ގުޅުންތައް ބަދަހިކޮށް، ރާއްޖެއާއި އެކު އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންް ލިޖިން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ނެރުއްވި ވީޑިއޯ މެސެޖެއްގައި ސަފީރު ވިދާޅުވީ، ޗައިނާއަކީ ރާއްޖޭގެ ޒަމާންވީ ގާތް އެކުވެރިއެއް ކަމަށެވެ. އަދި ރާއްޖޭގެ ތަފާތު އެކި ދާއިރާތަކަށް ކުރިއަރުވައި، އިގްތިސާދީ ގޮތުން ރާއްޖެ އިތުރަށް ކުރިއަރައި ދިއުމަށް ގިނަ މަސައްކަތްތަކެއް އެކުގައި ކުރެވުނުކަން ފާހަގަ ކުރެއްވި އެވެ. ސަފީރު ވާން ލިޖިން ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި ވެސް ދެ ގައުމަށް ފައިދާ ކުރާނެ ގޮތަކަށް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ކަމަށެވެ.
މި އަހަރަކީ ރާއްޖެއާއި ޗައިނާގެ ގުޅުމަށް ވެސް 50 އަހަރު ފުރުނު އަހަރަށް ވުމާއި އެކު، ތަފާތު އެކި ދާއިރާތަކުން ކުރިޔަށް ދިއުމުގައި ސަރުކާރަށް އިތުރު އެއްބާރުލުންތައް ދެމުން ގެންދާނެކަމަށް ސަފީރުގެ ވާހަކައިގައި ވިދާޅުވި އެވެ.
ސަފީރު ވަނީ ޗައިނާގެ ރައީސް ޝީ ޖިޕިންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފަ އެވެ.
ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހި ކުރުމަށް އެކި މަޝްވަރާތަކެއް ކުރެވިފައި ވެއެވެ. އަދި ޗައިނާ އަކީ ރާއްޖޭގެ ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ކުރިޔަށް ގެންދާ، އަދި ބައެއް މަޝްރޫއުތަކެއް ކުރިޔަށް ގެންދިއުމަށް ލޯނުތައް ފޯރުކޮށްދިން ގައުމެކެވެ.

