ރާއްޖެއަށް އިންޑިއާގެ ނުފޫޒު ވަދެފައިވާތީ ގައުމުގެ މިނިވަންކަމުގެ ދިފާއުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތުގެ ޖަޒުބާތު އަދިވެސް ރައްޔިތުންގެ އެބަހުރިކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓްގެ ހަރަކާތްތައް މަޑުޖެހިފައިވާއިރު، އެ ހަރަކާތައް މިވަގުތު ކުރިޔަށް ނުގެންދާ ސަބަބާއި މެދު ސުވާލުތައް އުފެދެ އެވެ. އަދި ހާއްސަކޮށް އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަނެއްގެ ގޮތުގައި ހުންނެވި އިރު، އެމަނިކުފާނުގެ ހުކުމުން ސަލާމަތްވެ ރާއްޖޭގެ ރަށްތަކަށް ދަތުރުކޮށް އަމަލީ ގޮތެއްގައި ވަރަށް ހަރަކާތްތެރިކަމާއި އެކު އުޅުއްވި އެވެ. އަދި ކޮންމެ ހަފްތާއެއްގެ ބުރަސްފަތި ދުވަހުގެ ރޭގަނޑުގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަ އެވެ. ނަމަވެސް މިފަހުން އައިސް ޕީޕީއެމް، ޕީއެންސީން އިންޑިއާ އައުޓް ހަރަކާތާއި ގުޅުން ހުރި އެއްވެސް ޖަލްސާއެއް ނުވަތަ ޕްރެސްއެއް ނުބާއްވަ އެވެ.
ހަރަކާތްތައް މަޑުޖެހުނު ސަބަބާއި ގުޅޭގޮތުން ސުވާލު ކުރުމުން، ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅުގެ ހަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ގަރާރެއް ނެރެފައިވާތީ އޭގެ ސަބަބުން ގޮންޖެހުންތައް ދިމާވާ ކަމަށެވެ. އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ކަނޑައަޅައި ރައީސް ނެރުއްވި ގަރާރުގައި ވާގޮތުން، އިދިކޮޅުން މަސައްކަތް ކުރަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި ގައުމުގެ ހަމަޖެހުން ނަގާލުމަށެވެ. އަދި އެ ހަރަކާތް ކުރިޔަށް ގެންދާ ބަޔަކާއި މެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތްތަކަށް ވަނީ އަންގާފަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ ރައީސް ނެރުއްވާފައިވާ ގަރާރަކީ ގާނޫނުން އެއްވެސް ބާރެއް ލިބިދީފައި ނެތް ލިޔުމެއްކަން ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރިޔަށްދާ ކަމަށެވެ. އަދި އެ ގާރާރު ބާތިލު ކުރެވުނުހާ އަވަހަށް މަސައްކަތް ފަށާނެކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ކުރިޔަށް ގެންދާ ކެމްޕެއިނަށް ކުޑަވެސް ބަދަލެއް ނާންނަކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ، ޕީޕީއެމް އަކީ ކޮންމެ ކަމެއް ވެސް ގާނޫނީ އިމުގެ ތެރެއިން ކުރާ ޕާޓީއެއް ކަމަށެވެ. ގަރާރުގެ ދަށުން ސަރުކާރުން އިސްވެ ތިބެ، އިދިކޮޅުގެ މެމްބަރުން ހައްޔަރު ކުރުމުގެ ފުރުސަތު އޮންނާނެކަން އާދަމް ޝަރީފް ފާހަގަކުރެއްވި އެވެ. އަދި ތަންފީޒީ އިދާރާތްތަކުން އެއްވެސް ހަމައެއްލަމައެއް ނެތި ސަރުކާރުގެ އެންގުންތަކަށް ތަބައަވަމުންދާކަމަށާއި، އޭގެ ސަބަބުން އިދިކޮޅުގެ މެމްބަރުންނަށް ގެއްލުމެއް ވެއްޖެ ނަމަ އޭގެ އަސަރު ކުރާނީ 2023 ގެ އިންތިހާބަށްކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ އެފަދަ ހާލަތެއްގައި އިދިކޮޅުން ކުރަން ހުރި މަސައްކަތްތައް ތަކާއި ގައުމު ސަލާމަތްކުރުމަށް ކުރަންހުރި ސްޓްރެޖެޓިކް މަސައްކަތްތަކަށް އޭގެ އަސަރު ފޯރާނެކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތުގެ އަޑު ކުރިއަށްވުރެ މަޑުވެފައިވީ ނަމަވެސް ރައްޔިތުންގެ ހިތުގައި އެޖަޒުބާތު އެބަހުރިކަމަށާއި އެ ސުވާލު ޕީޕީއެމްގެ ލީޑާޝިޕާއި ރައްޔިތުން ކުރާ ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ނުހުއްޓޭ ކަމަށާއި ސަރުކާރުން ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް ނެރެފައިއޮތް ގަރާރު ޕީޕީއެމަށް ބާތިލުކުރެވުނުހާ އަވަހަކަށް އިންޑިއާ އައުޓް ހަރަކާތްތައް ކުރިއަށްގެންދާނެ ކަމުގައެވެ.
ނަމަވެސް މިވަގުތުގެ ފޯކަސް ހުރީ 2023 އަށް ތައްޔާރުވުމާއި އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ހުރުމުން އެކަން ކުރުން ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ. އެގޮތުން މިވަގުތު ޕީޕީއެމް އިން ޒުވާނުންގެ މެނިފެސްޓޯ ހެދުމުގެ މަސައްކަތާއި މަސްވެރިކަމާއިބެހޭ މެނިފެސްޓޯ އެކުލަވާލުމާއި އަންހެނުންނަށް ހާއްސަ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ އެންމެ ކާމިޔާބުގޮތެއްގައި ރައްޔިތުން ބޭނުންވާފަދަ ވެރިކަމުގެ ނިޒާމެއް ރައްޔިތުންބޭނުންވާ ރާއްޖެއަށް ކަމުދާ ވަރުގެ ސަރުކާރެއް އޮންނަންވީ ގޮތުގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ޕީޕީއެމް އިން ކުރިއަށް ގެންދާ ކަމަށާއި އެހެންކަމުން މުޅި ޕީޕީއެމްގެ އަމާޒު ބޮޑުތަނުން އޮތީ 2023 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކަމުގައެވެ.
ވުމާއެކު އެހުރިހާ ކަމެއް އެކުއެކީ ކުރަމުން ޕީޕީއެމުން ކުރިއަށް ގެންދާނެ ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ވެރިކަމަށް ވުރެ ޕީޕީއެމް އަށް އިސްވާނީ އަބަދުވެސް ގައުމުކަމަށާއި ވީމާ ހުރިހާ މަސައްކަތެއް ކުރިއަށްގެންދާނީ ގައުމު ސަލާމަތްކުރުމަށް ކުރާ މަސައްކަތާ އެކު ކަމުގައެވެ.

