ދިވެހި ޤައުމީ ދިދަ ނެގުމުގައްޔާއި، ދިދަ ބޭނުންކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން އަމަލުކުރާނެ އުސޫލެއް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު އިއުލާންކުރައްވައިފިއެވެ.

އެ އުސޫލުގައި ވާ ގޮތުގައި ސަރުކާރުގެ މުއައްސަސާތަކުން ދިވެހި ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ. އަދި، ދިވެހި ޤައުމީ ދިދައިގެ ޙުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިދައެއް، އެއްވެސް ކަމެއްގައި ބޭނުންކޮށްގެނެއް ނުވާނެއެވެ.

އަދި ބޭނުން ނުކުރެވޭވަރަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިވެހި ޤައުމީ ދިދައެއް ސަރުކާރުގެ މުއައްސަސާއަކުން ނައްތައިލަންވާނީ، ދިދައިގެ ޙުރުމަތް ނުކެނޑޭ ގޮތަށެވެ.

ސަރުކާރުގެ އިމާރާތްތަކުގައްޔާއި، ސަރުކާރުގެ މުއައްސަސާތަކުގެ ރަސްމީ ކަންކަމުގައި އާންމުގޮތެއްގައި ބޭނުންކުރަންވާނީ، ސަރުކާރުން ކަނޑައަޅާފައިވާ މިންތަކުގެ ތެރެއިން، އެ ތަނަކަށް ނުވަތަ އެ ކަމަކަށް އެންމެ އެކަށީގެންވާ ބޮޑު މިނެއްގައި ހަދައިފައި ހުންނަ ދިވެހި ޤައުމީ ދިދައެވެ.

އޭގެ ތެރޭގައި ހިމެނެނީ

270 ސެންޓިމީޓަރު ދިގު، 180 ސެންޓިމީޓަރު ފުޅާ ، 180 ސެންޓިމީޓަރު ދިގު، 120 ސެންޓިމީޓަރު ފުޅާ، 135 ސެންޓިމީޓަރު ދިގު، 90 ސެންޓިމީޓަރު ފުޅާ، 60 ސެންޓިމީޓަރު ދިގު، 40 ސެންޓިމީޓަރު ފުޅާ، 45 ސެންޓިމީޓަރު ދިގު، 30 ސެންޓިމީޓަރު ފުޅާ، 36 ސެންޓިމީޓަރު ދިގު، 24 ސެންޓިމީޓަރު ފުޅާ،   30 ސެންޓިމީޓަރު ދިގު، 20 ސެންޓިމީޓަރު ފުޅާ އަދި 24 ސެންޓިމީޓަރު ދިގު 16 ސެންޓިމީޓަރު ފުޅާ ދިދައެވެ.

ސަރުކާރުގެ މުއައްސަސާތަކުން ބޭނުންކުރާ ދިވެހި ޤައުމީ ދިދައިގެ މިންތަކާއި، ކުލަކޯޑާއި، ހަނދުފަޅި ހުންނަންވާނީ، ޤާނޫނުއަސާސީގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގޮތަށް ކަމުގައި ގައުމީ ދިދަ އާއި ގުޅޭގޮތުން އާންމުކުރި އުސޫލުގައި ވެއެވެ.

ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއިން  ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ހުންނަން ޖެހޭ ތަންތަނުގެ ތެރޭގައި ހިމެނެނީ،  ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި، ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދިރިޅުއްވާ ރަސްމީ ގެކޮޅާއި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައި މަރުކަޒާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި މަރުކަޒުގެ އިތުރުން މެދުކެނޑުމެއް ނެތި 24 ގަޑިއިރު ޚިދުމަތް ދޭ ސަރުކާރުގެ މުއައްސަސާތަކެވެ.

އެގޮތުން 24 ގަޑިއިރު ދިދަ ނަގައިފައި ހުންނައިރު، އަނދިރި ވަގުތުތަކުގައި ދިދަ ބަހައްޓަންވާނީ، ރީތިކޮށް ދިދަ ފެންނާނޭހެން ދިދައަށް އަލިކޮށްފައެވެ.

24 ގަޑިއިރު ދިދަ ނަގާފައި ހުންނަން ޖެހޭ  ތަންތަން ފިޔަވައި ސަރުކާރުގެ އެހެން ކޮންމެ މުއައްސަސާއެއްގައި ހެނދުނު 6:00 އިން ހަވީރު 6:00 އަށް ދިވެހި ޤައުމީ ދިދަ ނަގައިފައި ހުންނަންވާނެއެވެ.

ސަރުކާރުގެ އެއް މުއައްސަސާއަށްވުރެ ގިނަ މުއައްސަސާ، އެއް އިމާރާތެއްގައި ހުންނަނަމަ، އެ އިމާރާތެއްގައި ނަގާނީ އެއް ދިދައެވެ.

ދިވެހި ޤައުމީ ދިދައާއި އެހެން ދިދައެއް އެކުގައި ހުންނަގޮތަށް ދެ ދިދައެއް ނަގާނަމަ، ނުވަތަ ބަހައްޓާނަމަ، ދިވެހި ޤައުމީ ދިދަ ހުންނަންވާނީ، އެ ދިދައެއްގެ ކަނާތްފަރާތުގައެވެ. ދިދައިގެ ކަނާތްފަރާތް ކަމުގައި ބަލާނީ، އެ ދިދަ ކުރިމަތިކޮށްފައިވާ ފަރާތަށް ކުރިމަތިލައިގެން ހުންނަ މީހާގެ ކަނާތްފަރާތެވެ. ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރީން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން އެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަންކަމުގައި ދިދަ ބޭނުންކުރުން މީގެ ތެރެއިން އިސްތިސްނާވާނެއެވެ. އެހެން ދިދައަކާ ކައްތިރިކޮށް ދިވެހި ޤައުމީ ދިދަ ނެގިދާނެއެވެ. ނަމަވެސް ދިވެހި ދިދައާއެކު ކައްތިރިކޮށް އެހެން ޤައުމެއްގެ ޤައުމީ ދިދަ ނެގޭނީ، އެ ޤައުމަކީ މިނިވަން ޤައުމެއް ކަމަށްވާނަމައެވެ.

ދިވެހި ޤައުމީ ދިދަ އެހެން ދިދައަކާ ނުވަތަ ދިދަތަކަކާ އެއްވަލެއްގައި ނުވަތަ އެއް ފަށެއްގައި ނަގާނަމަ، ދިވެހި ޤައުމީ ދިދަ ހިމެނޭ ދިދަފަތި ހުންނަންވާނީ، އެންމެ މަތީގައެވެ. އަދި އެފަދަ ވަލަކަށް ނުވަތަ ފަށަކަށް ދިވެހި ޤައުމީ ދިދަ ނަގާނަމަ، އެންމެ ކުރިން ނަގަންވާނީ، ދިވެހި ޤައުމީ ދިދައެވެ. ނުވަތަ ދިވެހި ޤައުމީ ދިދަ ހިމެނިގެންވާ ދިދަ ފައްޗެވެ.

ދައުލަތުގެ މުއައްސަސާއެއްގެ ނުވަތަ އެހެން ޤައުމެއްގެ ނުވަތަ ދިވެހި ސަރުކާރުން ގަބޫލުކުރާ ބައިނަލްއަޤްވާމީ ޖަމާޢަތެއްގެ ދިދައާއެކު ދިވެހި ޤައުމީ ދިދަ ނަގާ ތަންތާނގައި ދިވެހި ޤައުމީ ދިދަ ހުންނަންވާނީ، އެ ނޫން ދިދަތަކާ އެއް އުސްމިނެއްގައި އަދި އެ ދިދަތަކާ އެއް މިނަކަށެވެ.

ޤައުމީ ފެންވަރެއްގައި ހިތާމަ ފާޅުކުރުމުގެ ނިޝާނެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކަށް ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެވިދާނެއެވެ. ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާކަމުގައި ބަލާނީ، ދިދަ ދަނޑީގެ ކުރިން ފެށިގެން، ދިދައިގެ ފުޅާމިނަށް ތިރިކޮށްފައި ބެހެއްޓުމުންނެވެ.

ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ނަގަންވެއްޖެނަމަ، ދިދަ ނަގާނީ، އެ ދިދަ ނެގޭ ދަނޑިއެއްގެ ކުރިޔަށް ދިދަ ނެގުމަށްފަހުގައެވެ. އަދި ބައިދަނޑިއަށް ހުރި ދިދައެއް ތިރިކުރާނީވެސް، ފުރިހަމަ ދަނޑިއަށް ދިދަ ނެގުމަށްފަހުގައެވެ.

ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ނަގާ ހާލަތްތަކުގައި ދިވެހި ޤައުމީ ދިދައާއެކު އެހެން ދިދައެއް ނުވަތަ ދިދަތަކެއް ނަގައިފައިވާނަމަ، އެ ދިދައެއް ނުވަތަ އެ ދިދަތަކެއްވެސް ބަހައްޓަންވާނީ، ބައިދަނޑިއަށް ތިރިކޮށްފައެވެ.

ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމުގައި، ހެނދުނު 6:00 އިން ހަވީރު 6:00 އަށް ދިދަ ނަގާ ތަންތަނުގައި ދުވަސް ނިންމާނީ، ހަވީރު 6:00 އަށެވެ. 24 ގަޑިއިރު ދިދަ ނަގައިފައި ބަހައްޓާ ތަންތަނުގައި ދުވަސް ނިންމާނީ، ރޭގަނޑު 12:00 އަށެވެ.

ބައިނަލްއަޤްވާމީ އުސޫލުތަކެއްގެ މަތީން ދިދަ ނަގަންޖެހޭ ތަންތާނގައްޔާއި އެއްޗެތީގައި، އެ އުސޫލުތަކާ އެއްގޮތަށް ދިވެހި ޤައުމީ ދިދަ ނެގިދާނެއެވެ. ސަރުކާރުގެ މުއައްސަސާތަކުން ބާއްވާ އެއްވުންތަކާއި، ރެލީތަކާއި، ހިނގައިލުންތަކުގައި ދިވެހި ޤައުމީ ދިދަ ބޭނުން ކުރެވިދާނެއެވެ. އަދި، ކަނޑުމަތީގެ އުޅަނދުތަކުގައި ނުވަތަ އެއްގަމު އުޅަނދުތަކުގައި ނުވަތަ ވައިގެ އުޅަނދުތަކުގައި ޤައުމީ ނިޝާނެއްގެ ގޮތުގައި ސަރުކާރުގެ މުއައްސަސާތަކުން ދިވެހި ޤައުމީ ދިދަ ބޭނުންކުރެވިދާނެއެވެ.

މޭޒުމަތީގައި ބަހައްޓާ ގޮތަށް ދިވެހި ޤައުމީ ދިދަ ތައްޔާރުކޮށްގެން ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކުރެވިދާނެއެވެ. އަދި ޤައުމީ ދިދަ ހިމެނޭ ގޮތަށް ބެޖް، ސްޓިކަރ، ލޯގޯ، ކަފްލިންކް ފަދަ ތަކެތި ތައްޔާރުކޮށްގެން ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކުރެވިދާނެއެވެ.

ކަރުދާހުގައި ނުވަތަ ފޮތީގައި ޗާޕުކޮށްގެންނާއި، މަޢުދަނަކުން ނުވަތަ އެނޫންވެސް އެއްޗަކުން ހަދައިގެން ސަރުކާރުގެ ތަންތަނުގައި ދިވެހި ޤައުމީ ދިދަ ބޭނުންކުރެވިދާނެ ކަމުގައި މިއަދު އާންމު ކުރި އުސޫލުގައި ބުނެފައިވެއެވެ.