ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީއައިޓީއެމްއިން ރާއްޖެގެނައި ލެކްޗަރާއެއް އެނބުރި ގައުމަށް ދާނެ ގޮތެއް ނެތި، ހާލުގައި ޖެހިފައި!

ސީއައިޓީއެމްގެ ލެކްޗަރާ މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ދުވަސްތަކެއް ކުރިން، މި ސްޓޭޝަނަށް އައި ފޯނު ކޯލެކެވެ. އޭނާ އެދުނީ ދައްކާ ވާހަކަ އަޑުއަހައި އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ. އެހާ ހިސާބުން ވެގެން އުޅޭ ގޮތަކީ ކޮބައިތޯ ސުވާލު ކުރުމުން ބުނީ އޭނާ މަސައްކަތް ކުރަމުން އައީ ހދ. ކުޅުދުއްފުށީގައި ކަމަށެވެ.

ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓު (ސީއައިޓީއެމް) އެނގޭތޯ ސުވާލު ކުރުމަށް ފަހު އޭނާގެ ވާހަކަ ކިޔައިދޭން ފެށި އެވެ. އަވަށްޓެރި ލަންކާއަށް އުފަން މުހައްމަދު އަސްލަމް ބުނި ގޮތުގައި، ސީއައިޓީއެމުން ކުޅުދުއްފުށީގައި ހިންގި ކޯހެއްގެ ލެކްޗަރާއެއްގެ ގޮތުގައި އޭނާ ރާއްޖެއައީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ނަމަވެސް، މިއަދާއި ހަމައަށް މިވީ ދުވަސްތަކަށް ނުވަތަ ކިޔަވައިދިން މުއްދަތަކަށް އެއްވެސް މުސާރަ ސީއައިޓީއެމުން ދީފައި ނުވާކަމަށް އޭނާ ބުންޏެވެ.

އަސްލަމް ބުނީ އެތަނުގެ ވެރިންނަށް ގުޅައި، އާއިލާއަށް ފައިސާ ފޮނުވަން ޖެހޭކަމަށް ރޮއެ އާދޭސް ކުރުމުން ކޮވިޑު-19 ގެ ސަބަބުން މާލީ ގޮތުން ދަތިވާތީ މުސާރަ ލަސްވަނީކަމަށް ބުނެ ކޮންމެ ފަހަރަކު ފޯނު ބާއްވަނީކަމަށެވެ. މިއީ އޭނާއާއި އެކު އެތަނުގައި މަސައްކަތް ކުރި އެހެން، ބިދޭސީން ވެސް އުޅެން ޖެހިފައިވާ ހާލެވެ.

”ސަންގު“ އާއި މުސާރަ ސްލިޕާއި އެކުމުގެ ބައެއް ލިޔުންތައް އަސްލަމް ހިއްސާ ކުރި އެވެ. އޭގައި ވާގޮތުން އޭނާގެ މުސާރައަކީ 700 ޑޮލަރެވެ. އެހެންކަމުން މިއަދާއި ހަމައަށް އޭނާއަށް ދޭން ޖެހޭ މުސާރަ ބައި ލައްކައަށް ވުރެ މައްޗަށް އަރާނެކަމަށް ބެލެވެ އެެވެ.

ވަރަށް އަސަރާއި އެކު ވާހަކަ ދައްކަމުން އަސްލަމް ބުނީ، އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭން އެދި އެތައް ބައެއްގެ ކައިރީ އާދޭސް ކުރި ކަމަށެވެ. ފުލުހުންނަށާއި، އިމްގްރޭޝަނަށް ވެސް މައްސަލަ ހުށަހަޅައި އެކަމުގެ ލިޔުންތައް ވެސް އޭނާ ”ސަންގު“ އަށް ފޯރުކޮށް ދިނެވެ. އިމިގްރޭޝަނަށް ގުޅައި މައްސަލަ ހުށަހެޅުމުން ބުނީ ރާއްޖެ އަންނާށެވެ. އެހެން ނަމަވެސް އަތުގައި މިވަގުތު އެއްވެސް ފައިސާއެއް ނެތް އަސްލަމް ހުރީ މާލެ ދެވޭނެ ގޮތެއް ވެސް ނެތިފަ އެވެ. މައްސަލަ ރިޕޯޓުކޮށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން، ސީއައިޓީއެމް ހިންގި ފަރާތުން އަސްލަމްގެ ޕާސްޕޯޓު ދޫކުރި އެވެ. ނަމަވެސް އެ ހަވާލު ކުރީ މާލޭގައި ހުރި އިމިގްރޭޝަނާއި އެވެ.

ވާހަކަތައް ކިޔައިދެމުން ގޮސް، އިރުކޮޅަކަށް މަޑު ކުރުމަށް ފަހު އޭނާ އެއްޗެއް ގުނަން ފެށި އެވެ. އެއީ އޭނާގެ އަތުގައި މިވަގުތު ހުރި ފައިސާ އެވެ. އެއީ އެންމެ 40 ރުފިޔާކަމަށް އޭނާ ބުންޏެވެ. އަޅުގަނޑު ވެސް ފޯނު ނަމްބަރު ހިއްސާކުރަން އެދުމުން އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ، ފޯނުގެ ޑާޓާ ހުސްވެ އޭނާއަށް ގުޅޭނެ ގޮތެއް ނުވެދާނެތީ އެވެ.

އަސްލަމް ބުނީ އޭނާގެ ވިސާގައި އޮޅުވާލުންތަކެއް ވާކަން އެނގުނީ ވަރަށް ފަހުން ކަމަށެވެ. ވިސާގެ މުއްދަތު އެހާ އަވަހަށް ހަމަވާން ވީ ސަބަބު އެހުމުން، އަސްލަމް ބުނީ އޭނާ ރާއްޖެ ގެނައީ ޓޫރިސްޓު ވިސާގައި ކަމަށެވެ. ރާއްޖެ އައިސް ވިސާ ބިޒްނަސްއަށް ބަދަލު ކުރާނެކަމަށް ބުނެފައި ވާތީ، އެ މަރުހަލާ ކުރިޔަށް ނުގެންދާކަން އޭނާއަށް ނޭނގެ އެވެ. އަސްލަމް ”ސަންގު“ އާއި ހިއްސާ ކުރި ވިސާގެ ކާޑުން ދައްކާ ގޮތުގައި، އޭގެ މުއްދަތު ހަމަވީ މިިދިޔަ މޭއި މަހު އެވެ. ވިސާ އިޝޫ ކުރި ތާރީހަކީ 2021 ފެބްރުއަރީ 03 ވަނަ ދުވަހެވެ.

ގައުމުގައި ހުރި އަސްލަމްގެ އަނބިމީހާ އާއި ދަރިފުޅަށް ހަރަދު ކުރެވޭނެ އެއްވެސް ގޮތެއް ނެތި އެންމެ ފަހުން ރަން ރިހި ރަހުނުކޮށް ވަނީ ފައިސާ ހޯދާފަ އެވެ. އަސްލަމް ހިއްސާ ކުރި ލިޔެކިއުންތައް ދައްކާ ގޮތުގައި އެކި ފަހަރު މަތީން ތަކެތި ރަހުނު ކުރި އެވެ. އެއީ މިދިޔަ ނޮވެމްބަރު މަހުގެ 10 އަދި 11 އާއި ޖެނުއަރީ 28 ގަ އެވެ. މި ތަކެއްޗަށް އަގު ހޯދާފައި ވަނީ ”ގޯލްޑް ފެސިލިޓީ“ ކިޔާ ތަނެއް މެދުވެރިކޮށެވެ. މި ކަން އަސްލަމްގެ އަނބި މީހާ ވެސް ކަށަވަރުކޮށް ދިނެވެ.

މި މައްސަލައިގައި ސީއައިޓީއެމްގެ ޗެއާމަން ތޮލާލް ވިދާޅުވިކަމަށް ”ސަން“ ގައި ރިޕޯޓުކޮށްފައި ވަނީ، އަސްލަމް ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

އަނެއްކާވެސް ތޮލާލް ދެއްކި ވާހަކަ އާއި، ބައެއް މީޑިއާތަކާއި އޭނާ ތަފްސީލުކޮށް ދެއްކި ވާހަކަތައް އަސްލަމަށް ކިޔައިދިނުމުން އޭނާ ފޮނުވީ ތޮލާލާއި އޭނާ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ސްކްރީންޝޮޓުތަކެކެވެ. މީގައި ތޮލާލް އަސްލަމްގެ ފޯނު ނުނަގައިގެން އޭނާ އެކަމުގެ ސުވާލު ކުރެ އެވެ. އަދި މުސާރަ ދޭން ވެސް އެދެ އެވެ.

އަސްލަމް ބުނި ގޮތުގައި ޓިކެޓު ދޭނެކަމަށް ބުނެ ތޮލާލް އޭނާ ގާތު ވާހަކަ ދެއްކި އެވެ. ނަމަވެސް އޭނާއަށް އިތުބާރު ނުކުރާކަމަށާއި، އޭނާގެ އެހެން އެކުވެރިންތަކަށް ވެސް ޓިކެޓު ދޭން އެއްބަސްވެ މާލެ ދިއުމުން ފޯނު ނުނަގައި އެ މީހުން މަގުމައްޗަށް ދޫކޮށްލިކަމަށް އަސްލަމް ބުންޏެވެ.

މިކަމާއި ގުޅޭގޮތުން އެނާ އެ ހަދަނީ ތެދުކަމަށް ޔަގީންކޮށް ދޭން އިތުރު ބައެއް ލެކްޗަރާއިންގެ މައުލޫމާތުތައް އަސްލަމް ހިއްސާ ކުރި އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ، މުސާރަ ނުދިމުުގެ ސަބަބުން ފުރައިގެން ގޮސްފަ އެވެ. އެގޮތަށް ވާހަކަ ދައްކަން އަސްލަމް ތިން މީހެއްގެ ނަމްބަރު ހިއްސާ ކުރި އެވެ. ގިނަ އަދަދެއްގެ ސިޓީތަކާއި، ލިޔުންތައް ވެސް ހިއްސާ ކުރި އެވެ.

އަސްލަމް ވަނީ އޭނާގެ އަތުގައި މިވަގުތު އެއްވެސް ފައިސާއެއް ނެތްކަމާއި، ބޭނުންވަނީ އެނބުރި އަނބިމީހާ އަދި ދަރިފުޅު ގާތަށް ދާންކަމަށް ބުނެފަ އެވެ. ނަމަވެސް ރަހުނު ކުރި ތަކެއްޗާއި، އެހެން ހުރިހާ އެއްޗެއް ލިބެން އޮތީ މުސާރަ ލިބިގެންކަމަށް ބުންޏެވެ.

މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ގަވާއިދުތަކާ ހިލާފަށް ކޯސްތައް ހިންގާތީ ސީއައިޓީއެމް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ”ބްލެކްލިސްޓް“ ކޮށްފައެވެ. މައްސަލައިގައި އެމްކިއުއޭއިން ސީއައިޓީއެމް މަތީ ތައުލީމު ޕްރޮގްރާމުތަކުން ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ދަރިވަރުން ވެއްދުމާ ކޯސްތައް ފުރިހަމަކުރާ ދަރިވަރުންނަށް ސަނަދު ދޫކުރަން އޮންނަ އުސޫލުން ބޭރުން އަމަލުކޮށްފައިވާ ކަމަށް އެމްކިޔުއޭއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: