އަހަރުގެ ބާރަމަސްދުވަހަށް ބަހާލައިގެން އެއްވެސް އަތޮޅެއް ބާކީ ނުކޮށް މެދުކެނޑުމެއްނެތި ދީނީ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެންމެހާ ފަރާތްތައް ގުޅިގެން މަސައްކަތް ރާވާލުމަށް ނައިބުރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.
ކޮންމެ އަހަރަކުވެސް ބަރަކާތްތެރި ރަމަޟާން މަހަށް ޚާއްޞަކޮށް، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ރޫޙު ޢާލާކޮށް ދިރުވުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން ރާވާ އިންތިޒާމުކުރާ ގިނަ ޕްރޮގްރާމްތަކެއް ޢާންމުންނާއި ހަމައަށް ގެނެސްދެވޭކަން ފާހަގަކުރެއްވިއެވެ. އަދި، އެގޮތުން ހިންގޭ ޕްރޮގްރާމްތަކުގައި ދީނީ ޢިލްމުވެރިންގެ އިތުރުން އެކިއެކި ހެޔޮއެދޭ ފަރާތްތަކާއި ކުންފުނިތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވާ، 1443 ވަނަ އަހަރުގެ ރަމަޟާންމަހު ހިންގި މިފަދަ އެންމެހާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.
ފައިސަލް ނަސީމްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ އިސްނެންގެވުމުގެ މަތިން އެހެން އަހަރުތަކާއި ހިލާފަށް މިދިޔަ ރަމަޟާންމަހު އަތޮޅުތެރޭގައި އިޙްޔާ ޕްރޮގްރާމްތަކެއް ރޭވިގެން ކުރިއަށް ގެންދެވިފައިވާކަން ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މެދުގައި ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އިތުރު މަސައްކަތްތައް ކުރަންޖެހިފައިވާ ކަމަށާއި، މިގޮތުން ކުރިއަށްގެންދާ ޕްރޮގްރާމްތަކަކީ މެދުނުކެނޑި ރައްޔިތުންގެ ޝައުގުވެރިކަން އުފެދޭ ގޮތަށް ބައްޓަންކުރެވިގެން އަތޮޅުތައްވެސް ހިމެނޭހެން ކުރިއަށްގެންދެވޭ ޕްރޮގްރާމްތަކަކަށް ހެއްދެވުމަށް ފައިސަލް ނަސީމް އެދިވަޑައިގެންނެވިއެވެ.

