވިނަގަނޑަށް އެއްވެސް ބާވަތެއްގެ ކެމިކަލެއް ޖަހާފައި ނުވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން މިހެން ބުނީ ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލުން ޖުމްހޫރީ މައިދާނުގެ ވިނަތަކަށް ޖެހި ކެމިކަލެއްގެ ސަބަބުން ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި އެ ކައުންސިލުން ބުނެފައިވަނީ ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ބެލެހެއްޓުމުގައި އެއްވެސް ކެމިކަލެއް ބޭނުންނުކުރާ ކަމަށެވެ. ހަމައެކަނި ވިނަގަނޑަށް ފެން ދީ ބަލަހައްޓަނީ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ކޮތަރުތަކަށް އާންމުކޮށް ނުފެންނަ ބައްޔެއް ޖެހިފައިވާކަން ފާހަގަވުމާ ގުޅިގެން ކޮތަރުތަކަށް ބަލިޖެހުނު ސަބަބު ދެނެގަތުމަށް މަސައްކަތްކުރަމުންދާ ކަމަށް އީޕީއޭއިން މިއަދު ބުނެފައިވެއެވެ.

