ދިވެހިރާއްޖޭގެ 57 ވަނަ މިނިވަންދުވަހާއި ގުޅިގެން މިއަދު ހެނދުނު ކުރިއަށް ގެނދެވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ބައިވެރިވެވަޑައިގެންފިއެވެ.
މިނިވަންދުވަހާއި ގުޅިގެން ކުރިއަށްގެންދެވުނު ދިދަ ނެގުމުގެ ރަސްމިއްޔާތު ކުޔރިއަށްގެންގޮސްފައިވަނީ މިއަދު 6 ޖަހާކަން ހާއިރު ޖުމްހޫރީ މައިދާނުގައެވެ.
މި ރަސްމިއްޔާތުގައި އެމަނިފާނުގެ އިތުރުން އަނބިކަނބަލުން ފަޒްނާ އަޙްމަދު އަދި ސަރުކާރުގެ އިސްމަޤާމުތަކުގައި އުޅުއްވާ ގިނަ ބޭފުޅުންތަކެއް ބައިވެރިވިއެވެ.
ރަސްމިއްޔާތުގައި ބައިވެރިވުމަށް ޖުމްހޫރީ މައިދާނަށް ރައީސްގެ ދެ ކަނބަލުން ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ދިދަ ނެގުމުގެ އިތުރުން ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކޮށްފައިވެ އެވެ. މި ދުއާ ކޮށްދެއްވާފައިވަނީ އައްޝައިޚް އަހްމަދު މައުމޫން އެވެ.
މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެހެން އަހަރުތަކާ އަޅާބަލާއިރު މިފަހަރު ހަރަކާތްތައް މަދެވެ. އެގޮތުން ބާއްވަނމް ރޭވީ ފުޅަނދުބުރުގެ އިތުރުން ދުވަހާއި ގުޅިގެން ބާއްވާ ހާއްސަ ޖލްސާވެސް ކެންސަލް ވީއެވެ. މިއީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ނިންމި ނިންމުމެއްކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
ނަމަވެސް މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު މިނިވަންދުވަހުގެ ހާއްސަ ޕެރޭޑުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

