މި އަހަރު ފަހުކޮޅު ދިވެހި ރާއްޖޭގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުން ކުރުން ފެށިގެންދާނެކަމަށް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އއ.އުކުޅަހުގައި ކުރިއަށްގެންދާ ވިއަވަތި ކޮންފަރެންސްގައި މިވަގުތު ބޭނުންކުރަމުންދާ އައިޑީކާޑުތައް ހެއްދުމުގައި އަަތޮޅުތެރޭގައި ކުރިމަތިވާ ދަތިތަކާއި މެދު ވާހަކަދެކެވުމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ރާއްޖޭގައި ތައާރަފް ކުރުމަށް ކަނޑައެޅިފައިވާ ޑިޖިޓަލް އައިޑީ ކާޑުތައް ރައްޔިތުންނާއި ހަމަށް ގެނެސްދިނުމަށްޓަކައި ކުރަންޖެހޭ ގިނަ މަސައްކަތްތައް ނިމިފައިވާކަމަށެވެ. އަދި އެ މަސައްކަތްތައް ކުރަށްވަމުން ގެންދަވަނީ އެހެނިހެން މިނިސްޓްރީތަކާއި ގުޅިވަޑައިގެންކަން ފާހަގަކުރަަށްވާ މިނިސްޓަރ ޝައުނާ ވިދާޅުވީ މިވަގުތު ކުރަމުން އަންނަނީ އެކަމަށް ބޭނުންވާ ޑޭޓާ އެންޓްރީގެ މަަސައްކަތްތައް ކަމަށެވެ.
ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިސްވެވަޑައިގެން ދިވެހި ރާއްޖެއަށް ގެންނައުމަށް ނިންމަވާފައިވާ ތަރައްގީގެ މަޝްރުޢތަކުގެ ތެރެއިން ގާއިމު ކުރާ ޑިގިޓަލް އައިޑީގެ ނިޒާމުގެ ދަށުން އެފަދައިން ބޭނުން ކުރެވޭނެ ޕްލެޓްފޯމެއް ފަރުމާކޮށް، އެ ޕްލެޓްފޯރމްގެ ބޭނުން ސްމާޓް ފޯނުތައް ފަދަ ވަސީލަތްތައް މެދުވެރިކޮށް ކުރެވޭނެ ފަދައިން އެޕްލިކޭޝަނެއް ތައާރަފް ކުރުމާއި ބައޯމެޓްރިކް އައިޑެންޓިފިކޭޝަންގެ ބޭނުން ކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކޮށް، ޒަމާނީ މިންގަނޑަށް ސްމާޓް ނުވަތަ ކޮންޓެކްޓްލެސް ކާޑެއް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައިއެވެ.
ޒަމާނީ އައިޑީކާޑަކާއި އެކު ވެރިފަރާތައް އެފަރާތުގެ މައުލޫމާތު ރައްކައުތެރިކަމާއިއެކު އެކި ބޭނުންތަކުގައި ފޯރުވޭނެ ފަދައިން ޕްލެޓްފޯރމްގެ ބޭނުންކުރެވިގެންދާނެއެވެ. ޑިގިޓަލް އައިޑީގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ ނޭޝަނަލް ސެންޓަަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ(އެންސީއައިޓީ) އަދި ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން(ޑީއެންއާރް) ގުޅިގެންކަން ފާހަގަކޮށްލެވެއެވެ.

