މުދައްރިސުންނަށް ލައިސަންސެއް ދޫކުރުމާ ގުޅޭ ހުރިހާ ލިޔެކިޔުންތައް މިހާރު ނިމިފައިވާ ކަމަށާއި، މި އަހަރުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި މިނިސްޓަރު މިއަދު ދެއްވި ޚިތާބުގައި ވިދާޅުވީ މުދައްރިސުންނަށް ކިޔަވައި ދިނުމުގެ ލައިސަންސު ދޫކުރުމަކީ ތައުލީމީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅު ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން، މުދައްރިސްކަމުގފެ ތައުލީމް ހަރުދަނާވެ، ހުނަރުވެރި، އަބުރުވެރި މުދައްރިސުން ކުރިމަގުގައި ލިބޭނެކަމަށް މިނިސްޓާ ވަނީ ވިދާޅުވެފައެވެ.
”މިކަމުގެ ނަތީޖާއެއްގެ ގޮތުން، އުންމީދު ކުރަނީ، މުދައްރިސް ކަމުގެ ތައުލީމު ހަރުދަނާވެ، ހުނަރުވެރި، އަބުރުވެރި މުދައްރިސުން ކުރިމަގުގައި ލިބޭނެކަމަށް“ މިނިސްޓަރު ވިދާޅުވިއެވެ.
ތައުލީމީ އާ ގާނޫނަށް އަމަލުކުރަން ފެށިތާ އަހަރެއް ފުރެން ގާތްވެފައިވާއިރު، އެ ގާނޫނާ ގުޅިގެން ހަދަންޖެހޭ ހުރިހާ ގަވާއިދެއް މިހާރު ހަދާ ނިމިފައިވާ ކަމަށާއި މި އަހަރު އެ ގަވާއިދުތައް ތަންފީޒުކުރަން ފެށޭނެ ކަމަށް ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މިހާރު އޮންނަ ގަވައިިދުގެ ދަށުން އެއްވެސް ޓީޗަރަކަށް ވަކި ލައިސަންސެއް ދޫކޮށްފައެެއް ނޯވެއެވެ. ޓީޗަރުން ރަޖިސްޓްރީ ކޮށްފައި ތިބެނީ އެޑިއުކޭޝަން މިނިސްޓްރީގައެވެ. އަދި، އެއްވެސް ޓިއުޝަން ސެންޓަރަކުން ނުވަތަ ކްލާހެއްގެ ޓީޗަރަކުވެސް އެކަން ކުރަމުންދަނީ ރަޖިސްޓްރީ ކޮށްގެން، ރެގިއުލަރައިޒް ކޮށްގެނެއް ނޫނެވެ.

