ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަނަކަށް ހުންނެވި ހަސަން ލަތީފްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ދަފްތަރު ސާފު ކުރުން ހިމެނޭކަމަށާއި، އެކަމަށް އޭނާ އިހުމާލުވެފައިވާކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރު މައްސަލައާއި، އާއްމުންނަށް ނޭގި އެހެން ޕާޓީތަކުގެ މެމްބަރުންގެ ގޮތުގައި ތިބޭ މައްސަލައިގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފަ އެވެ. ރައްޔިތުންގެ މަޖިލީހުގައި މިތުހުމަތުތައް ކުރެވި، އެންމެ ބޮޑެތި ނުރުހުންތައް އަމާޒުކުރީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުންނެވެ. ނަމަވެސް އިދިކޮޅުން ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލުމަށް ފަހު މިއަދު އެމްޑީޕީގެ މެމްބަރުންގެ ފަރާތުން މައްސަލަ ހުށަހަޅައި ބަހުސް ކުރެވުނެވެ.
މައްސަލައަށް އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ވެސް ހިޔާލުތަފާތުވެ ބޮޑަށް ދެކެވުނީ އިލެކްޝަންސް ކޮމިޝަނާއި، ޕާޓީގެ ދަފްތަރުގެ މެމްބަރުންގެ އަދަދުގައި ހުރި ފަރަގުތަކެވެ. އެމްޑީޕީން އެ ޕާޓީގެ ލިސްޓުތަކުގައި 90،000 މެމްބަރުން ތިބިކަމަށް ބުނި ނަމަވެސް، އީސީގެ ދަފްތަރު ބުނާގޮތުގައި އެ ޕާޓީގައި ތިބީ 55،000 އެއްހާ މެމްބަރުންނެވެ. މި މައުޟޫއަށް މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ދޭން ފަށައި، ފަލާހު ވިދާޅުވީ ހަސަން ލަތީފަކީ ޕާޓީގެ ޗެއާޕާސަންގެ ގޮތުގައި ގިނަ މަސްއޫލިއްޔަތުތަކެއް އޮތް ބޭފުޅެއްކަމަށެވެ. އެހެން ނަމަވެސް ދަފްތަރާއި މެދު ހަވާލުވެފައި އޮތް ޒިންމާއަށް އެނާ އެއްވެސް މަސައްކަތެއް ނުކޮށް އިހުމާލުވިކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އޭނާގެ ދާއިރާއިން އެކަނިވެސް 159 މީހުން އެހެން ޕާޓީ ތަކުގައި ތިބި ކަމަށެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ އަގުލަބިއްޔަތު އޮތް މަޖިލީހުން ފާސްކުރީ ސިޔާސީ ޕާޓީ ތަކަށް މެމްބަރުން ސޮއި ކޮށްފައި ތިބި މީހުންގެ ފިންގަރ ޕްރިންޓް ނެތްނަމަ ޕާޓީ އިން ވަކިވާނެ ގޮތަށް ސިޔާސީ ޕާޓީ ތަކާއި ބެހޭ ގާނޫނަށް ބަދަލު ގެނެސް އެބަދަލާ އެކު އެމްޑީޕީ އިން 23 ހާސް މީހުން ވަކިވެގެން ގޮސްފައިވާ ކަމުގައި ފަލާހު ވިދާޅުވިއެވެ. އަދި އެމީހުންގެ ވާހަކަ އެމްޑީޕީގެ ހުރިހާ މެމްބަރުން ދައްކާ ކަމުގައި އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީގެ ޗެއަޕާސަން އިންތިހާބުގައި ކުރިމަތިލި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް ދެއްކެވީ އެމްޑީޕީގެ ދަފްތަރު ސާފުކުރާ ވާހަކަ ކަމަށެވެ. ދެބޭފުޅުންގެ ހިޔާލުގައި ދެގޮތަކަށް ހުރި ނަމަވެސް ދެބޭފުޅުންގެ ވިސްނުމަކީ ސިޔާސީ ޕާޓީގެ ދަފްތަރު ސާފުކުރުމެވެ.
ދަފްތަރު ސާފުކުރުމުގައި އެމްޑީޕީގައި ވަރަށް ގިނަ ދުވަސްވީ މީހުން ތިބުމުން އެމީހުން އެމީހުންގެ ފިންގަރ ޕްރިންޓް ޖަހަން ނުޖެހޭނެ ވާހަކަ ޕާޓީ ތެރޭގައި ގިނަ މީހުން ބުނި ނަމަވެސް ގާނޫނުގައި މިއަދު އޮތީ އެގޮތަށް ނޫންކަމަށް ފަލާހް ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ކޮންމެ މީހަކުވެސް ގާނޫނަށް ތަބާވާން ޖެހޭނެ ކަމަށާއި ގާނޫނުގައި ފިންގަރ ޕްރިންޓް ޖަހަން އޮތް ކަމުގައި ވާ ނަމަ އެކަން އެގޮތަށް ކުރަން ޖެހޭނެކަމަށެވެ. ކުރީގެ ޗެއަޕާސަން ކަން ކުރެއްވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ދަފްތަރު ސާފުކުރާނެ ވާހަކަ ވިދާޅުވެފައިވުމުން އެކަމުގެ ރައްދުގައި ފަލާހު ވިދާޅުވީ އެހެން ވެއްޖެ ނަމަ އެކަން ކުރެވިދާނެ ކަމަށެވެ.
އެމްޑީޕީ އިން އެހެން ޕާޓީ ތަކަށް ބަދަލުވެފައިވާ ކަމަށް ބުނާ 39 ހާސް މީހުންގެ ތެރޭގައި އެކި ޕާޓީ އަށް ނިސްބަތްވާ ވަރަށް ގިނަމީހުން ތިބި ކަމުގައި ފަލާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަމައެކަނި އޭނާ ނިސްބަތްވާ ދާއިރާ ކަމުގައިވާ މާފަންނު ހުޅަނގު ދާއިރާ އަށް ބަލައިލި ނަމަވެސް 159 މީހުން އެހެން ޕާޓީ ތަކުގައި ތިބިކަމުގައާއި އެމީހުން އެޕާޓީ ތަކުން ކެނޑެން ޖެހޭނެ ކަމުގައި ފަލާހު ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި އެބޭފުޅުންނަށް ނޭނގި ޕާޓީ އަށް ވައްދާފައިވާ މީހުން ތިބި ކަމުގައި ފަލާހު ވިދާޅުވިއެވެ.
ޕާޓީގެ ދަފްތަރު ޕާޓީ އިން ބަލަހައްޓަމުން ގެންދާކަމުގައި ވަނީ ނަމަ އެމްޑީޕީ އަކީ ޕްރައިމަރީ އެއް ބާއްވާ ބައެއް ކަމަށާއި އެޕްރައިމަރީގައި އެހެން ޕާޓީއެއްގެ މީހުން އައިސް އެޕްރައިމަރީގައި އަތްގަދަ ނުކުރެވޭ ގޮތަކަށް އެ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ އެންމެންވެސް ބޭނުންވާނެ ކަމެއް ކަމުގައި ފަލާހު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ކުރިއަށް އޮތް ކޮންގްރެސް އަކީ އޭގައި ބައިވެރިވާ މީހުންނަކީ އެހެން ޕާޓީއަކަށް ނިސްބަތްވާ މީހުން ކަމުގައި ވެގެން ނުވާނެ ކަމަށާއި ސަބަބަކީ ކޮންގްރެސްގެ ސައްހަ ކަން ކަށަވަރު ކުރަނީ އިލެކްސަންޝް ކޮމިޝަނުން ކަމުގައިވާތީ ކަމުގައެވެ.
އަދި އެކަންކަން ޔަގީން ކުރަން ޖެހޭނެ ކަމަށާއި އެހެން ކަމުން ސިޔާސީ ޕާޓީ އެއްގައި ހިމެނޭ މެމްބަރުން އެއީ އެމްޑީޕީގެ މެމްބަރުންކަން އެއީ އެމްޑީޕީ އަށް އޮތް ވަރަށް ބޮޑު ހައްގެއް ކަމުގައި ދެކޭ ކަމުގައި ފަލާހް ވިދާޅުވިއެވެ. ވުމާއެކު ޕާޓީގެ ދަފްތަރު ސާފުކުރެވެން ޖެހޭނެ ކަމަށާއި މިހާރު ގާނޫނު އޮތް ގޮތުން ފިންގަރ ޕްރިންޓް ނެތް މީހުން ފިންގަރޕްރިންޓް ޖަހަން ޖެހޭނެ ކަމުގައި ފަލާހް ވިދާޅުވިއެވެ.
އަދި އެހެން ގޮތަކަށް ގާނޫނު ބަދަލު ވެއްޖެ ނަމަ އެމީހުން ސައްހަވެގެން ދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

