އިންޑިއާ އައުޓް ހަރަކާތާއި ގުޅުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރައީސް މުހައްމަދު ނަޝީދަށް ދައުވަތު އަރުވައިފިއެވެ.
އަބްދުއްރަހީމް، ނަޝީދަށް މި ދައުވަތު ދެއްވީ ”އިންޑިއާ އައުޓް“ ކެމްޕެއިންގައި ބައިވެރިނުވުމަށް އިދިކޮޅު މެންބަރުންނަށް ނަޝީދު ނަސޭހަތްތެރިވުމާ ގުޅިގެންނެވެ.
ޓްވިޓަރ މެދުވެރިކޮށް އެރުވި މި ދައުވަތުގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު ވެސް ހިއްސާވާ، ރައީސް ސާލިހުގެ ސަރުކާރުން ދިވެހިންގެ އިސްތިގުލާލު ނަގާލާ އަވަށްޓެރި އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގައުމު ގެންދިއުމުގެ ޖަރީމާ އެބަ ހިންގާ ކަމަށެވެ. އަދި މި ޖަރީމާތަކާ ދެކޮޅަށް ފާޅުގައި ތެދުވެވަޑައިގެންދެއްވުމަށް ނުހަނު އިޚްލާސްތެރިކަމާއެކު ދަންނަވާ ކަމަށް އަދުރޭގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
އިންޑިއާ އައުޓު ހަރަކާތަކީ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ޕްރޮގްރެސިވް ޕާޓީން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތް ފުރަތަމަ ފެށި މާލޭގައި ނަމަވެސް މިހާރުވަނީ އަތޮޅުތެރެއަށް ވެސް ފުޅާކޮށްފައެވެ. ރައީސް ނަޝީދު ވަނީ އިންޑިއާއައުޓު ހަރަކާތުގައި ބައިވެރިނުވުމަށް ޕީޕީއެމްގެ މެމްނަރުންނަށް ގޮވާލަައްވައިފިއެވެ.

