މާލޭގެ ޖަލުގައި އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭނެ ގޮތް ހަމަޖައްސައި ކޯޓު ރޫމްތައް މިއަދު ބޭނުން ކުރަން ފަށައިފި އެވެ.
މިކަމާއި ގުޅިގެން މާލޭގެ ޖަލުގައިވަނީ އެކަމަށް ރަސްމިއްޔާތެއް ބާއްވާފައެވެ.
ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވަނީ މިއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަ ކުރައްވާފައެވެ. މިއީ ކޮވިޑް 19 ގެ ހާލަތުގެ ސަބަބުން އޮންލައިންކޮށް އެތައް މަސައްކަތެއް ކުރަން ޖެހިފައިވާ ދަނޑިވަޅެއްކަން ފާހަގަކޮށް އަހުމަދު ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައިވެސް ވާނީ މިފަދަ ގިނަ މަސައްކަތްތަކެއް ކުރެވިފައި ކަމަށެވެ.
މީގެ ކުރިން ޝަރީއަތް ބޭއްވުމަށް ވަކި ތަނެއް ޖަލުގައި ހާއްސަ ކުރެވިފައެއް ނުވެއެވެ.
މިކަމުގެ ސަބަބުން މީހުން އެއްތަނުން އެނެއްތަނަށް ގައިދީން ގެންދިއުމަކީ ހަރަދުބޮޑު ކަމަކަށް ވެފައިވާއިރު އަލަށް ބޭނުންކުރަން ފެށުނު ކޯޓް ރޫމްތަކުގެ ސަބަބުން ވަރަށް ބޮޑު ލުއިތަކެއް ވެގެން ދާނެކަމަށް ކޮމިޝަނާރ ވިދާޅުވި އެވެ.
ކުރީގައި އޮންލައިންކޮށް ޝަރީއަތްތަށް ބޭއްވުމަށް ބޭނުންކުރީ މީޓިންގ ރޫމް، ލޯޔަރ އަދި ފެމިލީ ވިސިޓިންގ ރޫމްތަކެވެ.
އަލަށް ބޭނުން ކުރަން ފެށި ކޯޓް ރޫމްތަކުގެ ސަބަބުން ޝަރީއަތް ދިގުލައިންގެ ދާތީ ޝަކުވާކުރާ އެތަކެއް ޤައިދީންނާއި ބަންދުމީހުންގެ ގިނަ ޝަކުވާތަކައް ހައްލު ލިބިގެންދާނެކަމަށް މާލޭ ޖަލުގެ ޑައިރެކްޓަރ ޑީއެސްޕީ އަލްއުސްތާޛް މުޙައްމަދު ތޮލާލް ވަނީ ވިދާޅުވެފައެވެ.

