މިއަދު ނޫސްވެރިންނަށް ގާނޫނުން ނޫސްވެރިކަން ކުރުމަށް ދީފައި މިއޮތް މިނިވަންކަން ދެމި އޮވެއްޖެނަމަ އެމްޑީޕީގެ ސޯޓު ބޭލޭނެކަމަށާއި ހެއްކާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ސަބަބަކީވެސް މިއީކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ސިއްދީގް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ހެއްކާއި ބެހޭ ގާނޫނަށް ގެނެވުނު ބަދަލާއި ގުޅިގެން ކުރެއްވި ސުވާލުގެ ޖަވާބުގައި ވާހަކަދައްކަވަމުން ސިއްދީގް ވިދާޅުވީ، އެމްޑީޕީ އަބަދުވެސް އައީ މީޑިއާގެ މިނިވަންކަމާއި ބެހޭގޮތުން އަގަބަހުން ވާހަކަދައްކަވަމުންކަމަަށާއި ނަމަވެސް މިއަދު އެބޭފުޅުންނަށް އާރާއި ބާރާއި، ގާނޫނު ހަދާ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބި، ބޭނުން ގޮތަކަށް ގާނޫނު ފަރުމާކޮށް އެބޭފުޅުން ބޭނުން މިންވަރަަކަށް ނޫސްވެރިންނަށް މިނިވަންކަން ދޭން ސާފުކޮށް ލިބިފައިއ އޮތް ފުރުސަތުގައިވެސް އޮތީ ކަށިތަކެއް ނުވަތަ ހުރަސްތަކެއް ބަހައްޓާފައިކަމަށެވެ.
ގިނަ ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަ މި އިސްލާހާއި ބެހޭގޮތުން ވާހަކަދައްކަވަމުން އިތުރަށް ސިއްދީގު ވިދާޅުވީ ބަހައްޓާފައި ހުރި ކަށިތަކައް ފައިން އެރުނީމައި ފަރުވާއަށް އޮއްވާ ނޫސްވެރިން ޖަލަށްވެސް ލާން މި ސަރުކާރު ތައްޔާރުކަމަށެވެ. މި އިސްލާހު ސިއްދީގު ސިފަ ކުރެއްވީ ނޫސްވެރިންނަށް ސަރުކާރުން ދޭން މަސައްކަތް ކުރާ ”ލޮޓި“ އެއްގެ ގޮތުގައެވެ.
އެބޭފުޅުން މި ގާނޫނަށް މިފަދަ އިސްލާހެއް ގެނައީ ޕާޓީން ކުރާ ނުވަތަ އެމްޑީޕީގެ ސަރުކާރުން ހަދާ ގޯސްތައް ނޫސްތަކުގައި ލިޔެ އާންމުންނާއި ހަމައަށް މައުލޫމާތު ލިބިދާނެތީކަމަށް ވިދާޅުވެ ސިއްދީގު ފާހަގަކުރެއްވީ މިހާރު މިއޮތް މިނިވަންކަން ނޫސްވެރިންނަށް ދީފިނަމަ އެބޭފުޅުން ފަލީހަތްވާނެކަން ހުދު އެބޭފުޅުން އަމިއްލައަށްވެސް ގަބޫލުކުރައްވާކަމަށެވެ.
”ކީއްވެގެންތޯ މި ޣާނޫނު މިގޮތަށް މި ހަދަނީ؟ އެބޭފުޅޫންނަށް ގަބޫލު ކުރެވެނީ މިއަދު ނޫސްވެރިން އެބޭފުޅުންނާއި ދެކޮޅަށް އެބޭފުޅުންގެ ޕާޓީގެ ހިންގާ ވެރިކަމުގަ ހުރި އުނި ސިފަތައް ނޫސްތަކުން ޙާމަކުރަންވެއްޖެކަމުގައި ވަނީނަމަ މިއަދު ހަމަ ސޯޓެއް ނޫން ބޭލޭނީ، އިސްޓާކީނެއް ނޫން ގޮސް ހުރިހާ އެއްޗެއް ބޭލޭނެ އިގޭތޯ، އެހާވަރަށްވެސް އެބޭފުޅުން ފަލީހަތް ވެގެން ދާނެ“
ސިއްދީގު ވިދާޅުވިއެވެ.
މިހެންކަމުން ސަރުކާރަށް ނޫސްވެރިންގެ ”އަގަމަތީގައި ޓޭޕް“ އެޅުމަށް މަޖުބޫރުކަމަށާއި، އެކަން ކުރުމަށްޓަކައި ގާނޫނަށް ބަދަލު ގެންނަނީ ވަރަށް ހީލަތްތެރިކަމާއިއެކުކަމަށް ފާހަގަކުރައްވާ ސިއްދީގު ވިދާޅުވީ ނޫސްވެރިންނަށް ގޮންޖަހައި ސަރުކާރުން ގާނޫނު ބަދަލުކުރަނީ ނޫސްވެރިން ގޮޅީގެ ތެރެއަށް ފަސޭހަކަމައިއެކު ފައްތާލެވޭނެހެންކަމަށެވެ.
ހަމަމިއާއިއެކު ސިއްދީގު ވިދާޅުވީ މި ގާނޫނުގެ 35 ވަނަ މާއްދާއިމެދު ވަރަށް ކަންބޮޑުވަންކަމަށާއި މި ގާނޫނުގައި ވާ ގޮތުގެ މަތިން ދިފާއީ ވަކީލު، ތުހުމަތުން ދިފާއުވުމަށްޓަކައި ވިދާޅުވާ އެއްޗަކުން އެއީ ގާނޫނާއި ހިލާފު އަމަލެއް ކުރަން ރާވަނީކަމަށް ބުނެ ތުހުމަތުކޯށް މައްސަލަ ބެލުމަށް ޖަލަށް ލެވޭކަމަށް ސިއްދީގު ވިދާޅުވިއެވެ.
ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އަކީ ރައްޔިތުންނާއިމެދު ކަންބޮޑުނުވާ، ވަރަށް އިހްމާލުބޮޑު ގާނޫނު ނުވެސްދަންނަ ބޭފުޅެއްކަމަށް ފާހަގަކުރައްވާ ސިއްދީގު ވިދާޅުވީ އެހެންކަމުން ދެން އެމަނިކުފާނުގެ އައްޕުޅަށް އަރުވާއިރަށް ސޮއި ކުރައްވާ ގާނޫނު ތަސްދީގު ކޮށްދެއްްވާ ގެޒެޓުގައި ޝާއިރުކުރައްވާކަމަށެވެ. ރައްޔިތުންނަށް މަކަަރު ހަދައިވެރިކަމަށް ވެރިކަމަށް އައިސް ނޫސްވެރިންގެ އަދަގޮނޑި ޖަހައި، ގަލަމުގައި ވައިޖަހައި އަގަމަތީގައި ޓޭޕް އަޅާ އަދި މީގެ އިތުރުން އަގަ ބަހުން ވާހަކަދެއްކުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށްވެސް އެރިގެންފިކަމަށް ސިއްދީގު ވިދާޅުވިއެވެ.
މީގެ އިތުރުން ސިއްދީގު ސިފަކުރެއްވީ ވަޒީފާ ގެއްލިދާނެކަމުގެ ބިރަށް، ދިވެހި ސިފައިންނާއި ފުލުހުން ތިބީ މިކަންތައް ކުރަން ފޫގަޅައިފައިކަމަށެވެ. އަދި ވިދާޅުވީ ސަރުޚާރު ދެމި އޮންނާނެ ގޮތެއް ހޯދަނީ މުޅި ދައުލަތް ޓެރެރައިޒް ކޮށްގެންކަމަށެވެ. ނަމަވެސް އޭޏާ ފާހަގަކުރެއްވީ މި ފުރުސަތު ރައްޔިތުން ނުދޭނެކަމަށެވެ. ރައްޔިތުން ކަތިލުމަށްފަހު ދަމަހައްޓާނެ ވެރިކަމެއް ނޯންނާނެކަމަށް ސިއްދީގު ވިދާޅުވިއެވެ.

