ދިވެހި ފިރިހެނުންތަކެއް އެއްޖިންސުން ގުޅުން ހިންގަނިކޮށް، ފެނިގެންދާ ވީޑިއޯތައް އާންމު ކުރި ފަރާތްތަކާއި އެކަން ”އެއްގޯސްކުރަން“ މަސައްކަތްކުރި ފަރާތްތައް ފޮރުވައިގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ބިދޭސީ ޒުވާން ފިރިހެނަކާއި އެކު ގިނަ ދިވެހިންތަކެއް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެ ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ހެކި ލިބޭ މިންވަރަކުން އެ މީހަކު މަސައްކަތް ކުރަމުން ދާ މުވައްސަސާތަކަށް ރަސްމީކޮށް އެކަން އަންގަމުން ދާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގައި މިހާތަނަށް ފުލުސް އޮފިސަރަކާއި، އެމްއެންޑީއެފް އޮފިސަރެއް، އަދި ކަސްޓަމްސްގެ ދެ އޮފިސަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އޮފިސަރެއް އަދި ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި، މިސްކިތުގެ މުދިމެއް، އަދި ޓީޗަރުންތަކެއް ވަނީ ސަސްޕެންޑުކޮށްފަ އެވެ.
މި މައްސަލައިގައި ހައްުޔަރު ކުރީ ވަކި ބައެއްކަމަށާއި، ގާނޫނު ހިންގަންވީ ރުޅި އަންނަ މީހާއާއި ދެކޮޅަށް ނޫންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޝައިހު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވުމުން އެކަމަށް ތާއީދު ކުރައްވައި ވަހީދު ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މީހުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރަން ޖެހޭ ގޮތަށް، އެފަދަ އަމަލެއް ހިންގުވުމަށް ރާވައި އެ އަމަލު ހިންގާ މަންޒަރު ވީޑިއޯކޮށް، އެތަކެތި ބޭނުންކޮށްގެން ބްލެކްމެއިލް ކުރި ފަރާތްތަކުގެ މައްޗަށް ވެސް ގާނޫނު ތަންފީޒު ކުރެވެން ޖެހޭކަމަށެވެ.
އަލަމްގިރިއާއި އެކު އެއްޖިންސުން ގުޅުން ހިންގި މީހުންނަށް ބްލެކްމައިލް ކުރުމަށް ބަޔަކު މީހުން ރޭވިކަމަށާއި އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކޮށް ފައިސާ ތަކެއް ނެގުމަށް މަސައްކަތްތަކެއް ކުރިކަން ފާހަގަކުރައްވާ ވަހީދު ވިދާޅުވީ، މުޖުތަމައުގެ ތެރެއަށް އެފަދަ ވީޑިއޯތަކެއް އާންމު ކުރި މީހުންނާއި އެކަން އެއްގޯސްކުރަން މަސައްކަތްކުރި ފަރާތްތަކުގެ މައްޗަށްވެސް ގާނޫނު ތަންފީޒު ކުރެވެން ޖެހޭކަމަށެވެ. އަދި އެ އަމަލުތައް ހިންގި ފަރާތްތައް ފޮރުވައިގެން ނުވާނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.
ވަރަށް ބޮޑު ތެދުފުޅެއް. އަދި ހަމަ މިގޮތަށް، ރޭވި އިންތިޒާމުވެގެން މިކަންކަން ކުރުވައި، ވީޑިއޯކޮށް، އެތަކެތި ބޭނުންކޮށްގެން ބްލެކްމެއިލްކޮށް، މިލިއަނުން ފައިސާ ނަގައި، މުޅި މުޖްތަމައުގައި މިތަކެތި އާއްމުކޮށް، މިކަން ‘އެއްގޯސްކުރަން’ މަސައްކަތް ކުރި މީހުން ފޮރުވައިގެން ނުވާނެ. https://t.co/T940MWqOz6
— Waddey (@waddey_) August 9, 2022
ބަންގްލަދޭޝް ފިރިހެނެއް ކަމަށްވާ އަލަމްގިރިއާއެކު 250 ވަރަކަށް މީހުން އެއްޖިންސުން ގުޅުން ހިންގާފައިވާކަމަށް ހާމަވެފައިވާއިރު، އެމްޑީ އަލަމްގިރިވަނީ ބްލެކްމެއިލް ކުރުމަށް މަސައްކަތްތަކެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައެވެ. އެނާގެ އިތުރުންވެސް މި މައްސަލައާއި ގުޅިގެން އިތުރު ފަރާތްތަކެއް ހައްޔަރު ކުރެވިފައިވެއެވެ. އެގޮތުން އެލަމްގިރި އާއި އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކުރެވިފައިވެއެވެ.
އަލަމްގިރިއާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރެވިފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ލޯޔަރު ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދާއި، ފުލުހުންގެ މުއައްސަސާއަށް ނިސްބަތްވާ ފަރާތެއްކަމަށްވާ އަބްދުލްރަހްމާން ރަފީއުއެވެ.
މީގެ އިތުރުން އެހެން ފަރާތަކާއި އެކު އެއްޖިންސުން ގުޅުހުން ހިންގި މައްސަލައެއްގައި ނޫސްވެރިއަކުވެސް ހައްޔަރު ކުރެވިފައިވެއެވެ. އަދި ޓީޗަރުންތަކަކާއި، ހޯމް މިނިސްޓްރީގެ ފަރާތެއްގެ އިތުރުން ގުރުއާނާއި ބެހޭ މަރުކަޒުގެ މުޝީރުގެ މަގާމުގައި ހުރި ފަރާތެއްގެ މައްޗަށްވެސް ވަނީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ފިޔަވަޅުތަކެއް އެޅިފައެވެ.

