އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ ހުށައެޅުއްވީ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުއެވެ.
ކުއްލި މައްސަލަ ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް ތަރުޖަމާން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލަ އިސްލާމީ ގައުމުތަކުން ކުށްވެރިކުރަމުންދާއިރު ދިވެހި ސަރުކާރުން އެ މައްސަލަ ކުށްވެރި ނުކުރާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި ބީޖޭޕީން ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައިވެސްވެއެވެ.
ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަދައްކާފައިވަނީ އިންޑިއާގެ ޓީވާ ޗެނަލެއްގަ އެވެ. އެ މައްސަލައާއި ގުޅިގެން އިސްލާމީ ބައެއް ގައުމުތަކުންނާއި އިންޑިއާގެ މުސްލިމުން އެކަމާ ދެކޮޅަށް އިހްތިޖާޖުކުރަން ފެށުމާއި ގުޅިގެން ބީޖޭޕީން ވަނީ އެޕާޓީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ އާއި ޕާޓީގެ މީޑިއާ އިންޗާޖުގެ ގޮތުގައި ހުންނެވި ނަވީން ކުމާރު ޕާޓީގެ މަގާމުތަކުން ސަސްޕެންޑްކޮށްފައެވެ.

