ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ އަދި އަލަށް އައްޔަނު ކުރެވިފައިވާ ބޮޑު ވަޒީރު ރަނިލް ވިކްރަމަ ސިންހެގެ އިސްތިއުފާއަށް އެދުމަށް، އެ ގައުމުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މީޓިންގައި ނިންމައިފިއެވެ.
ސްރީލަންކާގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ އަދި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލައި، ރިޔާސީ ގަނޑުވަރަށްވެސް ރައްޔިތުންތަކެއް ވަދެފައިވާ ދަނޑިވަޅެއްގައި، ކުއްލި ގޮތަކަށް ބޭއްވި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މީޓިންގައި، ޒޫމްގެ ޒަރިއްޔާއިން ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހެވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ނޫންވެސް އެގައުމުގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ލީޑަރުން މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.
ސްރީލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭވަރްދަނާ އިސްވެ ހުންނަވައިގެން ކުރިއަށްގެންދިޔަ މި ބައްދަލުވުމުގެ ކުރިން އެ ގައުމުގެ ރައީސް ގޯޓަބަޔާވަނީ، ސިޔާސީ ލީޑަރުންގެ ނިންމެވުމަށް އިހްތިރާމް ކުރައްވާނެކަމަށް ވިދާޅުވެފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
ސްރީލަންކާގެ މާލީ އަދި އިޖްތިމާއީ ހާލަތު އިންތިހާއަށް ދަށަށްގޮސް، ރައީސް ގޯޓަބަޔާގެ އިސްތިއުފާއަށް އެދި އެގައުމުގެ ރައްޔިތުން އެތައް ހަމަނުޖެހުންތަކެއް ހިންގަމުންދާ ދަނޑިވަޅުގައި ކުރިއަށް ގެންދިއަ ބައްދަލުވުމުގައި އެ ގައުމުގެ ސިޔާސީ ލީޑަރުންވަނީ، ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭވަރްދަނާ، ސްރީލަންކާގެ ވަގުތީ ރައީސްގެ މަގާމު ފުރުއްވާނެކަމަށް އެއްބަސްވެވަޑައިގެންފައިއެވެ.
މަހިންދަ ޔަޕަ އަބޭވަރދަނާ، ސްރީލަންކާގެ ވަގުތީ ރައީސްކަމަށް އަރާވަޑައިގަންނަވާނެކަމަށް ނިންމައި، ސިޔާސީ ލީޑަރުންގެ މީޓިންގައި އެ މީހުންވަނީ، ރައީސް ގޯޓަބަޔާ އަދި، ބޮޑުވަޒީރު ރަނިލްވެސް އިސްތިއުފާދިނުމަށް އެދުމަށްވެސް ނިންމަވާފައިކަމަށްވެސް ސްރީލަންކާގެ މުސްލިމް ކޮންގްރެސްގެ ޕާލިމެންޓް މެމްބަރު ރައުފް ހަކީމް ވަނީ އިއުލާނު ކުރައްވާފައިއެވެ.
ސްރީލަންކާގެ ރައީސް ގޯޓަބަޔާ، އަދި އެ ގައުމުގެ ބޮޑުވަޒީރު ރަނިލްގެ އިސްތިއުފާއަށް އެދުމަށް، ސިޔާސީ ޕާޓިތަކުގެ އިސްވެރިން ނިންމަވާފައިވާކަމަށް އިއުލާނު ކުރެއްވި އިރު، އެ ގައުމު ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައިވެއެވެ. އެ ގޮތުން، ރައީސް ގޯޓަބަޔާއާއި ހަމައަށް ދިއުމަށް ރައްޔިތުންތަކެއް ވަނީ ފުލުހުންގެ ބެރިކޭޑުތަކެއް ފޫއަޅުވާލައި، އެނާ ދިރިއުޅުއްވާ ގެއްކޮޅަށްވެސް ވަދެފައިއެވެ. އެހެން ނަމަވެސް އެވަގުތު އެ ގޭގައި އެނާ ނެތެވެ. އަދި އެނާ ވީތަނެއްވެސް އެއްވެސް ފަރާތަކަށް އިންގިފައިނުވެއެވެ.

