ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިޙްގެ އިގްތިސާދީ ސިޔާސަތަކީ ރައްޔިތުންގެ ޖީބުން ވައްކަން ކުރުން!

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޒީރާ ރައީސްގެ ޓެގް އަޅުއްވައިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި އިބްރާހިމް މުހައްމަދު ސާލިޙް ހަވާލުވެ ވަޑައިގެންނެވީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދަރަންޏަށް ބަރޯސާވުން ކުޑަ، ފަންވަރުހުރި އިޤްޠިޞާދެއް ބިނާކުރުމަށް ވަޢުދުވެގެންނެވެ.

ރައީސް ސާލިޙް ވަޢުދުވީ ޤައުމުގެ ފުދުންތެރިކަން އިތުރުކުރުމަށާއި ދައުލަތުގެ ދަރަނި ހަމަމަގަށް އެޅުވުމަށާއި ދިވެހިރާއްޖޭގެ މާލީ ނިޒާމަށް އިތުބާރު އުފެއްދުމަށް ބޭރުގެ ދަރަނި ކުޑަކުރެވޭނެގޮތްތައް ރާވައި ރާއްޖޭގެ ފައިނޭންޝަލް ރޭޓިންގއަށް އިތުބާރު އުފެއްދުމަށެވެ. ހަމައެހެންމެ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ދާއިރާއިން ކަރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ނައްތާލައި، ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަކީ ވެސް ރައީސް ސާލިޙްގެ އިގްތިސާދީ ވަޢުދެކެވެ.

މީގެއިތުރުން އަރަނި ބަޖެޓަކާއި ދިމާލަށް މިސްރާބު ޖެހޭގޮތަށް އިޤްޠިޞާދީ ނިޒާމު ބައްޓަންކުރުމާއި، އެންމެ ފައިދާހުރިގޮތް ނޫން ގޮތްގޮތައް ނެގިފައިވާ ލޯނުތަކާއި، ކޮންޓްރެކްޓްތައް އަލުން ރީނެގޯޝިއޭޓް ކުރުމަށް ރައީސް ސާލިޙް ރައްޔިތުންނަށް ވަޢުދުވެ ވަޑައިގެންނެވިއެވެ. އަދި ދައުލަތުގެ ދަރަންޏަށް ދައްކަންޖެހޭ ފައިސާ އެތައް ގުނަޔަކުން އިތުރުވެފައިވުމުން ތަރައްޤީގެ މަޝްރޫއުތަކަށް ކުރިއަށް އޮތް އަހަރުތަކުގައި ބޭނުންވާނެ ފައިސާ ހޯދުމަށް ސޮވެރިން ވެލްތް ފަންޑް ބޭރުގައި ލިސްޓްކޮށް، އެ ޕްރޮޖެކްޓްތަކަށް ހެޔޮ އަގުގައި ފަންޑު ހޯދޭނެ ނިޒާމެއް ޤާއިމުކުރުމަކީ ވެސް ރައީސް ސާލިޙްގެ ރިތާސީ ވަޢުދެކެވެ.

ރައީސް ސާލިޙްގެ އިގްތިސާދީ ސިޔާސަތު އަހުދުނާމާގައި ލިޔެފައިވާ ގޮތް ވަރަށް ވެސް ފުރުހަމައެވެ. ނަމަވެސް މިއަދުގެ ހަގީގަތަކީ ރައީސް ސާލިޙް ވަޢުދުވެ ވަޑައިގެންނެވި ގޮތަށް އިގްތިސާދީ ވަޢުދު ވެސް ފުއްދަމުން ނުދާކަމެވެ. އޭގެ ހެއްކަކީ ގެއްލުމުގެ ބަދަލު ދިނުމުގެ ނަމުގައި އެކިއެކި ފަރާތްތަކަށް ފައިސާ ބެއްސެވި ގޮތެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތި ސިޔާސީ ގޮތުން އަތް ގާތް ކޮށްދޭން ތިބި މީހުންނަށް ފައިސާ ބެއްސެވީ އާންމު ރައްޔިތު މީހާއަށް އެކަމުން ކުރާނެ ގެއްލުމަކަށް ބެލުމެއް ނެތިއެވެ. ކޮމެޓީއެއް ހައްދަވައިގެން ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމުގެ ނަމުގައި ހީލަތްތެރި ގޮތެއްގައި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރީއޭ ބުނެވިދާނެއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ގެއްލުމުގެ ބަދަލު ދިން ގޮތަކީ ވައްކަން ކުރުމުގެ މުޅިން އައު ވައްޓަފާޅިއެކެވެ.

އިގްތިސާދީ ގޮތުން ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެނެސް ދެއްވާނެ ކަމަށް ވަޢުދުވި ރައީސް ސާލިޙްގެ ސަރުކާރުން ގެއްލުމުގެ ބަދަލުގެ ދިނުމުގެ ނަމުގައި ކުރެއްވި ވައްކަމަށް ފަހު ދެން ވައްކަން ކުރެއްވީ ކޮވިޑުގެ އެންމެ ގޯސް ހާލަތުގައި ރައްޔިތުންގެ ނޭވާ ހޮޅިންނެވެ. ކޮވިޑުގެ ތެރޭގައި އެކި މީހުންނަށް ކުރެވުނު ތުހުމަތުތަކާއި، އެކި އިދާރާތަކުގެ އިހުމާލުގެ ވާހަކަތައް ދައްކާކަށް ނެތީމެވެ. ނަމަވެސް ކޮވިޑުގެ އެންމެ ގޯސް ހާލަތުގައި ހެލްތް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީންއާއި އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގެ ވާހަކަ ނުދައްކާ ރައީސް ސާލިޙްގެ ސަރުކާރުން ރައްޔިތުންގެ ޖީބުން ކުރާ ވައްކަމުގެ ވާހަކަ ކުރިއަށް ގެންދިއުމަކީ ދަތިކަމެކެވެ.

ކޮވިޑާއި ދެކޮޅަށް ރާއްޖެއިން ކުރި މަސައްކަތްތަކުގައި އަމީންނަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އައެވެ. އޭރު އެ ތުހުމަތުތަކުގެ ވާހަކަތައް ބައެއް ނޫސްވެރިން ދެއްކުމުން ރައްދުގައި ދިން ޖަވާބަކީ މީޑިއާތަކުން ފިތުނަ އުފެއްދުމަށް މަސައްކަތް ކުރަނީ ކަމަށެވެ. ހަމަ އެއާއި އެކު، ކޮރަޕްޝަންގެ އަމަލުތަކާއި އެއްވެސް އޮޅުވާލުމެއް އޮޅުވާލާފައި ނޯންނާނެ ކަމަށް ވިދާޅުވަމުން ގެންދެވިއެވެ.

އަމީނުގެ ވާހަކަ އެކަންޏެއް ނޫނެވެ. ކޮންމެ މުވައްސަސާއަކުން ވެސް ދެއްކި ވާހަކައަކީ އެއީއެވެ. ސިޔާސީ ވެރިން ޓީވީ ޕްރޮގްރާމްތަކާއި، އަދި ޓްވީޓުތަކެއްކޮށް ބުނަމުން ދިޔައީ “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” ސިޔާސަތުގެ ދަށުން މިފަދަ މައްސަލަތައް ބަލާ ތަހުގީގު ކުރާނެ ކަމަށެވެ.

ކޮވިޑުގެ އެންމެ ނުރައްކާތެރި ހާލަތުގައި ހެލްތް މިނިސްޓްރީން ކުރި ހަރަދުތަކުގެ މައްޗަށް ބިނާކޮށް އޮޑީޓަރ ޖެނަރަލް ނެރެއްވި އޮޑިޓު ރިޕޯޓުގައި މުޅީން ވެސް ފާހަގަކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފަށް ހިންގި އަމަލުތަކެއްގެ ވާހަކަތަކެކެވެ. ދިވެހި ރާއްޖޭގެ މާލިއްޔަތު ގާނޫނުގެ 10.25 ވަނަ މާއްދާގެ ނ ގައި ބުނެފައިވާ ގޮތުން “ސިންގަލް ސޯސް ޕްރޮކިއުމަންޓް” ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމެންޓުގެ އަގު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ އެ ތަކެތި ނުވަތަ ހިދުމަތް ހޯދަންވާނީ އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ބެލުމަށްފަހު ކަމަށް ބަޔާން ކުރެއެވެ. އެހެން ނަމަވެސް މިނިސްޓްރީއިން މިފަދަ އެއްވެސް ކަމަކަށް ބަލާފައި ނުވެއެވެ.

މާލިއްޔަތު ގަވާއިދުގެ 34.10 ވަނަ މާއްދާގެ (ށ) ގައި  ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭނެ ކަންކަން ސާފުކޮށް ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި ޕްރޮފެޝަނަލް އަދި ފަންނީ ފެންވަރު، މާލީ ވަސީލަތްތަކާއި ގާބިލުކަމާއި ހާލަތު، އިކުއިޕްމަންޓާއި އެހެނިހެން ވަސީލަތްތައް، މުވައްޒަފުންނާއި ހިންގުމުގެ ފެންވަރު، ކުރިން ކޮށްފައިވާ ގުޅުންހުރި އެހެން ޕްރޮޖެކްޓްތަކުގެ ރިކޯޑު، މިހާރު ކުރަމުންދާ މަސައްކަތްތަކާއި އެފަރާތެއްގައި ހުރި ޤާބިލުކަމާއި ހުނަރު އަދި އެކަމަކަށް ބޭނުންވާ ވަސީލަތްތައް ހުރިނަމަ އެކަން، އަދި ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ ނުވަތަ ހިނގާފައިވާ މައްސަލައެއް އޮތްނަމަ، އެކަމެއް ބެލުމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 15.10 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ، ބިޑްކޮމިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމަންޓާބެހޭ ކަންތައްތައް، އެ މަރުހަލާގައި ކުރިޔަށް ގެންދެވިފައި ވަނީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ، ހުއްދަދިނުމުގެ ކުރިން ކޮމިޓީން ބަލައި ޔަގީން ކުރަން ވާނެ ކަމަށެވެ.

ކޮވިޑުގެ އެންމެ ނުރައްކާވި ވަގުތުގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލު ކުރި ދުބާއީގެ ކުންފުންޏެއްކަމަށް ވާ އެގްޒެކިއުޓާސް ކުންފުނީގެ މައްސަލައިގައި އެންމެ ބޮޑަށް ހާމަވެގެން ދިޔަ އެއް ކަމަކީ، މާލިއްޔަތު ގާނޫނުގެ މި މާއްދާއަށް ހެލްތް މިނިސްޓްރީއިން ރިއާޔަތްކޮށްފައި ނުވާ ކަމެވެ. ކުންފުނީގެ ފަންނީ ގާބިލްކަން ދެނެގަތުމަށް، މެޑިކަލް އިކްއިޕްމަންޓް ފޯރުކޮށްދިނުމަށް ދުބާއީ ކުންފުނިން ފުރިހަމަ ކުރި ޕްރޮޖެކްޓްތަކާއި އެ ކުންފުނީގެ މިކަމުގެ ތަޖުރިބާ ބަޔާންކޮށްދޭ ޕްރޮފައިލެއް ވެސް ހޯދާފައި ނެތްކަމަށް އޮޑިޓުގައި ވެއެވެ. ހަމަ އެއާއި އެކު ދުބާއީ ކުންފުނީގެ މާލީ ގާބިލުކަން ވަޒަންކުރުމަށް ކުންފުނީގެ އޮޑިޓްކުރި މާލީ ބަޔާނާއި، މާލީ ގާބިލުކަން އަންގައިދޭނެ އެހެނިހެން މައުލޫމާތެއް އެއްކޮށް މިނިސްޓްރީއިން ބަލާފައި ނުވެއެވެ.

މި މައްސަލައިގައި އޭސީސީއިން އަމީންގެ މައްޗަށް ދައުވާ ކުރުމަށް އެދި ފޮނުވި ރިޕޯޓުގައި ވާ ގޮތުން 75 ވެންޓިލޭޓަރު ގެނައުމުގެ އެއްބަސްވުން އެގްޒެކިއުޓާސް އާއި އެކު އެކުލަވާލާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމީނެވެ. އަދި ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރީ އާއްމު އުސޫލާއި ހިލާފަށް ވަކި ބައެއްގެ އަތުން ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ. ކޮމިޝަނުން އަމީންގެ މައްޗަށް ތުހުމަތުކޮށްފައިވާ ގޮތުން ވެންޓިލޭޓަރު ގެނައުމުގައި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި %75 އަށްވާ ފައިސާ އާއި %15 އަށްވާ ފައިސާވެސް އެ ކުންފުންޏަށް ދީފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށް، ދަޢުލަތަށް ގެއްލުންލިބޭ ގޮތަށް ވަކި މީހަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށެވެ. އެކަން މިއަދު ވަނީ ހާމަވެގެން ގޮސްފައެވެ. ވެންޓިލޭޓަރު ގަންނަން ހަވާލު ކުރި ދުބާއީގެ ކުންފުނީގެ ވިޔަފާރި ވަނީ މެކުހަށް ޖަހާފައެވެ. ވެންޓިލޭޓަރު ނުލިބުނުތާ ފައިސާކޮޅު ވެސް ނުލިބުނެވެ. އަދި ނުވެސް ލިބޭނެއެވެ.

ރައީސް ސާލިޙްއަށް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވާ މި ބޮޑު ވައްކަން ހިންގި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ މެދުވެރިކޮށް ނޫންކަން އޮޑިޓުން ވަނީ ހާމަވެފައެވެ. އަމީނާއި، ހެލްތް މިނިސްޓްރީން ވެސް ބުނަމުން ދިޔައީ އެއީ ޑަބްލިއުއެޗްއޯގެ ލަފައާއި އެއްގޮތަށް ގެންނަން ނިންމި ވެންޓިލޭޓަރުތަކެއް ކަމަށެވެ.

ކޮވިޑުގެ ނުރައްކާތެރި ވަބާއިން ދުނިޔޭގެ ގިނަ ގައުމުތައް މިއަދާއާއި ހަމައަށް ސާލާމަތް ނުވި ނަމަވެސް ރާއްޖޭގެ ސިއްހީ މާހިރުންގެ ބުރަ މަސައްކަތުން ދިވެހިން މިތިބީ ރައްކާތެރި އަށްސޭރިއަކަށް އާދެވިފައެވެ. ނަމަވެސް މި ދެންނެވި އަށްސޭރިއަށް ދިވެހިންނަށް އާދެވުނުތަނާ ދެން ކުރިމަތިލާން ޖެހިފައި މިވަނީ ދިވެހިރާއްޖެއާއި އެތައް މޭލެއް ދުރުގައިވާ ދެ ގައުމެއް ކުރަމުންދާ ހަނގުރާމައިގެ ނުރައްކަލާއެވެ. ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރަމުން ގޮސް ބައެއް ގައުމުތައް މިއަދު ވަނީ ބަނގުރޫޓުވުމާ ގާތުގައެވެ. ހިތާމައަކީ މާލީ އިދާރާތަކުން ބަނގުރޫޓު ވެދާނެ ކަމަށް އިންޒާރު ދީފައިވާ ގައުމުތަކުގެ ތެރޭގައި މި ކުޑަކުޑަ ރާއްޖެ ހިމެނޭ ކަމެވެ.

ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އައިސްފައިވާ މި ދަނޑިވަޅުގައި ގިނަ ގައުމުތަކުން ދަނީ ލޯނު ނެގުމާއި ބޮޑެތި މަޝްރޫޢުތައް ކުރިއަސް ނުގެންގޮސް މަޑު ޖައްސާލަމުންނެވެ. އޭގެ އިތުރަށް ސިޔާސީ މަގާމްތައް މަދު ކުރުމާއި އެ ނޫން ވެސް އާދައިގެ ރައްޔިތު މީހާއަށް އަސަރު ނުފޯރާނޭ ގޮތެއްގެ މަތިން އިގްތިސާދީ ގިނަ ފިޔަވަޅުތަކެއް ގިނަ ގައުމުތަކުން އަޅަމުންދާއިރު ރައީސް ސާލިޙްގެ ވިސްނުން ހުރީ ރައްޔިތުންގެ ޖީބުގައި ހުރި ފައިސާކޮޅު ނަގައިގެން އިގްތިސާދީ މައްސަލަތައް ހައްލު ކުރުމަށެވެ.

އެގޮތުން ރައްޔިތުން ދައްކަން ޖެހޭ ޓެކްސްއެއް ކަމަށްވާ ޖީއެސްޓީ ބޮޑު ކުރުމަށް ރައީސް ސާލިޙް ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ޖީބުން ވައްކަން ކުރުން ނޫން ދެވަނަ އެހެން ކަމެއް ކަމަށް ބުނެވޭކަށް ނެތެވެ. ސަބަބަކީ މިވަގުތު ވެސް ރާއްޖޭގައި ތަކެތީގެ އަގު މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައި ޖީއެސްޓީ ބޮޑު ކުރުމުން ރައްޔިތުމީޙާ ގަންނަ ތަކެތި އެތައް ގުނައަކަށް ބޮޑު ވެގެންދާނެތީއެވެ.

ކޮންމެއަކަސް އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެންނަން ވަޢުދުވި ރައީސް ސާލިޙްގެ ވެރިކަމުގައި ދިވެހިރާއްޖެއަށް އައި ބޭރު އިންވެސްޓްމެންޓެއް ނެތެވެ. ދައުލަތަށް އާންމުދަނީ ލިބޭނެ އައު އެއްވެސް ގޮތެއް ވެސް ތަޢާރަފް ކުރެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފެންނަމުން ދަނީ ލޯނުގެ މައްޗަސް ލޯނު ނަގާ ރައްކާ ކޮށްފައިވާ ބޭރު ފައިސާކޮޅު ވެސް ވާނުވާ ނޭގޭ ގޮތަސް ބޭނުންކޮށް ފައިސާ ޗާޕްކޮށް ދިވެހި ރުފިޔާގެ އަގު ވެއްޓެން ދޫކޮށްލާފައިވާ މަންޒަރެވެ. ހަގީގަތުގައި މިއަދު ފެންނަމުންދާ މަންޒަރުތަކާއި ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު ރައީސް ސާލިޙްގެ އިގްތިސާދީ ސިޔާސަތަކީ ރައްޔިތުންގެ ޖީބުން ވައްކަން ކޮށްގެން ސަރުކާރު ހިންގުމުގެ ސިޔާސަތެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތެދު ވާހަކައެއް. ރައީސް ސޯލިޙް އެނގިލައްވައިގެން ނޫނީ އެނގިނުލައްވައި ނަމަވެސް އިގްތިޞާދީ ސިޔާސަތު އޮތްގޮތަކީ އެދެވިގެންވާ ގޮތެއްނޫން. ރިވިއުކޮށް ބަދަލުތަކެއް ގެންނަން ގޮވާލަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: