ކުޑަކުދިންގެ މައްސަލަތަކުގައި މުއައްސަސާތަކުން އަމަލުކުރާ ގޮތުން އިތުބާރުގެއްލޭ ކަމަށް ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައާއި އެކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ކޮންމެ މީހަކުވެސް އަމިއްލައަށް އަދާކުރަންވީ ދައުރާއި މުއައްސަސާގެ ފަރާތުން އަދާކުރަންވީ ދައުރަކީ ކޮބައިކަން ދެނެގަތުމާއި ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން، ރަނގަޅަށް މުއާމަލާތްކޮށްގެން އެފަފަ އަނިޔާއެއް ލިބިފައިވާ ކުދިންގެ ހައްގުތައް ކަށަވަރުކުރުމަކީ އެންމެ އިސް ކަންތައް ކަމުގައި ދެކިގެން ކުރިއަށް ދިއުމަށް ފަޒްނާ ގޮވާލެއްވިއެވެ.
މިއަދު ހެނދުނު ކްރޮސްރޯޑްސްގައި ފެށި ޕޮލިސް ކޮންފަރެންސް އޮން ވަޔަލެންސް އަގެއިންސްޓް ޗިލްޑްރަން: ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަޒްނާ ވިދާޅުވީ ކުޑަކުދިންގެ ކަންކަން ބެލުމުގައި ރާއްޖެއަކީ އިންސާނީ ވަސީލަތް މަދު ގައުމެއްކަމުން މިފަދަ ކަންކަމުގައި ލިބެން ހުރި ވަސީލަތެއްގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމުންކަމަށް ފާހަގަކުރައްވާފައެވެ.
ތިން ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަކީ މޯލްޑިވްސް ޕޮލިސް ސަރިވިސަސްއާއި ޔުނިސެފް މޯލްޑިވްސް އިން ގުޅިގެން ކުރިޔަށް ގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންނާ ގުޅޭގޮތުން ހުރި ޤާނޫނުތަކަށް ފުލުހުންގެ ހިންގުމުގެ ދާއިރާގެ ބޭފުޅުން އަހުލުވެރިކުރުމާއި، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ކުރިޔަށް އޮތް 18 މަސްދުވަހަށް އެކްޝަން ޕްލޭނެއް ތައްޔާރުކުރުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަނެ އެ އެކްޝަން ޕޭލޭންތައް ތައްޔާރުކުރުމެވެ.

