ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން ދުވަސް ރަސްމީކޮށް ފާހަގަނުކުރަނީ ހަމަ މާލިއްޔަތަށް ބުރަވާތީތަ!؟

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި މާލިއްޔާތައް ބުރޫ އަރާ، ރައްޔިތުންނަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންވަނީ، ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، އާ މަގާމުތަކެއް އުފައްދާ، އެ ވަޒީފާތަކައް މީހުން އައްޔަނު ނުކުރުން، ބަޖެޓު ކުރެވިފައިވީނަމަވެސް، ސަރުކާރުގެ މުއައްޒިފުންނަށް އިތުރު އެލޮވެންސް ނުދިނުން، އަދި ރަސްމީ ދަތުރެއް ނަމަވެސް، 5000$ އަށް ވުރެ ބޮޑު ހަރަދެއް ހިނގާ ނަމަ، އެ ދަތުރެއްވެސް ނުކުރުން ހިމެނެއެވެ.

ހަރަދު ކުޑަކުރުމުގެ ނަމުގައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރައްވަން ނިންމަވާފައިވާ އާ ކަމަކަށް މިހާރު ފެނިގެންދަނީ، ދިވެހިރާއްޖޭގެ މިނިވަންކަން ފާހަގަނުކުރުމަށް ނިންމި ނިންމުމެވެ. މިކަމަށް އިދިކޮޅުންނާއި، ރައްޔިތުންވެސް ދަނީ އެ މަނިކުފާނާއި ސަރުކާރަށްވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒު ކުރަމުންނެވެ. މައިގަނޑު ސަބަބަކީ، އެހެނިހެންކަންކަމާއިވެސް ފާޑުކިޔުންތައް އަމާޒުވާ ސަބަބެވެ. ސަރުކާރުގެ އިސްވެރިންގެ ބަހާއި އަމަލާއި ދިމާނުވުމެވެ.

ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށް، ރައީސް ސާލިހުގެ ސަރުކާރުގެ ފަރާތުން މާލިއްޔާތާއި ހަވާލުވެ، އިސް ސަފުގައި ހުންނަވާ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވަނީ، ސާކިއުލާއެއް އެކުލަވާލައި، ސޮއިކޮށް ނެރުއްވާފައިއެވެ. އެހެން ނަމަވެސް، އެކުލަވާލި ސާކިއުލާގައި ވާގޮތަށް ކަންކަން ކުރައްވަމުންދާ މަންޒަރު ދިވެހި ރައްޔިތުންނަށް އަދި މަޝްރަހު ދިރާސާ ކުރަމުންދާ ފަރާތްތަކަށްވެސް ނުފެންނަކަން ޔަގީނެވެ.

ސަރުކާރުގެ މުއައްޒިފުންނަށް، އަދި ރައްޔިތުންނަށް، ހަރަދު ކުޑަކުރުމަށް އިލްތިމާޒް ކުރުމަށްފަހު، އެންމެ ފުރަތަމަ ބޭރު ގައުމަކަށް ފުރާވަޑައިގަތް އެއް ބޭފުޅަކީ މިނިސްޓަރު އަމީރެވެ. އަދި ރައީސް ސާލިހުވެސް އެކި ނަން ނަމުގައި އެކި ކަންކަމުގައި ބޭރު ގައުމުތަކަށް ދަތުރު ކުރައްވަމުންދެއެވެ. ބޭރު ގައުމުތަކުން ދިވެހި ސަރުކާރުގެ ހުރިހާ އިސްވެރިން ކުރަމުންދާ ދަތުރުތަކާއި، އެ ދަތުރު ތަކުގައި ހިނގާހާ ހަރަދުތަކެއް ނުހިފާނެއެވެ. އަދި އެކުގައި ސެކިއުރިޓީއަށް ދާ ވަފުދުތަކާއި، ގެންދާ މީޑިއާޓީމަކަށްވެސް ބޭރު ގައުމުތަކުން ހަރަދެއް ކުރަންވީ ސަބަބެއްވެސް ނެތެވެ. އެހެން ނަމަވެސް ދެގަޑިން ކާ ބޭހެއް ފަދައިން، ރައީސް ސާލިހާއި، މިނިސްޓަރު އަމީރުގެ އިތުރުންވެސް އެހެނިހެން މިނިސްޓަރުންވެސް ބޭރު ގައުމުތަކަށް ވަޑައިގަންނަވާ ގިނަ ހަރަަދުތަކެއް ކުރައްވަމުންދެއެވެ.

ދިވެހި ރައްޔިތުން ކުރަމުންދާ ހަރަދުތައް ކުޑަކުރުމަށް އިލްތިމާޒް ކުރެއްވުމަށް ފަހު، ހަރަދު ކުޑަކުރުމަށް މިނިވަންދުވަސް ފާހަގަ ނުކުރުމަށް ނިންމި އިރު، ބޭރު ގައުމުތަކަށް ވަޑައިގެން ތިއްބަވާ މިނިސްޓަރުންގެ ކެއިން ބުއިމަށް ހޭދަވާ ފައިސާތަކުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ބޮކި ފަތި ދިއްލައި، ކުލަގަދަ ގޮތަކަށް މިނިވަންދުވަސް ފާހަގަކުރެވޭނެކަން ޔަގީނެވެ. އެހެން ނަމަވެސް އެ ކަން ކުރެވޭތަނެއް ނުފެނެއެވެ. ކުރުމަށް ޝައުގުވެރިކަމެއް އޮތް ހެނެއް ހީވެސް ނުވެއެވެ. ރައީސް ސާލިހުގެ ސަރުކާރުގެ ވިސްނުން ހުރި ގޮތުން، މާލިއްޔާތައް ބުރޫ އަރަނީ މިނިވަންދުވަހު ރައްޔިތުންގެ ހިނުތުން ވުމުން ކަމުންނެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ 57 ވަނަ މިނިވަންދުވަސް ފާހަގަ ނުކުރުމަށް ނިންމުމާއި ގުޅިގެން ސަރުކާރަށްވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިއެވެ. އެގޮތުން، ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަނީ ނޫންކަމަށް އާންމުންވެސް ބުނެއެވެ. މިނިވަންދުވަސް ފާހަގަކުރެވޭނީ މިނިވަން ގައުމަކުންކަމަށްވެސް ބުނެއެވެ.

ރައްޔިތުންގެ ފަރާތުނާއި އިދިކޮޅުންވެސް އިވިގެންދަނީ އެއް އަޑެކެވެ. ރާއްޖޭގެ މިނިވަންދުވަސް ފާހަގަ ނުކުރުމަށް ނިންމީ، ބޭރު ގައުމެއްގެ ނުފޫޒުގެ ދަށުންނެވެ. ރާއްޖޭގެ މިނިވަންކަމެއް ނެތްކަމުގެ އަޑެވެ. ނޫންނަމަ، މިނިސްޓަރުންގެ ކެއުމަށް ހަރަދުކުރަމުންދާ އެތައް ލައްކައަކުން މުޅި ގައުމެއްގެ ހިނިތުންވުން ނުގަނެވޭނެ ސަބަބެއް ނެތްކަމަށްވެސް ގިނަ ބަޔަކު ބުނެއެވެ.

މި އެކަންޏެއް ނޫނެވެ. ހަރަދު ކުޑަކުރުމަށް ރައްޔިތުންނަށް ލިބޭ މަދު އުފާވެރިކަންތައް ނަގާލުމުގެ އިތުރުން، މާލިއްޔާތައް އިތުރު ކުރުމަށް ރައްޔިތުންނަށް ލިބެމުންދާ މަދު ލާރިކޮޅުން ބައެއް ނެގުމަށްވެސް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދަނީއެވެ. ރައީސް ސާލިހުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުން ދިވެހިރާއްޖޭގެ މިނިވަންކަމާއި މެދު ޝައްކު އުފެދި، ގައުމު އުދާސް ގަނޑެއްގެ ތެރެއަށް ވެއްޓިގެންދާ މަންޒަރުވެސް ސިފަވެގެންއެބަދެއެވެ.

އިދިކޮޅުން ބުނަމުންދަނީ، ރާއްޖޭގެ ތާރިހުގައި ފާހަގަކުރާ އެންމެ މުހިންމު ދުވަސް ފާހަގަނުކުރުމުގެ އަސްލަކީ، މިނިވަންކަމުގެ ދުވަސްތައް ފަހަނަ އަޅާ ގޮސްފައިވުމެވެ. ދިވެހިރާއްޖެ އަޅުވެތިވެފައިވުމެވެ. އެހެންނަމަވެސް، މި ކަމަކީ ތެދެއްކަމަކަށް ނުދެކެމެ. ވެފައިވާނަމަ އަޅުވެތިވެފައިވަނީ، ސަރުކާރުގެ އިސްވެރިންނެވެ. ފައިސާގެ ދަހިވެތިކަމުގެ ދަށުގައެވެ. ޔޫރަޕަށް ފުރުމަށް ފަސްޓް ކްލާހުން ނަގާ ކޮންމެ ޓިކެޓަކުން ރަށެއް ދިއްލާލެވޭނެއެވެ. ކާން އަރާ ހަރަދު ކުރާ ލައްކައިން، ފުޅަނދުތައް މުޅި ގައުމުގައިވެސް ދުއްވަންވީއެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރުން ކެންސަލް ކުރެވިފައިވާ ސަބަބަކީ، އަޅުވެތި ވުންކަމަށް އިދިކޮޅުން ބުނި ނަމަވެސް ހަގީގަތަކީ، މިގޮތަށް ކަން ދިމާވީ ސަބަބަކީ ހަރަދު ކުޑަކުރަން ބުނި ފަރާތްތަކަށް ބަހާއި އަމަލާއި ދިމާކުރަން ނޭނގުމެވެ. އިހުލާސްތެރިކަމެއް ނެތް ނަމަވެސް، ދަޅައަކަށްވިޔަސް އެ އުސޫލުތަކުން ކަންކަން ކުރިއަށްގެންދިޔަނަމަ، މި ދުވަސް ދެކެން ނުޖެހުނީހެވެ.

ދިވެހިރާއްޖެވަނީ އަޅުވެތިވެފައިކަމަށް، އިދިކޮޅުން ދައްކަމުންދާ ވާހަކަތަކާއި، ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ފެންނަމުންދާ މަންޒަރުތަކުން މުޅި ގައުމުގެ ރައްޔިތުންވަނީ، އަދިރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. މުޅި ގައުމުގެ ރައްޔިތުންވަނީ، އުޖާލާ އުފާވެރި ދުވަހަކަށް ފެން ބޮވައިގަނެވިފައެވެ. ރައީސް ސާލިހުގެ ސަރުކާރުގެ ފަރާތުން، ދިވެހިރާއްޖެ އަޅުވެތިވެފައިނުވާކަމުގެ ސާފު އިޝާރާތެއް ދޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެހެން ނަމަވެސް މި ފެނިގެންދިޔައީ އަނެއްކާވެސް އިދިކޮޅުން ކުލަ ކުރާ މަންޒަރުގެ ތެރެއިން ބައެކެވެ.

ހަރަދު ކުޑަކުރަންވީ ރައްޔިތުންގެ ހަޔާތް ބަނަކޮށްގެން ހެއްޔެވެ. ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރުތައްވެސް ތަހައްމަލު ކުރަން ޖެހެނީ ރައްޔިތުން އެކަނި ހެއްޔެވެ. ފުޅަނދު ބުރަކުން މާލިއްޔާތައް ބުރަވާނަމަ، ދުނިޔެ ވަށާ އެ ޖަހަމުންދާ ބުރުތަކާއި، ކޮންމެ ރެސްޓޯރެންޓަކަށް ލައްކައިން ކުރަމުންދާ ހަރަދުތަކުން ޔަގީނުންވެސް މާލިއްޔާތައް ބުރާވާނެއެވެ. މިނިވަންދުވަސް ފާހަގަ ނުކުރަނީ، ހަރަދު ކުޑަކުރަންތޯ، ނުވަތަ ފާހަގަކުރަން ބޭނުންވެސް ނުވަނީތޯ ސުވާލު އުފެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: