ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިމާރާތް ކުރުމުގެ ދާއިރާގެ ތެރެއަށް ވަނުމުން ގޯސް ނަތީޖާތަކެއް ނިކުމެދާނެކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީގެ ދެ މަޝްރޫއުއަކާއި ބެހޭ މައުލޫމާތުތައް ސާފު ކުރުމަށް ފަހު އިތުރު ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ބައެއް ކުންފުނިތަކުން އެހެން އިންޑަސްޓްރީތަކުގެ ތެރެއަށް ވަނުމުގެ ވިސްނުން ގެންގުޅެ އެކަން އިއުލާނު ކުރަމުން ގެންދާކަން ފާހަގަކޮށްފަ އެވެ. މިއީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމާއި، މިގޮތަށް ކަން ހިނގާ ސަބަބާއި މެދު ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ ކަމާއި ނުގުޅޭ ދާއިރާތަކުގެ ތެރެއަށް ކުންފުނިތަކުން ވަނުމަކީ ޕްލޭނިން މިނިސްޓްރީގެ ސިޔާސަތެއް ނޫން ކަމަށެވެ.
މިނިސްޓްރީން މިފަދަ އެއްވެސް މަޝްރޫއެއް، ކަމާއި ނުގުޅޭ ސަރުކާރުގެ ކުންފުންޏަކާއި ހަވާލުކޮށްފައި ނުވާނެކަމަށް އަސްލަމް ވިދާޅުވި އެވެ. މިއީ ގާނޫނީ ގޮތުން މަނާ މަސައްކަތެއް ނޫންކަމުން، ބައެއް ފަހަރު ކޮންޓްރެކްޓަރުންގެ ގޮތުގައި ރެޖިސްޓްރީވުމުގެ ލަފާ ލިބޭކަމަށް އަސްލަމް ވިދާޅުވި އެވެ.
”އަޅުގަނޑު ދެކޭ ގޮތުގައި އެ މީހުންނަށް ވަދެވިގެން ނުވާނެ އޭގެ ތެރެއަށް… އަދި ނުވަދެވޭ ގޮތަށް ގާނޫނެއް އޮތުން ރަނގަޅު“ އަސްލަމް
އަސްލަމް ވިދާޅުވީ ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ ވިސްނުމުގައި، އެހެން ދާއިރާތަކުގެ ތެރެއަށް ވަނުމުގެ ސަބަބުން ކުންފުނީގެ އަސްލު މަގްސަދާއި ދުރަށް ޖެހި ފޯކަސް ގެއްލުގެން ދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގޯސް ނަތީޖާއެއް ނިކުމެދާނެކަމަށް އޭނާ ވިދާޅުވި އެވެ.
”ޕްލޭނިން މިނިސްޓަރުގެ ހައިސިއްޔަތުން ހަމަގައިމު ވެސް އަޅުގަނޑު ތަރުހީބުދޭ ކަމެއް ވެސް ނޫން މިއީ… އަޅުގަނޑު ބާރު އަޅާކަމެއް ވެސް ނޫން… ސަރުކާރުގެ ސިޔާސަތެއް ވެސް ނެތް.. އެ މީހުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތެރެއަށް ވެއްދުމަށް..“ އަސްލަމް
ކުންފުނިތަކުން އެހެން ދާއިރާތަކަށް ވަންނަ ވާހަކަ މިއަދުގެ މަޖިލީސް ޖަލްސާގައި ދެކެވުނު ސަބަބެއްކަމަށް ބެލެވެނީ ސްޓެލްކޯއިން ރެއަސް ސްޓޭޓް ވިޔަފާރި އާއި ޔޫޓިލިޓީ ވިޔަފާރީގެ ތެރެއަށް ވަނުމުގެ ވިސްނުން ގެންގުޅޭކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެފައިވާތީ އެވެ. އެ މަސައްކަތްތަކާއި ބެހޭ ހުށަހެޅުންތައް ސްޓެލްކޯއިން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، ޝަރީފް ވިދާޅުވީ މިއީ ކާމިޔާބު މަސައްކަތަކަށް ވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ސްޓެލްކޯއިން ވަނީ ފެން އުފެއްދުމުގެ މާކެޓަަށް އަލުން ވަނުމުމުގެ މަޝްވަރާތައް ފަށާފަ އެވެ.
ސަރުކާރުގެ ގިނަ ކުންފުނިތަކަކީ މިވަގުތު ކޮންސްޓަރްކްޝަނާއި ގުޅުން ހުރި މަސައްކަތްތައް ކުރާ ބައެކެވެ. އަދި ކުންފުނިތަކުން މަސައްކަތް ނަގައި، ސަބް ކޮންޓްރެކްޓު ވެސް ކުރެ އެވެ.

