ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކުރުމާއި ގުޅިގެން އެކަން ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑަައިގަތުމަށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން މިއަދު ކުރެންދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ވާދަވެރިކަންބޮޑުވި ކުރެންދޫ ކައުންސިލް ރައީސްގެ އިންތިޚާބު ޕީޕީއެމްގެ ކެނޑިޑޭޓް މަދީހު ކާމިޔާބުކުރީ، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ނަސީމް ބަލިކޮށްގެންނެވެ. މިއިންތިޚާބު މަދީހު ކާމިޔާބު ކުރީ 49 ވޯޓުގެ ތަފާތުންނެވެ.
ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން ކުރެންދޫއަށް ވަޑައިގަންނަވާނީ މިއަދު ހަވީރު ކަމަށެވެ. އެމަނިކުފާނުގެ އަރިހުގައި ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުންވެސް ވަޑައިގަންނަވާނެ އެވެ. އަދި މިވަގުތުވެސް ދެ ޕާޓީގެ އިސް ބައެއް ބޭފުޅުން ތިއްބެވީ ކުރެންދޫގައި ކަމަށް ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ކުރެންދޫ ބައި އިލެކްޝަންގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިރޭ އެ ރަށުގައި ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ރައްޔިތުންނާއި މުހާތަބު ކުރައްވާނެ އެވެ.

