ދިވެހި ރާއްޖޭގެ އިޖްތިމާއީ ހާލަތު ދަށަށްގޮސްފައި ވަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ދިވެހި ގައުމުގެ މުޖުތަމައުގައި ކުށްތަކަށް އަރައިގަތުން އާންމުވެފައިވާ މިންވަރާއި ސަރުކާރުކާރުގެ ހިންގުންތެރިކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް، ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި މުހައްމަދު އިސްމާއިލް ވިދާޅުވީ އަދާލަތު ޕާޓީ ވުޖޫދަށް ގެނައުމަށް މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ދިވެހި ރާއްޖޭގެ ގާނޫނާއި، އިސްލާމް ދީން އަދި ރައްޔިތުންގެ ހައްގުތައް ހިމާޔައް ކުރައްވާނެކަމަށް ބުނެ ހުވަފެން ދެއްކެވި ކަމަށެވެ. އަދި އަދާލަތު ޕާޓީ އުފައްދަން މަސައްކަތްކުރައްވާ ސަބަބަކީ ދީން ފަތުރާ، ދަމަހައްޓާ، ނެގެހެއްޓުމަށްޓަކައި ކަމަށް ވިދާޅުވެފައިވީ ނަމަވެސް، ދިވެހި މުޖުތަމައުގެ ތެރެއަށް ބަޔަކު ދީނާއި ދެކޮޅު ރިޕޯޓެއް ނެރުން ހިނދު އަދާލަތު ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އެއެވެސް ބަހެއް މިނިސްޓަރ އިމްރާން ވިދާޅުވިތޯ މުހައްމަދު އިސްމާއިލް ވަނީ ސުވާލުކުރައްވާފައިއެވެ.
ދިވެހި ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކޮށް ބަޔަކު ރިޕޯޓެއް ނެރުނު އިރު އިމްރާން ހުންނެވީ ހަނުކަން ފާހަގަކުރައްވައި މުހައްމަދު އިސްމާއިލް ވިދާޅުވީ، ދިވެހި ރާއްޖޭގެ ރިވެތި އުސޫލުތަކާއި އަސާސްތަކާއި އިސްލާމް ދީނުގެ ކަންކަން ވެއްޔާއި މޮޑެވި ދާ ހިންދު ގާނޫނު އަސާސީގެ ތެރެއިން ހައްގު ބަސް ވިދާޅުވާން ޖެހޭނެކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން މިފަދަ ކަންކަން ހައްލު ކުރެވޭނެ މަގު އޮންނާނެ ކަމަށް އިޝާރާތްކުރައްވާ އެނާވަނީ އެއްވެސް މުއައްސަސާއަކުން އެފަދައިން އަމަލު ކުރަމުންދާތޯ ސުވާލުކުރައްވާފައިއެވެ.
އެހެންކަމުން ޒިންމާތަކެއް އޮވެ އަދާ ނުކުރެވި އޮތުމުން ދިވެހި ގައުމުގެ އިޖްތިމާއީ ހާލަތު މިވަގުތު ދަށަށް ދިއުމުގެ ޒިންމާ އެޅިގެންދަނީ މިނިސްޓަރ އިމްރާންގެ ބޮލުގައިކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ރާއްޖޭގެ މުޖުތަމައުގައި ކުށްތައް ގިނަވެފައިވުމަކީ އަދާ ކުރަންޖެހޭ ޒިންމާތަކެއް އަދާނުކޮށް ދިއުމުގެ ސަބަބުން ކުރިމަތިވެފައިވާ ކަމެއްކަމަށް އިޝާރާތްކުރައްވައި މުހައްމަދު އިސްމާއިލް ވަނީީ ގޭންގު ކުށްތަކާއި މަސްތުވާތަކެތި އަދި ގޮތް ނޭގޭ މަރުތަކުގެ މައްސަލަތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ހިނދު، މުސާރަ ނަންގަވައި، ސަރުކާރުން ކާރު ދީ އޭގައި ޑްރައިވަރެއްގެ ގޮތުގައި މީހަކު ވެސް ބަހައްޓައިދޭ ހިނދު ޒިންމާތައް އަދާ ނުކުރެވިފައި ވަނީ ކޮންސަބަބަކާއި ގުޅިގެންތޯ ސުވާލުކުރައްވާފައިއެވެ. އަދި ގާނޫނޫ ސާފު ހިނދު އެގޮތުގެ މަތިން އަމަލު ކުރަންވީނޫންތޯ ފާހަގަކުރަށްވާ މުހައްމަދު އިސްމާއިލް ވިދާޅުވީ، މިފަދަ ކަންކަން ހައްލު ނުކުރެވި އޮތީ، ގާނޫނުގައި މައްސަލަތަކެއް އޮވެގެން ނޫންކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ ގާނޫނު ތަންފީޒުކުރަން ތިބޭ ފަރާތްތަކުގެ ”ނުބައި ނުލަފާކަން ކަމަށް ފާހަގަކުރަށްވާ އެނާ ވިދާޅުވީ މިފަދައިން ކަން އޮތުމުން އެ ފަރާތްތަކުގެ ”އަމިއްލަ އެދުން ބޮޑުކަން“ ފާހަގަކުރެވިގެންދާކަމަށެވެ.
މީގެ އިތުރުން ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ބެލުމަކީ އެމްޑީޕީގެ މި ސަރުކާރުން ވެފައިވާ ރިޔާސީ ވައުދެއްކަމަށެވެ. އަދި ވެރިކަންކުރާ ހުރިހާ ބާރުތައް ވަނީ އެއް ފަރާތްތަކެއްގެ އަތްމަތީގައި ކަމަށް ފާހަގަކުރަށްވާ އެނާ ވަނީ އެހެންކަމަށްވާ ހިނދު، އެ ކަން ތަހުގީގުކޮށް މައްސަލަ ނިންމިފައި ނުވަނީ ކީއްވެގެންތޯ ސުވާލުކުރަށްވާފައިއެވެ. އަދި އެފަދަ ބޮޑެތި ކަންކަން ކުރަން އޮތް ހިނދު، ރައީސް ޔާމިން ”ގައިގަ ހިފައިގެން“ ސަރުކާރުން އުޅުއްވަނީ ކޮން ސަބަބުތަކަކާއި ގުޅިގެންތޯ މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

