ސްޓެލްކޯ އިން ކުރިޔަށްގެން ”ރަށް ފެހި“ ޕްރޮގްރާމްގައި މިއަހަރު އަމާޒު ހިފާފައި ވަނީ 6،000 ގަސް އިންދަން ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
”ރަށްފެހި“ ޕްރޮގްރާމް އަކީ މުޅި ރާއްޖެ ފެހި ކުރުމަށް، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު 15 ދުވަހު ގައި ފެށި ޕްރޮގްރާމެކެވެ.
މި އަހަރުގެ ރަށްފެހި ޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު، އަދި މަޖިލީހުގެ އެންވަޔަރުމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު އަހްމަދު ސަލީމެވެ.
މި ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ޝަރަފްވެރިމެހުމާން މެމްބަރު ސަލީމާއި، މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވަނީ އެ ސަރަހައްދުގައި ދިވެހި ރުށް އިންދާފަ އެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްސަކޮށްގެން ކަރާ ގަސް ވެސް ވަނީ އިންޖީނުގޭގެ ގޯތި ތެރޭ އިންދައިފަ އެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުޣުނީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއީ ރައީސް ފެއްޓެވި ވަރަށް މުހިންމު ޕްރޮގްރާމެއްގެ ދަށުން ސްޓެލްކޯ އިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި، އަމާޒަކީ މިއަދު ސްޓެލްކޯގެ ހުރިހާ މުވައްޒަފުން، ހުރިހާ އައުޓްލެޓެއްގައި ހަ ހާސް ގަސް އިންދުން ކަމަށެވެ.
”ހަމަ އެކަނި އަހަރެމެން ކުރާ ކަމަކީ ގަސްއިންދުމެއް ނޫން. ގަސް އިންދުމުން ރަމްޒުމިކޮށްދެނީ ކުންފުނީގެ މުޅި މަސައްކަތްތައް. ކުޑަކޮށް ފެށޭ ކަންކަން ރަނގަޅަށް ބެލެހެއްޓޭނަމަ އެކަމުގެ ފަސޭހަ ކުންފުނީގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ. މިދިޔަ އަހަރު 5،000ގަސް އިންދާފައިވާއިރު، މިއަހަރުގެ ގޯލަކީ 6،000 ގަސް އިންދުން،“ މެނޭޖިން ޑިރެކްޓަރު މުޣުނީ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހުމާން، ހޯރަފުށީ ދާއިރާގެ މެމްބަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ފަދަ ކުންފުންޏަކުން، ގަސްއިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވަކި ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަ ނުކުރި ނަމަވެސް އަބަދުވެސް ގަސްއިންދުން ކުރިއަށް ގެންދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސަރުކާރުން 2030 އަށް އަމާޒުހިފާފައިވާ ކާބަން ނިއުޓްރަލް އަށް ވާސިލުވުމަށް ވެސް ގަސް އިންދުމުގެ މުހިންމުކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
މި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯ އިން ވަނީ 2019 ގައި 2000 ގަސް އަދި 2020 ގައި 3000 ގަސް އަދި މިދިޔަ އަހަރު 5،000 ގަސް އިންދާފަ އެވެ.

