އާންމުވެގެން އުޅޭ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެނިގެންދާ ވީޑިއޯއިން، ފެންނަ ފަރާތް ފުރުވާލުމަށް، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރާނެކަމަށް ބެލެވޭކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ރައީސް ނަޝީދުގެ ކޮއްކޯފުޅު، ނާޒިމު ސައްތާރުކަމަށް ”ބެލެވޭ“ މީހަކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ފެނިގެންދާ ވީޑިއޯގެ މައްސަލަ ތަހުގީގުކޮށް، އެކަމުގެ ހަގީގަތް ހާމަކުރުމަށް ގޮވާލައި، އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ސޯޝަލް މީޑިއާގައި ”މީހުންނާއި ދިމާކޮށް، ފުރައްސާރަކުރަމުން ގެންދާ ލޯޔަރު“ ނާޒިމު ސައްތާރު ކަމަށް އެ ޕާޓީއަށް އެކަށީގެންވާ މިންގަނޑަކަށް ޔަގީން ކުރެވޭ މީހަކު، ކުޑަ ފިރިހެން ކުއްޖަކާއިއެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެނިގެންދާ ވީޑިއޯއެއް ދައުރުވަމުންދާތީ، އެ ވީޑިއޯގެ ހަގީގަތް ދެނެގަތުމަށްޓަކައި، ފުރިހަމަ ތަހުގީގެއް ހިންގައި، ވީޑިއޯއިން ފެންނަ ފަރާތް ހޯދައި، ހިފާ ހައްޔަރުކޮށް، އެނާގެ މައްޗަށް ދައުވާ އުފުލުމަށް، ކަމާ ބެހޭ މުއައްސަސާތަކަށް އެ ޕަޓީއިން ގޮވައިލާކަމަށެވެ.
ކުޑަ ފިރިހެން ކުއްޖަކާއިއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ފެނިގެންދާ ވީޑިއޯއެއް ދައުރުވަމުންދާތީ، އެ އަމަލު ހިންގި ފަރާތުގެ މައްޗަށް ދައުވާ ކުރުމަށް ގޮވައިލާ، އިދިކޮޅުން އާންމުކޮށްފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެއްޖިންސުން ގުޅުން ހިންގުން ފަދަ އިސްލާމް ދީނާއި ހިލާފު އަމަލުތައް ކުރަމުންދާ ފަރާތްތައް ރައީސް ސޯލިހުގެ ސަރުކާރުންވަނީ، މީގެ ކުރިން ބޭރަށް ފުރުވާލައިފާކަމަށެވެ. އަދި ވީޑިއޯއިން ފެނިގެންދާ، ނާޒިމް ސައްތާރު ކަމަށް އެ ޕާޓީއިން ބުނާ ފަރާތްވެސް، ފުރުވާލުމަށް މަސައްކަތްކޮށްފާނެކަމަށް ބެލެވޭތީ، އެ ފަރާތުގެ ޕާސްޕޯޓު ހިފަހައްޓައި، ގައުމުން ބޭރަށް ފުރުން ހުއްޓުވުމަށް އަވަސް ފިޔަވަޅެއް އެޅުމަށްވެސް ގޮވާލާކަމަށާއި، އެނާ ފުރުވުމަށް ނޫޅުމަށްވެސް ގޮވާލާކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.
އިސްލާމް ދީނާއި ހިލާފު އަމަލުތައް ހިންގާ ފަރާތްތައް ރައީސް ސޯލިހުގެ ސަރުކާރުންވަނީ، މީގެ ކުރިން ބޭރަށް ފުރުވާލައިފައިކަމަށާއި، ދައުރުވަމުންދާ ވީޑިއޯއިން ފެނިގެންދާ ފަރާތުގެ މައްޗަށް އަވަސް ފިޔަވަޅެއް އެޅުމަށް އަދި އެނާ ފުރުވުމަށް ނޫޅުމަށް ގޮވާލާކަމަށް ފާހަގަކޮށް އިދިކޮޅުން ނެރިފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސިޔާސީ ގޮތުން ބާރުގަދަ ޢާއިލާއަކަށް ނިސްބަތް ވުމަކީ ފާޚިޝް މުޑުދާރު ޢަމަލުތައް ހިންގާ، ޤާނޫނާ ޚިލާފު ވުމަށް ދެވޭ ހުއްދައަކަށް ވެގެން ނުވާނެކަމަށެވެ. އަދި ވަކި ޢާއިލާއަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތް ވީ ނަމަވެސް ޤާނޫނަކީ އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ހިނގަން ޖެހޭނެ އެއްޗެއްކަމަށް ފާހަގަކޮށް ބުނެފައިވަނީ، ރައީސް ސޯލިހުގެ ސަރުކާރުންވަނީ މީގެ ކުރިންވެސް ދީނާއި ހިލާފު އަމަލުތައް ހިންގާ ފަރާތްތައް ގައުމުން ބޭރަށް ފުރުވާލައިފައިކަމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރުން، ދީނާއި ހިލާފު އަމަލުތައް ހިންގާ ފަރާތްތައް ބޭރު ގައުމުތަކަށް ފުރުވާލާ ކަމަށް ފާހަގަކޮށް ނެރިފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ”ރޯޔަލް ރޭޕް“ ހާދިސާއާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަތަނެފައިވާ ފަރާތްތަކުގެ މައްސަލަތައް މި ސަރުކާރުންވަނީ ފޮރުވައި އެއްބާލައިފައިކަމަށެވެ. އަދި ދީނީ އިލްމުވެރިންނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފަދަ ގިނަ ޝައިހުން ހިމެނޭ ސަރުކާރަކުން އެފަދަ ”ލާދީނިއްޔަތު“ ޕްރޮމޯޓު ކުރާ ފަރާތްތައް ފުރުވާލައި، މުޑުދާރު އަމަލުތަކެއް ފޮރުވަން މަސައްކަތް ކުރުމަކީ ހިތާމަހުރި ލަދުވެތި ކަމެއް ކަމަށްވެސް އިދިކޮޅުން ނެރިފައިވާ ބަޔާނުގައި ބުނެފަވެއެވެ.
ދީނީ އިލްމުވެރިންނާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފަދަ ގިނަ ޝައިހުން ހިމެނޭ ސަރުކާރަކުން ލާދީނިއްޔަތު ޕްރޮމޯޓު ކުރާ ފަރާތްތައް ފުރުވާލައި، މުޑުދާރު އަމަލުތަކެއް ފޮރުވަން މަސައްކަތް ކުރުމަކީ ހިތާމަހުރި ލަދުވެތި ކަމެއް ކަމަށް ފާހަގަކޮށް، އިދިކޮޅުން ބަޔާނެއް ނެރިފައިވާއިރު، ކުޑަ ފިރިހެން ކުއްޖަކާއިއެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެނިގެންދާ ވީޑިއޯގެ މައްސަލައިގައި ފުލުހުންގެ މުއައްސަސާއިންވެސްވަނީ ބަޔާނެއް ނެރިފައިއެވެ. ފުލުހުންގެ މުއައްސަސާއިން ބުނެފައިވާގޮތުން، އާންމުވެގެން އުޅޭ ވީޑިއޯއާއި ގުޅިގެން، އެއްޖިންސުން ގުޅުން ހިންގަނިކޮށް ފެނިގެންދާ ފަރާތްތަކުގެ މައްޗަށް އެ މުއައްސަސާއިންވަނީ ތަހުގީގެއް ފަށާފައިކަމަށެވެ. އަދި ތަހުގީގުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައްވެސް އަޅާނެކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

