ޗައިނާގެ މެޝިނަރީ އެންޑް އިންޖިނިއަރިންގ ކުންފުނި (ސީއެމްއެސްއީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތައް ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިއަދު ހަވާލްކޮށްފިއެވެ.
ވިނަރެސް ފްލެޓްތަކަކީ ރާއްޖޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ފެށި ޕްރޮޖެކްޓެކެވެ.
މި މަޝްރޫއުގެ ދަށޫން ޖުމްލަ 1344 އެޕާޓްމެންޓް ހިމެނޭ ހެން 10 ޓަވަރު ވަނީ އިމާރާތް ކޮށްފައެވެ.
ވިނަރެސް ފްލެޓް ތަކުގެ ރަމްޒީ ތަޅުދަނޑި ހަވާލުކޮށްދެއްވީ ޗައިނާގެ ސީއެމްސީގެ ޖެނެރަލް މެނޭޖަރު ޝިޖިން ޓާއޯ އެވެ. އެޗްޑީސީގެ ފަރާތުން އެ ތަޅުދަނޑިއާއި ހަވާލްވެލެއްވީ ކުންފުނީގެ ޗެއަރމަން ސުހެއިލް އަހްމަދާއި ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމެވެ.
މި ރަސްމިއްޔާތުގައި އަސްލަމްގެ ވާހަކަ ފުޅުގައި ޗައިނާގެ ސީއެމްއެސްއީ ކުންފުނިން ވަނީ ރާއްޖޭގައި ބޮޑު ތިން މަޝްރޫއު ހިންގާފައި ކަން ފާހަގަކުރައްވައި ކުރިއަށް އޮތް ތަނުގައިވެސް ޗައިނާގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެ ކަމުގައި އުއްމީދު ކުރައްވާ ކަމށް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިމަހުގެ 26 ވަނަ ދުވަހުގެރޭ މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ދޫކުރާ ގޯތިތަކަށް ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމުގައެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން ހިންގާ ޕްރޮޖެކްޓްތައް ބާރު ސްޕީޑްގައި ކުރިއަށް ދާކަމުގައި އަސްލަމް ވިދާޅުވިއެވެ.
އެޗްޑީސީގެ ފަރާތުން ކުރިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ވިނަރެސް ތިން ކޮޓަރީގެ 1344 އެޕާޓްމެންޓްގެ ތެރެއިން ގާތްގަނޑަކަށް 1000 ފްލެޓް ހުޅުވާލަނީ މާލޭގެ ރަށްވެހިންނަށް ކަމުގައެވެ.
އަދި ގުޅިފަޅާއި ސީ ލައިފުން ފްލެޓް ގަތް މީހުުންނަށާއި ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށް ވެސް ވިނަރެސް އިން ފްލެޓް ދިނުމަށް ނިންމާފައި ކަމަށެވެ.
މީގެ އިތުރުން މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ހާއްސަކޮށް 100 ފްލެޓް ވަނީ ހާއްސަ ކޮށްފައެވެ.
ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމެންޓް ގެ ގޮތުގައި ފުރަތަމަ 375،000 (ތިން ލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ ) އާއި 457،000 (ހަތަރު ލައްކަ ފަންސާސް ހަތްހާސް) ރުފިޔާ އާ ދެމެދުގެ އަގެއް ދައްކަން ޖެހޭނެއެވެ.
20 އަހަރަށް ބަހާލައިގެން މަހު ކުލީގެ ގޮތުގައި މަހަކު ވިނަރެސް ފްލެޓްތަކަށް 19،000 ރުފިޔާ އާއި 23،300 ރުފިޔާއާ ދެމެދުގެ އަގެއް ދައްކަން ޖެހެއެވެ.
އަދި ވިނަރެސް ފްލެޓްގެ ކުލި 25 އަހަރަށް ބަހާލައިގެން ދައްކާނަމަ ޑައުން ޕޭމެންޓްގެ ގޮތުގައި 500،000 (ފަސް ލައްކަ ރުފިޔާ ) އާއި 609،000 (ހަލައްކަ ނުވަ ހާސް ރުފިޔާ ) އާ ދެމެދުގެ އަދަދެއް ދައްކަން ޖެހޭއިރު، މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 16،790 އާއި 20،470 ރުފިޔާ އާއި ދެމެދުގެ އަގެކެވެ.

