2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕްރައިމަރީ އަކާއި ނުލާ އަންނަ ކެންޑިޑޭޓަކަށް ތާއީދު ނުކުރާނެ ކަމަށާއި އަދި ވޯޓް ވެސް ނުދޭނެ ކަމުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ އެހެން ވިދާޅުވެފައިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ވާދަކުރައްވާނެ ކަމަށް އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނިކޮށެވެ.
ރައީސް ސާލިހަށް ތާއީދު ކުރާ އެޕާޓީގެ މެމްބަރުން ގެންދަވަނީ ޕްރައިމަރީ އަކާއި ނުލާ ޓިކެޓް ދޭންޖެހޭ ކަމަށް ބުނެ ވަކާލާތު ކުރަމުންނެވެ.
ޕްރައިމަރީއެއް ބޭއްވުމުގެ ފުރުސަތާއި ޖާގަ އޮވެ، ޕްރައިމަރީއަކާ ނުލާ (އެހެން ގޮތަކުން) ޓިކެޓެއް ހޯދައިގެން އަންނަ ކެންޑިޑޭޓަކަށް ގައިމުވެސް އަޅުގަނޑެއް ވޯޓެއް ނުދޭނަން. ތާއީދެއްވެސް ނުކުރާނަން.
— Waddey (@waddey_) June 8, 2022
ވައްޑެގެ ޓްވީޓްގައިވާ ގޮތުން ޕްރައިމަރީ އެއް ބޭއްވުމުގެ ފުރުސަތާއި ޖާގަ އޮވެ، ޕްރައިމަރީއަކާ ނުލާ (އެހެން ގޮތަކުން) ޓިކެޓެއް ހޯދައިގެން އަންނަ ކެންޑިޑޭޓަކަށް ގައިމުވެސް އޭނާ ވޯޓެއް ނުދޭނެ ކަމުގައި ބުނެފައިވެއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް ސާލިހަށް ޓިކެޓް ލިބިފައިވަނީ ޕްރައިމަރީ އަކާ ނުލާކަން ފާހަގަކޮށްލެވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ އިންތިހާބުގައި ވާދަކުރެއްވާނެކަން ހާމަ ކުރައްވާފައެވެ. އަދި ވިދާޅުވީ, އެމަނިކުފާނަކީ އަންނަ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް ”ޗޮއިސް“ ކަމަށެވެ. ރައީސް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީން ކާމިޔާބު ކުރުމަކީ މުޅި ގައުމަށް ވެސް ވަރަށް ބޭނުންތެރި އަދި އެންމެ ފައިދާ ބޮޑު ކަމެއް ކަމަށެވެ. ނަމަވެސް، އެ އިންތިހާބު ވެސް ކާމިޔާބު ކުރެވޭނީ ކޯލިޝަނެއްގެ އެހީތެރިކަމާއެކު ކަމަށް ޔަގީންކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

