އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ވޭސްޓްމެނޭޖްމަންޓް ސެންޓަރުތައް ގާއިމުކޮށް، ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުންކަމަށް އެންވައިރަންމެންޓް، ކްލައިމެޓް އެންޑް ޓެކޮނޮލޮޖީ މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި ބޭއްވި ތިމާވެށީގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގައި ފިޔަވަހިތަކަކަށް ބަހާލައިގެން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ރަނގަޅު ނަތީޖާ ވެސް އެކި ރަށްތަކުން ފެންނަ ކަމަށް ވިދާޅުވި އެވެ.
މިފަދަ އެތައް މައްސަލަތަކެއްގެ ތެރެއިން މިނިސްޓާ ޝައުނާ ވިދާޅުވީ ކުނީގެ މައްސަލައަކީ ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށެވެ. މިކަން ހައްލު ކުރުމަށްޓަކައި ސަރުކާރުން އަންނަނީ އެކި އެކި މަރުހަލާތަކަށް ބަހައިގެން މަސައްްކަތް ކުރަމުންކަމަށާއި، މިގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުތައް ގާއިމް ކުރެވޭނެކަމަށް ވިދާޅުވިއެވެ.
އެބޭފުޅުންގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމްކުރެވި ކައުންސިލްތަކަށްވެސް ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމަށް ބޭނުންވާ ވަސީލަތްތަށް ހޯދައިދީ އަދި މީގެ އިތުރުން ރެގިއުލޭޝަންސްއަށް ބޭނުންވާ ބަދަލުތަށްވެސް ގެންނަމުން ދިިޔުންކަމުގައި މިނިސްޓާ ވިދާޅުވިއެވެ. އެގޮތުން ފާހަގަ ކުރެއްވީ ދާދި ފަހުން މާލޭގައި ކުނި ވަކިން ނެރުމަށް ގާނޫނުން ތަންފީޒް ކުރެއްވި ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރަށްތަކުގައި ގޭބިސީ ފެންވަރުގެ ކުނި ނެރެމުން އަންނަނީ ބައިތަކަށް ބަހައިގެންކަމުގައި އާއި މި ތަފާތު މާލެއިންވެސް ފެނިގެންދާނެކަމަށެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ވޭސްޓްމެނޭޖްމަންޓް ސެންޓަރުތައް ގާއިމުކުރެވި، ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން،“ ޝައުނާ ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވީ މިއީ ކޮންމެހެންވެސް ކުރަންޖެހޭކަމެއްކަމަށާއި މިކަމަށްޓަކައި ވަކި ރަނގަޅު ވަގުތެއް ނޯންނާނެކަމަށެވެ. އެއީ ކުނި މެނޭޖްކުރުން ފެށެނީ ގޭބިސީ އާއި ހަމައިންކަމަށް ވީތީކަމަށާއި ކުނި ވަކި ނުކޮށް ނެރުނު ނަމަވެސް އެކުނިތައް ވަކި ކުރަން ޖެހެނީ އާންމު އިންސާނުންކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިފަދައިން ކުނި ވަކިކޮށް ނެރުމުން އެތައް ގުނައަކުން ވެމްކޯގެ ހިންގުމުގެ ހަރަދާއި ވެމްކޯގެ މަސައްކަތުގެ ވަގުތުވެސް ކުޑަ ކުރެވޭނެވޭނެކަމަށެވެ.
ކުނީގެ ތެރޭގައި ހިމެނޭ ކެމިކަލްތައް ނައްތާލުމަށް އިސްކަންދެއްވައިގެންވެސް އެބޭފުޅުން މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި އެގޮތުން ހާއްސަކޮށް ހެޒެޑަސް ކެމިކަލް ވޭސްޓާއި ގުޅޭ ބިލެއް ފަރުމާކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންކަމުގައި ވިދާޅުވެ ފާހަގަކުރެއްވީ މިފަދަ ކުނި މެނޭޖްކުރުމާއި ގުޅޭ ގޮތުން ފަންނީ ލަފާ ހޯދާ މަސައްކަތްތަށް ރޭވުމުގެ ކަންތައްތައް ކުރިއަށްދާކަމުގައެވެ.
ފުވައްމުލަކު ސިޓީގައި މި ޖަލްސާ ބޭއްވިގެންދިޔައިރު މިނިސްޓާ ވަނީ ފުވައްމުލަކުގައި އެތައް ޒަމާންތަކެއް ވަންދެން އުކާލާފައި ހުރި ތިމާވެއްޓަށް ގެއްލުން ދިނުމުގެ އިތުރުން އިންސާނީ ސިއްހަތަށްވެސް ގެއްލުންދޭ ޓްރާންފޯމާސްތަކާއި ތަޢައްޔަރުވެފައިވާ ވެލި ފުވައްމުލަކުން ބޭރުކޮށް ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީތަކަށް ގެންދިޔުމަށް ރޭވިފައިކަން ހާމަކުރައްވާފައެވެ.
ފުވައްމުލަކު ސިޓީ ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި މަސައްކަތް ކުރެވެމުން އަންނައިރު މީގެ އިތުރަށް ނޭވާލާ ވައިގެ ތަޢައްޔަރުވުން އޮތީ ކިހާ މިންވަރަކަށްތޯ ދެނެގަތުމަށްޓަކައި އެ މަސައްކަތތަށްްވެސް ކުރަމުން އަންނަކަމުގައި ފާހަގަކުރައްވާ ވިދާޅުވީ މާލެ ސަރަހައްދާ ބައެއް ސިޓީތައް ހިމެނޭހެން މިހާތަނަށް ރާއްޖޭގެ 8 ސަރަހަދެއްގައި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމްތަށް ގާއިމްކޮށްފައިވާނެކަމަށެވެ. އަދި އިތުރު ސަރަހައްދުތަކުގައިވެސް މި ސިސްޓަމްތައް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ގާއިމްކުރާނަންކަމުގައި ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވި ގޮތުގައި މިކަންކަމުގެ ހެޔޮ އަސަރު ދިވެހިންގެ އިގްތިސާދާއި ދިރިއުޅުމާއި ސިއްހަތަށް ވެސް ކުރާނެއެވެ.
ކުނީގެ މައްސަލައާއި އެއާ ކޮލިޓީގެ މައްސަލައިގެ އިތުރުން ފަރުތަކަށް އަންނަ ބަދަލުތަކަށް ޖުމްލަކޮށް ބަލަނީނަމަ ދިވެހިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައްކަމުގައި މިނިސްޓާ ޝައުނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކަމާއި ބެހޭ ސައިންސުވެރިން ހަދާފައިވާ ދިރާސާތަކަށް ބަލާއިރު ކުރިއަށް އޮތް 90 މަހުގެ ތެރޭގައި ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަގައި ނުހިފެހެއްޓިއްޖެނަމަ ރާއްޖެފަދަ ގައުމުތަކަށް މީގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށެވެ.
ރާއްޖޭގައި ނުގިރާ ފެންފަށަލައެއް ތަޢައްޔަރު ނުވާ އެންމެ ރަށެއް ނެތްކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާއި މިހުރިހާ ކަމެއް ވަނީ ގުޅިފައިކަމަށް ވިދާޅުވެ ފާހަގަކުރެއްވީ އެހެންކަމުން ބައިނަލްއަގުވާމީ ފެންވަރުގައި ދުނިޔޭގެ މޫސުމީ އެކިއެކި އެގްރީމެންޓްސް ހެދޭއިރު ރާއްޖެ އަންނަނީ މީގެ ތެރޭގައި ވަކާލާތު ކުރަމުންކަމަށެވެ. އަދި ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކުގައި ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތައް ހޭނުމަށްޓަކައި ނުވަތަ އެޑަޕްޓޭޝަންގެ މަސައްކަތްތަކާއިި ގުޅޭ ގޮތުން ރާއްޖެ އަންނަނީ ލީޑާޝިޕް ދައްކަމުންކަމުގައި މިނިސްޓާ ފާހަގަކުރެއްވިއެވެ.

